ގއ. ވިލިނގިލީގައި ޕާސްޕޯޓް ހިދުމަތް ފަށައިފި
ރާއްޖޭގެ އެކި ކަންކޮޅުތަކަށް ޕާސްޕޯޓުގެ ޚިދުމަތް ފުޅާކުރުމުގެ މަޝްރޫޢުގެ ދަށުން، ގއ. ވިލިނގިލީގައި ރަސްމީކޮށް ޕާސްޕޯޓުގެ ޚިދުމަތް މިއަދު ފަށައިފިއެވެ.
މިކަމުގެ ސަބަބުން ގއ. އަތޮޅުގެ ރައްޔިތުންނަށް މާލެއަށް ދަތުރުކުރުމަކާ ނުލައި ޕާސްޕޯޓުގެ ހިދުމަތް ހޯދުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވިފައެވެ.
މި ޚިދުމަތް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ ގއ. އަތޮޅު ކައުންސިލްގެ ރައީސް އިބްރާހީމް ޝާހީންއެވެ. މި ރަސްމިއްޔާތުގައި މޯލްޑިވްސް އިމިގްރޭޝަންގެ އިސް ބޭފުޅުންނާއި، ގއ. އަތޮޅު ކައުންސިލް އަދި ވިލިނގިލީ ކައުންސިލްގެ މުވައްޒަފުން ބައިވެރިވެވަޑައިގެންނެވިއެވެ.
Ads by BMLމޯލްޑިވްސް އިމިގްރޭޝަނުން ބުނި ގޮތުގައި، ވިލިނގިލީގައި މި ޚިދުމަތް ފެށުމާއެކު، އޮންލައިންކޮށް ހުށަހަޅާ ޕާސްޕޯޓުތައް އެ ރަށުން ނެގޭނެއެވެ. މިއީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު ސިޔާސަތެއްގެ ދަށުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާއި ޕާސްޕޯޓުގެ ޚިދުމަތް ރައްޔިތުންނާ ގާތުން އަވަހަށް ފޯރުކޮށްދިނުމަށް ކުރިއަށްގެންދާ މަސައްކަތެކެވެ.
އިމިގްރޭޝަނުން ލަފާކުރާ ގޮތުގައި މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޕާސްޕޯޓުގެ ޚިދުމަތް ފޯރުކޮށްދިނުމަކީ އެ އިދާރާގެ އަމާޒެކެވެ.
Ads by MACL
