ވޮކޭޝަނަލް ތަމްރީން ދިނުމަށް ޚާއްސަ މަތީ ސާނަވީ ސްކޫލެއް މާލޭގައި ހުޅުވަނީ
މާލޭގައި ވޮކޭޝަނަލް ތަމްރީން ދިނުމަށް ޚާއްސަ ކުރެވިފައިވާ މަތީ ސާނަވީ ސްކޫލެއް ހުޅުވުމަށް ތައްޔާރުވެއްޖެއެވެ. ޒުވާނުން ބާރުވެރިކޮށް، ހުނަރުވެރި ޖީލެއް ބިނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ މުހިއްމު ފިޔަވަޅެއްގެ ގޮތުގައި މި ސްކޫލު ހުޅުވުމަށް ތައްޔާރުވަމުންދާ ކަމަށް ތައުލީމީ ވަޒީރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވިއެވެ.
މި ސްކޫލް ހުޅުވުމަކީ މަތީ ސާނަވީ މަރުހަލާގައި އުފެއްދުންތެރި، ހުނަރުވެރި ޒުވާނުން ބިނާކުރުމަށް ފަށާފައިވާ މަސައްކަތަށް ލިބުނު އިތުރު ފުރިހަމަކަމެއް ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. "2023 ވަނަ އަހަރާ އަޅާބަލާއިރު ގްރޭޑް 10 ގައި ތިބި ދަރިވަރުންގެ ނިސްބަތުން 18 އިންސައްތައިގެ ކުރިއެރުމެއް ލިބިގެން ހިނގައްޖެ" ވަޒީރު ވިދާޅުވިއެވެ.
ތައުލީމާއި ބެހޭ ވުޒާރާއިން ހާމަކުރައްވާ ގޮތުގައި، މި ފުރުސަތަށް އެދި ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ މި މަހުގެ ދެވަނަ ދުވަހުން ފެށިގެން 10 ވަނަ ދުވަހުގެ ނިޔަލަށެވެ. މި ސްކޫލަށް ވަނުމަށް ޝަރުތު ހަމަވާނީ 2024 ނުވަތަ 2025 ވަނަ ދިރާސީ އަހަރު ގްރޭޑް 10 ފުރިހަމަކޮށްފައިވާ އަދި 2024 ވަނަ އަހަރުގެ 31 ޑިސެންބަރަށް 18 އަހަރު ނުފުރޭ ދަރިވަރުންނަށެވެ.
Ads by BMLމި ސްކޫލުން ތައުލީމު ހާސިލުކުރާ ދަރިވަރުންނަށް ކިޔެވުން ނިންމުމަށްފަހު ޑިޕްލޮމާ ނުވަތަ ޑިގްރީ ކޯހެއް ހެދުމަށް ޔުނިވަރސިޓީއަކަށް ދިއުމުގެ ނުވަތަ ސީދާ ވަޒީފާއަކަށް ދިއުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. މިކަމުގެ ސަބަބުން ދަރިވަރުންނަށް އުނގެނުމުގެ އިތުރު ފުރުސަތުތަކެއް ހުޅުވި، ވަޒީފާގެ ބާޒާރަށް ނުކުތުމަށް ބޭނުންވާ ހުނަރުތައް ލިބިގެންދާނެއެވެ.
ދަރިވަރުންނަށް ޖާގަ ހަމަޖެހިފައިވާކަން މި މަހުގެ ހަތްވަނަ ދުވަހުން ފެށިގެން އަންގަމުންދާނެ ކަމަށް ވުޒާރާއިން މައުލޫމާތު ދީފައިވެއެވެ. އިތުރުން އެޕްލިކޭޝަން ހުށަހަޅާފައިވާ އީމެއިލަށް ދަރިވަރު ރަޖިސްޓްރީވުމާ ގުޅޭ އިރުޝާދު ހިއްސާކުރެވޭނެ ކަމަށް ވެސް ވުޒާރާއިން ބުނެފައިވެއެވެ.
Ads by MACL
