ހަންކެޑަ ފަތުރުވެރިކަމަށް ހުޅުވާލުމުގެ މަސައްކަތް މިނިސްޓްރީން ފަށައިފި
އައްޑޫ ސިޓީގެ ހަންކެޑަ، އިންޓަގްރޭޓެޑް ޓޫރިޒަމް ޕްރޮޖެކްޓެއްގެ ގޮތުގައި ތަރައްޤީކުރުމަށްޓަކައި ބީލަމުގެ އުސޫލުން ފަތުރުވެރިކަން ތަރައްޤީކުރުމަށް ހުޅުވާލުމުގެ މަސައްކަތް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓްއިން މިހާރު ކުރިއަށްގެންދާ ކަމަށް ޓޫރިޒަމް މިނިސްޓަރ ޠާރިގު އިބްރާހިމް ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ އަމާޒަކީ މިއަހަރު ތެރޭގައި މި މަސައްކަތް ފަށައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މި ދައުރުގައި ހަންކެޑަ އޮޕަރޭޝަނަށް ގެނައުން ކަމަށް މިނިސްޓަރ ޠާރިގު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފާހަގަކުރެއްވިއެވެ.
މިކަމާ ގުޅިގެން، އައްޑޫ ސިޓީގެ ހަންކެޑަ ތަރައްޤީކުރުމަށް މިނިސްޓްރީ އޮފް ޓޫރިޒަމް އާއި މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަނާ ދެމެދު ވެފައިވާ އެއްބަސްވުން ރައީސް މުއިއްޒު ރޭ ވަނީ ބާތިލްކުރައްވާފައެވެ. އަދި ހަންކެޑައަކީ ސަރުކާރުގެ ޓޫރިޒަމް ރިއަލް އެސްޓޭޓް ޑިވެލޮޕްމަންޓް ޕްރޮޖެކްޓެއް ހިންގާ ސަރަޙައްދެއްގެ ގޮތުގައި ކަނޑައަޅާފައިވާ ޤަރާރު ވެސް ވަނީ އުވާލައްވާފައެވެ. ކުރިން "ހަލާލް ޓޫރިޒަމް" ތަރައްޤީކުރުމަށް ހުޅުވާލެވުނު ރަށްތަކުގެ ލިސްޓުން ވެސް މިހާރު ވަނީ ހަންކެޑަ އުނިކޮށްފައެވެ.
Ads by BMLމިދިޔަ ސަރުކާރުގެ ދަށުން ހަންކެޑަ ތަރައްގީ ކުރުމުގެ މަސައްކަތް ޗައިނާގެ ނޭޝަނަލް އިލެކްޓްރިކަލް އިންޖިނިއަރިން ކުންފުންޏަކާ ހަވާލުކުރިއެވެ. މި ސަރުކާރު ވެރިކަމާ ހަވާލުވުމަށް ފަހު، މިދިޔަ އަހަރުގެ އޭޕްރީލް މަހު ހަންކެޑަ ތަރައްގީ ކުރުމުގެ މަޝްރޫއުގެ ބިންގާ ވެސް އެޅި ނަމަވެސް، މަސައްކަތުގެ އަމަލީ ފިޔަވަޅެއް އަދި ފެށިފައެއް ނުވެއެވެ.
މީގެ ކުރިން މިދިޔަ ޖޫން މަހު، ރާއްޖޭގެ ހަ ސަރަހައްދެއްގައި ހަލާލު ޓޫރިޒަމް ތަރައްގީ ކުރަން ނިންމާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފައިވާ އިރު، އޭގެ ތެރޭގައި ހަންކެޑަ ވެސް ހިމެނުނެވެ.
އައްޑޫގެ ރައްޔިތުން ވަރަށް ބޮޑު އުއްމީދެއް ކުރަމުން އަންނަ ހަންކެޑަ ތަރައްގީ ކުރުމުގެ މަސައްކަތް، ތަފާތު ދައުރުތަކުގައި ހަތަރު ކުންފުންޏަކާ ހަވާލުކުރެވިފައިވާ ތާރީޚެއް ވެސް އެބަހުއްޓެވެ. ފުރަތަމަ މި މަޝްރޫއު ހަވާލުކުރެވުނީ ފުވައްމުލަކުގެ ތޫނޑު ޕްރައިވެޓް ލިމިޓެޑާއެވެ. ނަމަވެސް، 18 އަހަރު ކުރިން ހަވާލުކުރެވުނު މި މަޝްރޫއު ކުރިއަށް ނުގެންދެވުމުގެ ސަބަބުން، 2,500 ޑޮލަރުގެ ޖޫރިމަނާއަކާއެކު ސަރުކާރުން ތޫނޑުގެ އަތުން ހަންކެޑަ ނެގިއެވެ.
އެއަށްފަހު، 2008 ވަނަ އަހަރު ހަންކެޑަ ތަރައްގީ ކުރުމުގެ މަސައްކަތް ހާފް ޑިގްރީ ނަމަކަށް ކިޔާ ކުންފުންޏަކާ ހަވާލުކުރިއެވެ. މި ކުންފުނިން ސާމްޕަލް ރޫމެއް ތައްޔާރުކުރި ނަމަވެސް، އިތުރު އެއްވެސް މަސައްކަތެއް ނުކުރެވި މަޝްރޫއު ހުއްޓުނީއެވެ.
އޭގެ ފަހުން ސިންގަޕޫރުގެ ކްރެސެންޑާޒް ގްރޫޕާ މި މަޝްރޫއު ހަވާލުކުރިއެވެ. އެ ކުންފުނިން ހަންކެޑަ ތަރައްގީ ކުރުމުގެ ޕްލޭންތައް މީޑިއާއާ ހިއްސާކޮށް، 2014 ވަނަ އަހަރު ހަތަރު ނުވަތަ ފަސް ތަރީގެ ރިސޯޓެއްގެ ގޮތުގައި ހުޅުވާނެ ކަމަށް ބުނި ނަމަވެސް، މި ކުންފުންޏަށް ވެސް މަޝްރޫއުގެ އެއްވެސް އަމަލީ މަސައްކަތެއް ކުރެވިފައި ނުވެއެވެ.
Ads by MACL
