ބޯޓުތަކަށް ހަމަލާ ދިނުމަކީ ބަލައިގަނެވޭނެކަމެއް ނޫން، ހަރުކަށި އިބާރާތުން ކުށްވެރިކުރަން: ރައީސް
ގްލޯބަލް ސުމޫދް ފްލޮޓިލާ އަށް ހަމަލާ ދިނުން ރައީސުލް ޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ކުށްވެރިކުރައްވައިފިއެވެ.
ރައީސް މުއިއްޒު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރަމުންދިޔަ "ގްލޯބަލް ސުމޫދް ފްލޮޓިލާ" އަށް އިސްރާއީލުން ހަމަލާދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި މިފަދަ ޢަމަލުތަކަށް ފުރުސަތު ދީގެން ނުވާނެ ކަމަށްވެސް ވިދާޅުވިއެވެ.
"އަސާސީ ޙައްޤުތަކާއި އަސާސީ ބޭނުންތަކުން މަޙްރޫމްވެފައިވާ ރައްޔިތުންނަށް އެހީ ފޯރުކޮށްދިނުމަށް ދަތުރުކުރި އުޅަނދުތަކަށް ހަމަލާދިނުމަކީ އިންސާނިއްޔަތަށާއި ބައިނަލްއަޤްވާމީ ޤާނޫނުތަކަށް ކުރެވުނު ބޮޑު އިހާނެތި ޢަމަލެއް" ރައީސް މުއިއްޒު ވިދާޅުވިއެވެ.
އިސްރާއީލުން އިންސާނީ ކަރާމާތަށް އިޙްތިރާމް ނުކުރުމާއި، ރަޙުމްކުޑަ އަނިޔާވެރި ޢަމަލުތައް ހިންގުމުގެ ސަބަބުން، ދުނިޔޭގެ އެހެން ޤައުމުތަކާ އެ ޤައުމު އިތުރަށް އެކަހެރިވަމުންދާ ކަމަށް ރައީސް މުއިއްޒު ފާހަގަކުރެއްވިއެވެ.
އިސްރާއީލުން ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފަށް ހިންގަމުންދާ ޢަމަލުތަކާ ދެކޮޅަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުއަށް ރައީސް މުއިއްޒު ގޮވާލެއްވިއެވެ. އަދި ފަލަސްޠީނު ރައްޔިތުންގެ އިންސާނީ ޙައްޤުތަކަށާއި، ޢަދުލު އިންސާފަށާއި، ސުލްޙައަށް ކުރާ ހަމަޖެހޭ ނިކަމެތި މަސައްކަތުގައި ދިވެހިރާއްޖެއިން އެ ރައްޔިތުންނާއެކު ސާބިތުކަމާއެކު ދެމިހުންނާނެ ކަމަށްވެސް ވިދާޅުވިއެވެ.
Ads by BML
Ads by MACL
