ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އިންޑިއާ ސަރުކާރުގެ ޚާއްސަ ދައުވަތެއް ބިދަބިންއަށް: އެގައުމުގެ އެންމެ ބޮޑު ފެސްޓިވަލްގައި ދިވެހި ސަގާފީ ހަރަކާތް ދައްކުވައިދޭނެ!

ބިދަބިން ގްރޫޕުކީ ސަގާފީ ކުޅިވަރުތައް ހުށަހެޅުމުގައި 17 އަހަރުގެ ތަޖުރިބާ އޮތް ބައެއް ---
ބިދަބިން ގްރޫޕުކީ ސަގާފީ ކުޅިވަރުތައް ހުށަހެޅުމުގައި 17 އަހަރުގެ ތަޖުރިބާ އޮތް ބައެއް ---

މިހާރު އިންޑިއާގައި ކުރިއަށްދާ 9 ވަނަ އިންޓަރނޭޝަނަލް އިންޑިއަން ފޯކް ފެސްޓިވަލްގައި، ދިވެހިރާއްޖޭގެ މަޝްހޫރު ބިދަބިން ގްރޫޕުން ދިވެހި ސަގާފަތް ތަމްސީލުކޮށްދިނުމަށް ފުރުޞަތު ލިބިއްޖެއެވެ. އިންޑިއާ ސަރުކާރުގެ ޚާއްސަ ދައުވަތަކަށް ބިދަބިންއިން 12 މެންބަރުންގެ ޓީމަކާއެކު މި ފެސްޓިވަލްގައި ބައިވެރިވަނީ، ދިވެހި ބޮޑުބެރުގެ ހުށަހެޅުމެކެވެ.

އޮކްޓޯބަރު 5 އިން 10 އަށް ކުރިއަށްދާ މި ބޮޑު ފެސްޓިވަލަކީ އިންޑިއާގެ މުއްސަނދި އަދި ދިގު ތާރީޚީ ސަގާފަތް ދައްކުވައިދިނުމަށް ބާއްވާ ބޮޑު އިވެންޓެކެވެ.

އިންޓަރނޭޝަނަލް އިންޑިއަން ފޯކް ފެސްޓިވަލްގެ މައިގަނޑު މަޤްޞަދުތަކަކީ އިންޑިއާއާއި އެހެން ގައުމުތަކުގެ ދެމެދުގައި ސަގާފީ ގުޅުން ބަދަހިކުރުމާއި، އަވަށްޓެރި ގައުމުތަކުގެ ސަގާފަތަށް އިހްތިރާމްކޮށް އެ ސަގާފަތްތައް ދިރުވައި އާލާކުރުމަށް އެހީތެރިވުމެވެ.

މީގެ އިތުރުން، ސަގާފީ ފަންނާނުންނަށް އެބައިމީހުންގެ ހުނަރުތައް ދައްކުވައިލުމުގެ ބައިނަލްއަޤްވާމީ މަންސައެއް ހޯދައިދީ، މުޅި ދުނިޔޭގައި ހިމެނޭ ތަފާތު ސަގާފަތްތަކުގެ ރީތިކަމާއި މުއްސަނދިކަން ދައްކުވައިދިނުމަކީވެސް މި ފެސްޓިވަލްގެ މުހިންމު މަޤްޞަދުތަކެކެވެ.

އިންޑިއާގެ އެކި ސްޓޭޓްތަކުގެ އިތުރުން ބައިނަލްއަޤްވާމީ ފަންނާނުންނާއި ސަގާފީ ގްރޫޕްތައް އެއްތަނަކުން ބައްދަލުކޮށް، އެބައިމީހުންގެ ސަގާފީ ހުނަރުތައް ދައްކުވައިލުމުގެ ފުރުސަތު މި ފެސްޓިވަލުން ލިބިގެންދެއެވެ.

މި ފެސްޓިވަލްގައި ދިވެހި ސަގާފީ ކުޅަދާނަ ހުނަރުތައް ދައްކައިލުމުގެ ފުރުސަތު ލިބުނުކަމަށްޓަކައި ބިދަބިންއިން ވަނީ އިންޑިއާ ސަރުކާރަށާއި، އިންޑިއަން ހައިކޮމިޝަނަރ ޖީ. ސުބްރަމާނިއަން އަދި އިންޑިއަން ކަލްޗަރަލް ސެންޓަރުގެ ޑިރެކްޓަރ މަންޖިސްތާ މުކަރުޖީއަށް ޝުކުރު އަދާކޮށްފައެވެ.

ބިދަބިންއަކީ ފާއިތުވި 17 އަހަރު ދުވަހުގެ ތެރޭގައި ދިވެހި ސަގާފަތް ދިރުވައި އާލާކުރުމަށް ގިނަ ހިދުމަތްތަކެއް ކޮށްފައިވާ ގްރޫޕެކެވެ. މީގެ ކުރިންވެސް ބިދަބިންއިން ވަނީ ބޭރުގެ އެކި ގައުމުތަކުގައި ދިވެހި ސަގާފީ އެކި ހުށަހެޅުންތައް ހުށަހަޅާފައެވެ.

ބިދަބިން އިވެންޓްސްގެ މެނޭޖިންގ ޑިރެކްޓަރ އާއްކޮގެ ދުރުވިސްނޭ ހިޔާލުތަކާއެކު ބިދަބިން ދަނީ ރާއްޖޭގައި އެކި ގޮތްގޮތުން ކާމިޔާބީތައް ހޯދަމުންނެވެ. ހާއްސަގޮތެއްގައި އިވެންޓް މެނޭޖްމަންޓް ދާއިރާ އާއި މުނިފޫހިފިލުވުމުގެ ދާއިރާއިން ގިނަ ކުރިއެރުންތަކެއް ވަނީ ހޯދާފައެވެ.