ޤައުމީ ފަތުރުވެރިކަމުގެ ދުވަސް: ރައީސްގެ އިލްތިމާސަކީ ގުދުރަތީ ރީތިކަމާއި، އަމާންކަމާއި، ދިވެހި އާދަކާދަތައް ހިމާޔަތްކޮށްގެން ސިނާޢަތް ފުޅާކުރުން
ޤައުމީ ފަތުރުވެރިކަމުގެ ދުވަހުގެ އިލްތިމާސަކީ ގުދުރަތީ ރީތިކަމާއި، އަމާންކަމާއި، ދިވެހި އާދަކާދަތައް ހިމާޔަތްކޮށްގެން ސިނާޢަތް ފުޅާކުރުން ކަމުގައި ރައީސް ޑރ. މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ޤައުމީ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމާ ގުޅުވައިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މި ދާއިރާ އިތުރަށް ތަރައްޤީކުރުމުގައި، ރާއްޖޭގެ ޤުދުރަތީ ރީތިކަމާއި، ޤައުމުގެ އަމާންކަމުގެ އިތުރުން، ދިވެހީންގެ އަގުހުރި އާދަކާދަތައް ހިމާޔަތްކޮށްގެން ސިނާޢަތާ ގުޅުންހުރި ހުރިހާ ފަރާތްތަކުން ކުރިއަށް ދިޔުން މުހިންމު ކަމަށެވެ. މިގޮތުން، ތިމާވެއްޓާއި ސަގާފަތަށް އިސްކަންދީގެން ދެމެހެއްޓެނިވި ފަތުރުވެރިކަމެއް ބިނާކުރުމަށް އެމަނިކުފާނު ވަނީ ބާރުއަޅުއްވާފައެވެ.
އޮކްޓޯބަރު 3 ގައި ފާހަގަކުރެވޭ ޤައުމީ ފަތުރުވެރިކަމުގެ ދުވަސް ވަނީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގެ ފެށުން ކަމަށްވާ 1972 ވަނަ އަހަރުގެ އޮކްޓޯބަރު 3 އާ ގުޅުވައިފައެވެ. މި ދުވަހަކީ ރާއްޖޭގެ ތާރީޚުގައި އައު އިޤްތިޞާދީ ދައުރެއްގެ ފެށުން ކަމަށް ބެލެވެއެވެ. ފުރަތަމަ ޓޫރިސްޓުން ރާއްޖެއަށް އައިސް، ކުރުނބާ ވިލެޖްގެ ނަމުގައި މާލެ ކައިރީގައި ފުރަތަމަ ޓޫރިސްޓް ރިސޯޓް ހުޅުވުނީ މި ދުވަހުއެވެ. މިކަމުގެ ސަބަބުން މުޖުތަމަޢާއި ތަރައްޤީގެ މަގަށް ބޮޑެތި ބަދަލުތަކެއް އައެވެ. އެދުވަސްވަރު މަދު ކޮޓަރިތަކަކާއެކު ފެށުނު މި މަސައްކަތް، މިއަދު ވަނީ އަހަރަކު ދެ މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ ބައިނަލްއަޤްވާމީ ފެންވަރުގެ ފަތުރުވެރިކަމުގެ ސިނާޢަތަކަށް ބަދަލުވެފައެވެ.
Ads by BMLރައީސް މުޢިއްޒު ވަނީ މި ދާއިރާގެ ކުރީގެ އަދި މިހާރުގެ ޚިދުމަތްތެރީންނަށް ޝުކުރު އަދާކުރައްވާފައެވެ. ޚާއްސަކޮށް، އެއްވެސް ވަރަކަށް އިންފްރާސްޓްރަކްޗަރ ނެތް ދުވަސްވަރު ދިވެހިރާއްޖެއަކީ ފަތުރުވެރިކަމުގެ މަންޒިލަކަށް ހެދުމުގެ ތަޞައްވުރު ކުރެއްވި "ޕައިނިއަރުން" ގެ ޤުރުބާނީއާއި، ބުރަ މަސައްކަތް ފާހަގަކޮށް، އެބޭފުޅުންގެ އަގު ވަޒަންކުރެއްވުމަށް މި ދުވަސް މުހިންމުކަން ރައީސް ފާހަގަކުރެއްވިއެވެ. އެދުވަސްވަރު ބައިނަލްއަޤްވާމީ ވައިގެ ބަނދަރުތަކާއި، ސްޕީޑްބޯޓުތަކާއި، ބޮޑު ސްކޭލްގައި ޓޫރިޒަމް ހިންގުމަށް ބޭނުންވާ މުވާޞަލާތީ ވަސީލަތްތައް ނެތްކަމުގައި ވިޔަސް، ދިވެހިރާއްޖެއިން ވަނީ ކޮންމެ ރަށަކީ ވަކި ޓޫރިސްޓް މަންޒިލެއްގެ ގޮތުގައި ހިންގޭ ދުނިޔޭގައި އެންމެ ތަފާތު އަދި ކާމިޔާބު ޓޫރިޒަމް މޮޑެލްތަކުގެ ތެރެއިން އެއް މޮޑެލް ތަޢާރަފުކޮށްފައެވެ.
މިއަދު ފަތުރުވެރިކަމުގެ ސިނާޢަތަކީ ދިވެހި އިޤްތިޞާދުގައި އެންމެ ބޮޑު ދައުރެއް އަދާކުރާ އެއް ދާއިރާއެވެ. ޤައުމުގެ ޖީޑީޕީއަށް އެންމެ ބޮޑު ހިއްސާއެއް ކުރާ މި ސިނާޢަތަކީ ބޭރު ފައިސާ ލިބޭ މައިގަނޑު ވަސީލަތެވެ. އަދި ހާހުން ގުނާ ދިވެހިންނަށް ވަޒީފާގެ ފުރުޞަތު ހޯދައިދޭ ދާއިރާއެއްވެސް މެއެވެ. ފަތުރުވެރިކަމުގެ ސަބަބުން ޤައުމުގެ އިންފްރާސްޓްރަކްޗަރ، ދަތުރުފަތުރު، ތަޢުލީމު، އަދި ޞިއްޙީ ޚިދުމަތްތައް ރަނގަޅުވެ، ސީދާ ގޮތެއްގައި ޤައުމުގެ ދިރިއުޅުމުގެ ފެންވަރު ވަނީ މަތިވެފައެވެ. މިއީ ދިވެހިރާއްޖޭގެ ރީތިކަމާއި ސަގާފަތް ދެމެހެއްޓުމާއެކު އިޤްތިޞާދީ ކުރިއެރުން ލިބިފައިވާކަމުގެ ހެއްކެކެވެ.
Ads by MACL
