ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ރަޝިއާއާއި މޮރޮކޯއަށް ނޮން-ރެޒިޑެންޓް ސަފީރުން އައްޔަންކުރުމަށް މަޖިލީހުން ފާސްކޮށްފި

މަޖިލީހުން ރުހުން ދިން ސަފީރުން
މަޖިލީހުން ރުހުން ދިން ސަފީރުން

ދެ ޤައުމަކަށް ނޮން ރެޒިޑެންޓް ސަފީރުން އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ނޮން-ރެސިޑެންޓް ސަފީރުން އައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވަނީ ރަޝިއާ އަދި މޮރޮކޯއަށެވެ. އެގޮތުން، ރަޝިއާއަށް ނޮން ރެޒިޑެންޓް ސަފީރުގެ ގޮތުގައި ކަނޑައަޅުއްވާފައިވަނީ ތުރުކީވިލާތަށް ދިވެހިރާއްޖޭން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ލެފްޓިނެޓް ޖެނެރަލް ރިޓަޔަރޑް އަބްދުއްރަޙީމް އަބްދުއްލަތީފެވެ. މޮރޮކޯއަށް ނޮން ރެޒިޑެންޓް ސަފީރުގެ ގޮތުގައި އައްޔަން ކުރެއްވުމަށް ރައީސް ފޮނުއްވެވީ ސައުދިއަރަބިއްޔާއަށް ރާއްޖޭން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަހުމަދު ސަރީރުގެ ނަންފުޅެވެ.

އެ ދެ ބޭފުޅުން ނޮން ރެޒިޑެންޓް ސަފީރުންނަށް އައްޔަން ކުރުމަށް ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން ފާސްކުރުމަށްފަހު ވަނީ މަޖިލިހުގެ ތަޅުމަށް ހުށަހަޅާފައެވެ. އަދި މަޖިލީހުން އެ ދެ ބޭފުޅުންނަށް ރުހުން ދެއްވާފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ.

ނޮން ރެސިޑެންޓް ސަފީރުކަމަށް އައްޔަންކުރުމަށް މަޖިލީހުން ފާސްކުރުމުން އެ ބޭފުޅުންނަށް ސަފީރުކަމުގެ މަޤާމަށް އައްޔަންކުރައްވާނީ ރައީސުލްޖުމްހޫރިއްޔާއެވެ.
ފިލިޕީންސްއަށް ނޮން ރެޒިޑެންޓް ސަފީރަކު އައްޔަން ކުރެއްވުމަށްވެސް ރައީސުލްޖުމްހުރިއްޔާ ވަނީ މަޖިލީހަށް ފޮނުއްވާފައެވެ. އެ މަގާމަށް އައްޔަން ކުރެއްވުމަށް ރައީސް ފޮނުއްވެވީ މެލޭޝިއާއަށް ދިވެހިރާއްޖޭން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. މަރްޔަމް ޝަބީނާ އަހުމަދުގެ ނަންފުޅެވެ.

ފިލިޕީންސްއަށް ނޮން ރެޒިޑެންޓް ސަފީރަކު އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ ދިރާސާކުރުމަށް ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ވަނީ ފޮނުއްވާފައެވެ.