ނަފްސާނީ ދުޅަހެޔޮކަން އިތުރުކޮށް، އަމިއްލައަށް މަރުވުން ހުއްޓުވުމަށް ޤައުމީ ފަސް އަހަރުގެ ސްޓްރެޓެޖީއެއް އިފްތިތާޙުކޮށްފި
ނަފްސާނީ ބަލިތަކާ ގުޅިގެން އަމިއްލައަށް މަރުވާ މީހުންގެ އަދަދު މަދުކުރުމަށްޓަކައި، ދިވެހިރާއްޖޭގެ "ނޭޝަނަލް ސުއިސައިޑް ޕްރިވެންޝަން ސްޓްރެޓެޖީ" މިއަދު ވަނީ އިފްތިތާޙުކޮށްފައެވެ.
ކުރިއަށް އޮތް ފަސް އަހަރަށް ބައްޓަންކުރެވިފައިވާ މި ސްޓްރެޓެޖީގެ މައިގަނޑު މަޤްޞަދަކީ، އާންމު ރައްޔިތުންގެ ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމާއި، ނަފްސާނީ ބަލިތަކުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުގެ މިންވަރު ކުޑަކުރުމެވެ. ހެލްތް މިނިސްޓްރީގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައި މި ސްޓްރެޓެޖީ އިފްތިތާޙުކޮށްދެއްވީ ޑިރެކްޓަރ ޖެނެރަލް އޮފް ހެލްތު ސަރވިސަސް، ޑރ. އަހްމަދު އަޝްރަފެވެ.
މި ސްޓްރެޓެޖީގައި ހިމެނޭ މުހިންމު ކަންތައްތަކުގެ ތެރޭގައި، އަމިއްލައަށް މަރުވުން ހުއްޓުވުމަށް އެހީތެރިވާ ސިޔާސަތުތައް ބައްޓަންކުރުމާއި، މުޖުތަމަޢުގައި އިޖްތިމާޢީ ހުނަރުތައް ދަސްކޮށްދިނުން ހިމެނެއެވެ. މީގެ އިތުރުން، ނަފްސާނީ ޞިއްޙަތުގެ ޚިދުމަތްތައް ހޯދުމަށް ފަސޭހަ މަގުތައް ތަނަވަސްކުރުމާއި، ނާޒުކު ހާލަތްތަކުގައި ތިބޭ ފަރާތްތައް ދެނެގަނެ ވަގުތުން އެހީތެރިކަން ފޯރުކޮށްދިނުމުގެ ނިޒާމުތައް ހަރުދަނާކުރުންވެސް މި ސްޓްރެޓެޖީގެ މައިގަނޑު ބައިތަކުގެ ތެރޭގައި ހިމެނެއެވެ.
Ads by BMLދުނިޔޭގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ކޮންމެ އަހަރަކު 720,000 އަށްވުރެ ގިނަ މީހުން އަމިއްލައަށް މަރުވުމުގެ ޢަމަލަށް ހުށަހެޅެއެވެ. ދިވެހިރާއްޖޭގައި ކުރެވުނު ދިރާސާތަކުން އެނގޭ ގޮތުގައި، ކޮންމެ 20 މީހަކުން އެކަކު އަމިއްލަ ނަފްސަށް ގެއްލުންދިނުމުގެ ނުވަތަ އަމިއްލައަށް މަރުވުމުގެ ޚިޔާލުތައް ގެންގުޅެއެވެ. މި ސްޓްރެޓެޖީގެ ސަބަބުން، ނަފްސާނީ އެހީތެރިކަން ބޭނުންވާ ފަރާތްތައް އަވަހަށް ދެނެގަނެ، އެހީތެރިކަން ފޯރުކޮށްދިނުމަށް އެޅޭނެ މުހިންމު ފިޔަވަޅުތަކެއްގެ ގޮތުގައި ފަރުވާގެ ޕްރޮގްރާމްތަކުގައި ދެމިތިބުމަށް ބާރުއެޅުމާއި، ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް މަސައްކަތްކުރެވޭނެއެވެ. މީގެ އިތުރުން، މުޖުތަމަޢުގެ ހޭލުންތެރިކަން އިތުރުކުރުމާއި، އިޖުތިމާޢީ، އިޤްތިޞާދީ އަދި ޘަޤާފީ ކަންކަމުގައި މުޖުތަމަޢު ބައިވެރިކުރުވުމާއެކު، ނާޒުކު ހާލަތުގައި ތިބި ފަރާތްތަކަށް އަވަސް ނަފްސާނީ އެހީތެރިކަން ފޯރުކޮށްދިނުންވެސް މި ސްޓްރެޓެޖީގެ މުހިންމު އެއްބައެވެ.
Ads by MACL
