އެމްޑީޕީ މުޒާހަރާއިން ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވުމުން، ރޫޅާލުމުގެ މަސައްކަތް ފަށައިފި
މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން މިރޭ ކުރިއަށް ގެންދިޔަ "ލޫޓުވައިފި" މުޒާހަރާގެ ބައިވެރިން ގާނޫނާ ހިލާފުވެ، ފުލުހުންގެ އަމުރުތަކަށް ނުކިޔަމަންތެރިވުމުން، އެއްވުން ރޫޅާލުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.
މިވަގުތު މުޒާހަރާގެ ބައިވެރިން ތިބީ ބޮޑުތަކުރުފާނު މަގާއި މަޖީދީމަގު ގުޅޭ ކަންމަތީގަ އެވެ.
ފުލުހުން ވަނީ މަޖީދީ މަގަށް ނުވަދެވޭ ގޮތަށް ބެރިކޭޑް ޖަހައި ބަންދުކޮށްފަ އެވެ. އަދި މުޒާހަރާ ފެށުމާއެކު ސަރަހައްދު ދޫކޮށް ދިއުމަށް އަންގާ، މުޒާހަރާގެ ބައިވެރިންގެ ގަޔަށް ފުލުހުން ވަނީ ޕެޕަސްޕްރޭ ޖަހާފަ އެވެ. މިކަމުގެ ސަބަބުން ސަރަހައްދުގެ ހާލަތު ވަނީ ހޫނުވެފަ އެވެ.
Ads by BMLމުޒާހަރާ ފުރަތަމަ ފެށީ އާޓިފިޝަލް ބީޗު ސަރަހައްދުގަ އެވެ. މިރޭގެ މުޒާހަރާއަށް އެތައް ހާސް ބަޔަކު އެއްވެ، އާޓިފިޝަލް ބީޗް ސަރަހައްދުގައި މުޒާހަރާގެ ބައިވެރީންނާއި އެމްޑީޕީގެ އިސް ބޭފުޅުން ވާހަކަ ދެއްކެވި އެވެ. ވާހަކަތަކަށް ފަހު، މުޒާހަރާގެ ބައިވެރިންނަށް ގޮވާލާފައިވަނީ މަގުމައްޗަށް ނިކުތުމަށެވެ. އެހެން ކަމުން، މުޒާހަރާގެ ބައިވެރީން ވަނީ މަޖީދީމަގަށް ނިކުމެފަ އެވެ. އޭރު ފުލުހުން ވަނީ ބައެއް ސަރަހައްދުތައް ބަންދުކޮށްފަ އެވެ. ވަރަށް ގިނަ އަދަދެއްގެ ފުލުހުން ޝީލްޑާއެކު ހަރަކާތްތެރިވަމުން ދިޔަ އެވެ.
ފުލުހުން ބުނީ، އެއްވުމުގެ ބައިވެރިން މަޖީދީ މަގުން ދާން ހުއްދަ ދީފައި ނުވާނެ ކަމަށާއި، އެއްވުން ކުރިއަށް ގެންދިއުމަށް ފުލުހުން ހުއްދަ ދީފައި އޮތީ އަމީނީ މަގާއި ބޮޑުތަކުރުފާނު މަގުގަ އެވެ. ބޮޑުތަކުރުފާނު މަގުން ހިނގާފައި ގޮސް އާޓިފިޝަލް ބީޗަށް އެއްވުން ނިންމަން ހުއްދަ ދީފައި އޮތް ނަމަވެސް، މުޒާހަރާގެ ބައިވެރިން އެއާ ހިލާފުވެ، މަޖީދީ މަގަށް ނިކުތުމުން ގާނޫނާ ހިލާފުވެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
މިހާރުވެސް ފުލުހުން ދަނީ އެއްވުން ރޫޅާލުމުގެ މަސައްކަތް ކުރަމުންނެވެ.
Ads by MACL
