ސްކޭޓް އެރީނާ: ދިވެހި ސްކޭޓަރުންގެ ހުވަފެން ޙަޤީޤަތަކަށް!
މާލޭ އުސްފަސްގަނޑުގައި އަލަށް ތަރައްޤީކުރާ ސްކޭޓް އެރީނާއަކީ ދިވެހި ސްކޭޓަރުންނަށް ކުޅިވަރުގެ ދާއިރާއިން އައު ކުރިއެރުންތަކެއް ހޯދައިދޭނެ ތަނެއްކަމަށް ސްޕޯޓްސް މިނިސްޓަރު ޢަބްދުﷲ ރާފިއު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، އެތައް ބައެއްގެ ދިގު އިންތިޒާރަކަށް ނިމުމެއް ގެނެސްދޭނެ މި މަޝްރޫޢުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެރީނާގެ ސަބަބުން ރޯލާ ސްކޭޓާއި ސްކޭޓްބޯޑް ކުޅިވަރަށް ރާއްޖޭގައި އިތުރު ފޯރިއެއް ލިބި، ގިނަ ކާމިޔާބީތައް ޤައުމަށް ލިބޭނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މިނިސްޓަރު ރާފިއު ވިދާޅުވީ މިއީ ރާއްޖޭގެ ކުޅިވަރުގެ ތާރީޚުގައި ފާހަގަކޮށްލެވޭ ދުވަހެއް ކަމަށާއި، ސްކޭޓަރުންގެ ފޮނި އުންމީދުތަކާ ގުޅިފައިވާ މިތަން ޙަޤީޤަތަކަށްވުމަކީ ވަރަށް ޚާއްސަ ކަމެއް ކަމަށެވެ.
Ads by BML"މިއަދު އަޅުގަނޑުމެންނަށް ވެގެން މިދަނީ ވަރަށް ތާރީޚީކަމެއް. ދިވެހިރާއްޖޭގައި އަޅުގަނޑުމެންގެ ރޯލާ ސްކޭޓް މިކުޅިވަރު ޕްރޮމޯޓްކުރުމަށްޓަކައި ވަރަށް ގިނަދުވަސް ވަންދެން ވަރަށް ގިނަ ބައެއްގެ ހުވަފެން ހަގީގަތަކަށްވެގެންދާ ދުވަސް،" މިނިސްޓަރު ރާފިއު ވިދާޅުވިއެވެ.
އާރްސީސީއިން ސީއެސްއާރުގެ ދަށުން ކުރިއަށްގެންދާ މި މަޝްރޫޢުގައި ސްޕީޑް ސްކޭޓިންގއަށް ޚާއްސަ ޓްރެކަކާއި ސްކޭޓް ބޯޑް ދުއްވުމަށް ޚާއްސަ ޕާކެއް ހިމެނޭނެއެވެ. މި މަސައްކަތް އަންނަ މަހުގެ ނިޔަލަށް ނިންމުމަށް ވަނީ ރޭވިފައެވެ.
Ads by MACL
