ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ޣައްޒާ ފްލޮޓީލާގެ އުޅަނދުތައް ހުއްޓުވުމާ ދެކޮޅަށް މާލޭގައި މުޒާހަރާއެއް!

ޣައްޒާ ފްލޮޓީލާގެ އުޅަނދުތައް ހުއްޓުވުމާ ދެކޮޅަށް މާލޭގައި މުޒާހަރާއެއް!

ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ދަތުރުކުރަމުންދާ "ގްލޯބަލް ސުމޫދު ފްލޮޓިއްލާ" ގެ ބޯޓުތައް ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުން ހުއްޓުވުމާ ދެކޮޅަށް ރާއްޖޭގައި އަޑުއުފުލުމަށް ނިންމައިފިއެވެ. މިކަމާ ގުޅިގެން މިރޭ 8:00 ގައި އާޓިފިޝަލް ބީޗުގައި އިހުތިޖާޖީ އެއްވުމެއް ބޭއްވުމަށް ހަމަޖެހިފައިވެއެވެ.

އިންޓަނޭޝަނަލް މުސްލިމާ އެއިޑް އެންޑް އެޑިއުކޭޝަން (އައިއެމްއޭއީ) އިން އިންތިޒާމުކުރާ މި މުޒާހަރާގައި ގިނަ ބަޔަކު ބައިވެރިވުމަށް އެދިވަޑައިގަންނަވާ ކަމަށް، މި ހަރަކާތް އިންތިޒާމްކުރުމުގައި އިސްކޮށް މަސައްކަތްކުރައްވާ ޑރ. ޝަޒްރާ އިބްރާހީމް ވިދާޅުވިއެވެ.

ޣައްޒާގެ ހިސާރު ނިމުމަކަށް ގެނެސް، އެ ސަރަހައްދުގެ ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް 44 ގައުމެއްގެ ރައްޔިތުން އިސްނަގައިގެން، ދިވެހިރާއްޖެ ހިމެނޭގޮތަށް ކަނޑުމަގުން ދަތުރުކުރަމުންދާ "ގްލޯބަލް ސުމޫދު ފްލޮޓިއްލާ" ގައި 500 އަށްވުރެ ގިނަ މީހުން ބައިވެރިވެފައިވެއެވެ. އޭގެ ތެރޭގައި ބައެއް ގައުމުތަކުގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންނާއި ގާނޫނީ ވަކީލުން ވެސް ހިމެނެއެވެ.

މިހާތަނަށް 13 އުޅަނދަކަށް ޔަހޫދީ ސިފައިން އަރައި ހުއްޓުވާފައިވާ ކަމަށާއި، އިތުރު 30 އުޅަނދު ޣައްޒާއަށް ދަތުރުކުރަމުންދާ ކަމަށް ފްލޮޓިއްލާގެ ދަތުރު އިންތިޒާމުކުރާ ފަރާތުން މައުލޫމާތުދެއެވެ. މި ދަތުރުގައި ދިވެހިރާއްޖެއިން އިންޓަނޭޝަނަލް އެއިޑް ކެމްޕެއިންގެ ސެކްރެޓަރީ ޖެނެރަލް އިބްރާހީމް ޝާޒް ބައިވެރިވަމުން ދެއެވެ. ޔަހޫދީ ސިފައިން ހަތިޔާރާއެކު އުޅަނދުތަކަށް އަރައިގަންނަ މަންޒަރުތައް ދައްކުވައިދޭ ވީޑިއޯތަކެއް ފްލޮޓިއްލާގެ އެކްޓިވިސްޓުން ވަނީ އާންމުކޮށްފައެވެ. އަދި ޔަހޫދީ ސިފައިންގެ ބެލުމުގެ ދަށަށް އެކްޓިވިސްޓުން ގެންދިއުމަކީ ގަވައިދާ ހިލާފު ކުށެއްގެ ގޮތުގައި އެ ފަރާތްތަކުން ވަނީ ސިފަކޮށްފައެވެ.

މިފަދަ ހަރަކާތްތަކަށް ސަމާލުކަން ދިނުމަކީ ބައިނަލްއަގުވާމީ މުޖުތަމައުގެ ސުލްހަ މަސަލަސްކަމާއި އިންސާނީ ހައްގުތައް ހިމާޔަތް ކުރުމަށްޓަކައި މުހިންމު ކަމެކެވެ.