ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ނިމިދިޔަ ސަރުކާރުން ފައިސާ ނުދީ ހުރި ހުރިހާ ބިލްތަކަށް 5 ހަފްތާ ތެރޭގައި ފައިސާ ދައްކާނަން: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ---
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ---

ނިމިދިޔަ ސަރުކާރުން ވިޔަފާރިތަކަށް ފައިސާ ނުދީ ހުރި ހުރިހާ ބިލްތަކަށް 5 ހަފްތާ ތެރޭގައި ފައިސާ ދައްކަވާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި އިއުލާން ކުރައްވާފައި ވަނީ، ނިމިދިޔަ ސަރުކާރުން ދިވެހި ވިޔަފާރިތަކަށް ފައިސާ ނުދައްކާ ހުރި އެތައް ހާސް ބިލުތަކަށް، ކުރިއަށް އޮތް ފަސް ހަފްތާގެ ތެރޭގައި ފައިސާ ދައްކައި ނިންމަވާނެ ކަމަށެވެ. މިއީ ދިވެހި އިޤްތިޞާދަށް އާ އުންމީދެއް ގެނެސްދޭނެ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.


ރައީސް މުޢިއްޒު ފާހަގަކުރެއްވި ގޮތުގައި، 2023 ނޮވެމްބަރު 17 ގައި އެމަނިކުފާނުގެ ސަރުކާރު ވެރިކަމާ ހަވާލުވިއިރު، ދިވެހި ސަރުކާރަށާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް، ޤާނޫނުތަކާއި ޤަވާޢިދުތަކުގައި ކަނޑައަޅާފައިވާ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ހުށަހަޅާފައިވާ އެންމެހައި ބިލުތަކުގެ ފައިސާ ނުދައްކާ ހުއްޓެވެ. މިކަމުގެ ސަބަބުން ގިނަ ވިޔަފާރިތަކަށް މާލީ ދަތިކަން ކުރިމަތިވެފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.


އެމަނިކުފާނު ވަނީ މި ފައިސާ ދެއްކުމުގެ ނިންމުމަކީ، ފުން އަނދަވަޅެއްގައި އޭރު އޮތް ދިވެހި އިޤްތިޞާދު ނަގާ ކޮޅަށް ޖެހުމަށް ކުރެވެމުންދާ މަސައްކަތުގެ ތެރެއިން ޙާސިލްކުރެވޭ ވަރަށް ބޮޑު ކާމިޔާބިއެއް ކަމުގައި ސިފަކުރައްވާފައެވެ.


ކުރީގެ ސަރުކާރުތަކުގެ ދުވަސްވަރު، ޚާއްސަކޮށް ބޮޑެތި މަޝްރޫޢުތައް ހިންގުމުގައި، ދިވެހި ވިޔަފާރިތަކުން ހޯދި ޚިދުމަތްތަކާއި މުދަލުގެ ފައިސާ ދެއްކުން ލަސްވުމުގެ ސަބަބުން އެތައް ބިލިއަން ރުފިޔާއެއްގެ ދަރަނި އެއްވިކަމުގެ ޝަކުވާތައް ވަނީ ބޮޑުވެފައެވެ. މިކަމުގެ ސަބަބުން ގިނަ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް މާލީ ދަތިކަން ކުރިމަތިވެ، ބައެއް ވިޔަފާރިތައް ބަނގުރޫޓުވުމުގެ ހާލަތާވެސް ވަނީ ކުރިމަތިލާން ޖެހިފައެވެ.


ރައީސް މުޢިއްޒުގެ މި އިއުލާނާއެކު، ވިޔަފާރިވެރިންނާއި އާންމުންގެ ތެރޭގައި ވަނީ އިޤްތިޞާދީ ހާލަތު ރަނގަޅުވުމުގެ އުންމީދު އާވެފައެވެ. މިކަމުން ސަރުކާރުން އިޤްތިޞާދީ ހާލަތު ރަނގަޅުކުރުމަށް ދެމުންދާ ސަމާލުކަން ދައްކުވައިދޭ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.


މި އިއުލާނަކީ ދިވެހި ވިޔަފާރިވެރިންނަށް މާލީ ބުރަ ކުޑަކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ދެކެމުންނެވެ.