ގަވާއިދާ ޚިލާފަށް އެމް.ޑީ.ޕީ އިން އިންތިޒާމްކުރި އެއްވުން ރޫޅާލައިފި
ޤާނޫނާ ޤަވާއިދުތަކާ ޚިލާފަށް ކުރިއަށްގެންދިޔަ އެމްޑީޕީގެ "ލޫޓުވާލައިފި" މުޒާހަރާ ފުލުހުން ބާރުގެ ބޭނުންކޮށްގެން ރޫޅާލައިފިއެވެ. މިރޭ ބޭއްވި މި އެއްވުން، ސުލްހަވެރިކަން ނަގާލާ، ޢާންމު މަސްލަހަތު ހީނަރުވާގޮތަށް ކުރިއަށްދިޔުމުން ފުލުހުން ވަނީ ގާނޫނީ އިމުގެތެރެއިން ބާރުގެ ބޭނުންކޮށްފައެވެ.
ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެފައިވަނީ، އެމްޑީޕީން މާލޭގައި މިރޭ ކުރަމުންދިޔަ މުޒާހަރާއަކީ ސުލްހަވެރި ސިޔާސީ ހަރަކާތެއް ނޫން ކަމަށެވެ. އާޓިފިޝަލް ބީޗު ސަރަހައްދުން މިރޭ 8:30 ގައި ފެށި މި މުޒާހަރާގެ ބައިވެރިން ވަނީ މަޖިދީމަގަށް ނިކުންނަން މަސައްކަތްކޮށްފައެވެ. އެކަމަކު މަޖީދީމަގުގައި ހުންނަ ޖެލީ ކައިރިން ފުލުހުން ވަނީ މުޒާހަރާގެ ބައިވެރިންނަށް ކުރިއަށް ނުދެވޭ ގޮތަށް ބަންދުކޮށްފައެވެ.
ފުލުހުންގެ މައުލޫމާތު ދޭ ގޮތުގައި، މުޒާހަރާގެ ބައިވެރިން ވަނީ ފުލުހުންނާ ދިމާއަށް ގާ އުކާ، ފެންފުޅި ޖަހައި ހަމަނުޖެހުން ހިންގާފައެވެ. މިއީ ކުރިން ވެސް އެމްޑީޕީގެ މުޒާހަރާތަކުގައި ފެނިފައިވާ މަންޒަރެކެވެ. މިފަދަ ހަމަނުޖެހުންތަކުގެ ސަބަބުން ބައެއް ފުލުހުންނަށް އަނިޔާ ލިބިފައިވާކަމަށް ފުލުހުން ބުނެއެވެ. އެތަނުގައި ޝީލްޑް ހިފައިގެން ފުލުހުން ހަރަކާތްތެރިވަމުން ދިޔައިރު، މުޒާހަރާގެ ބައިވެރިންގެ ގަޔަށް ވަނީ ޕެޕާ ސްޕްރޭ ޖަހާފައެވެ. އަދި ބައެއް މީހުން މިހާރު ވަނީ ހައްޔަރުކޮށްފައެވެ.
Ads by BMLފުލުހުންނާއި މުޒާހަރާގެ ބައިވެރިންގެ މެދުގައި ކުރިމަތިލުންތައް ހިނގަމުން ދަނިކޮށް، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އިހުސާން ވިދާޅުވީ ޑިއުޓީގައި ތިބި ފުލުހުންގެ އަތުން ގަދަކަމުން ސާމާނު އަތުލުމަކީ ސުލްހަވެރި ސިޔާސީ ހަރަކާތެއްގެ ގޮތުގައި ނުބެލެވޭނެ ކަމަށެވެ. އެއީ ޤާނޫނު ތަންފީޒުކުރުމަށް ހުރަސް އެޅުން ކަމަށް ވިދާޅުވެ އިހުސާން ވަނީ އެއީ އަނިޔާވެރި ޢަމަލުތަކެއްގެ ގޮތުގައި ސިފަކުރައްވައިފައެވެ. އިހުސާން އެގޮތަށް ވިދާޅުވެފައިވަނީ މުޒާހަރާގެ ތެރެއިން މީހަކު ޝީލްޑެއް ހިފައިގެންދާ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް ޢާންމު ކުރެއްވުމަށްފަހުއެވެ.
ނަމަވެސް އެމްޑީޕީން ވަނީ އިހުސާންގެ ތުހުމަތުތައް ދޮގުކޮށްފައެވެ. އެމްޑީޕީން ބުނީ ސުލްހަވެރިކޮށް ކުރިއަށް ގެންދިޔަ މުޒާހަރާ ހުއްޓުވުމަށް ބާރުގެ ބޭނުންކޮށް، ޕެޕާ ސުޕްރޭ ޖަހާފައިވާ ކަމަށެވެ. އަދި އިހުސާންގެ އެ ޓްވީޓަކީ ފުލުހުންގެ އަނިޔާވެރިކަން ފޮރުވައި އެމީހުން ޢަމަލުކުރީ ރަނގަޅަށް ކަމަށް ދެއްކުމަށް ކުރެއްވި ޓްވީޓެއްގެ ގޮތުގައި އެމްޑީޕީން ސިފަކުރިއެވެ.
މުޒާހަރާގެ ބައިވެރިން ޢާންމު މުދަލަށް ގެއްލުންދީ، މަގުތަކުގައި ހުރި ތަކެއްޗަށް ވެސް ގެއްލުންދީފައިވާކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ. ޤާނޫނީ އިމުގެ ތެރެއިން ޢާންމު މަސްލަހަތު ރައްކާތެރިކުރުމަށް ފުލުހުން ދެމިތިބޭނެކަމަށާއި، މިފަދަ ޢަމަލުތަކަށް ދޫނުދޭނެކަމަށް ފުލުހުން މިރޭ ނެރުނު ބަޔާނުގައި ވެއެވެ.
މި މައްސަލަތަކާ ގުޅިގެން ބައެއް މީހުން ހައްޔަރުކޮށްފައިވާއިރު، މިކަމުގައި ބައިވެރިވި އެންމެހައި ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އަޅާނެކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ. ޤާނޫނު ތަންފީޒުކުރުމުގައި ފުލުހުން އަބަދުވެސް ދެމިތިބޭނެކަމުގެ ޔަޤީންކަން ވެސް ފުލުހުން ވަނީ ދީފައެވެ.
Ads by MACL
