ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އެމްޑީޕީން ރޭ ބޭއްވި މުޒާހަރާ ނިރުބަވެރި އަމަލެއްގެ ގޮތުގައި ސިފަކުރައްވައި، ނައިބުރައީސް ކުށްވެރި ކުރައްވައިފި

އެމްޑީޕީން ރޭ ބޭއްވި މުޒާހަރާ ނިރުބަވެރި އަމަލެއްގެ ގޮތުގައި ސިފަކުރައްވައި، ނައިބުރައީސް ކުށްވެރި ކުރައްވައިފި

ރޭ އެމްޑީޕީން ބޭއްވި މުޒާހަރާ "ނިރުބަވެރި ޙަރަކާތެއް"ގެ ގޮތުގައި ސިފަކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސެއިން މުޙައްމަދު ލަޠީފް، ކުށްވެރިކުރައްވައިފިއެވެ.

ނައިބު ރައީސް މިކަން ހާމަކުރެއްވީ މިއަދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. އެމަނިކުފާނު ވިދާޅުވީ، އެ ޙަރަކާތަކީ ރައްޔިތުންގެ ބާރާއި، ޚިޔާލުފާޅުކުރުމުގެ ޙައްޤުގެ ނިވަލުގައި، ޤާނޫނުއަސާސީއާއި ޤާނޫނު ހުއްދަކުރާ ހަމަތައް ގިރާކޮށް، ޤާނޫނީ ވެރިކަމަކާ ދެކޮޅަށް ރޭވިގެން ހިންގުނު ޙަރަކާތެއް ކަމަށެވެ.

ނައިބު ރައީސް ޙުސެއިން މުޙައްމަދު ލަޠީފް ވަނީ، އެތައް ރައްޔިތުންނެއް އެއްތަނަކަށް ޖަމާކޮށް ފުލުހުންގެ އެއްބާރުލުމާއެކު ކުރިއަށް ގެންދިޔުމަށް ހުއްދަދީފައިވާ ޙަރަކާތެއް ހަލަބޮލިކޮށް، ފުލުހުންގެ އެންގުމާ ޚިލާފަށް އަނބުރާލައި، ރައްޔިތުން ނުރައްކަލަށް ހުށައެޅުމަކީ އެމްޑީޕީގެ ލީޑަރޝިޕުން ގަސްދުގައި ހިންގި "ފިނޑި އަމަލެއް" ކަމުގައި ސިފަކުރައްވާފައެވެ. އަދި މިއީ އެމްޑީޕީއިން ވަކާލާތުކުރަމުންދާ އަސާސްތައް ނެގެހެއްޓުމުގައި ހުދު އެޕާޓީ މިއަދު ފެއިލްވެފައިވާ ކަމުގެ ހެއްކެއް ކަމުގައިވެސް އެމަނިކުފާނު ޤަބޫލުކުރައްވާ ކަމަށް ވިދާޅުވިއެވެ.

ނައިބު ރައީސްގެ ޕޯސްޓުގައި، އެ ޙަރަކާތް ރޫޅާލައި، ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކޮށް ޤައުމުގެ މަސްލަހަތު ހިމާޔަތްކުރުމުގައި ފުލުހުން ދެއްކި ހިތްވަރާއި ސާބިތުކަމަށް އިޚްލާސްތެރިކަމާއެކު ޝުކުރުވެސް ދަންނަވާފައިވެއެވެ.

އެމްޑީޕީން ރޭ ބޭއްވި މުޒާހަރާ މުޒާހަރާ ހޫނުވެ ފުލުހުންނާއި މުޒާހަރާގެ ބައިވެރިންނާ ދެމެދު ވަނީ ހަމަނުޖެހުން ހިނގާފައެވެ. ފުލުހުން ވަނީ ގާނޫން ލިބިދޭ މިންވަރަށް ބާރުގެ ބޭނުންކޮށްގެން މުޒާހަރާ ރޫޅާލާފައެވެ.