ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އޮލިމްޕަސްގެ ހައުސްފުލް ޝޯތަކަށް ފަހު ކަނބުލޮ ހުޅުމާލެ ޝުވެކަށް!

ދިވެހި ފިލްމް "ކަނބުލޮ" ގެ މެއިން ކެރެކްޓަރ އައްޒަ ---
ދިވެހި ފިލްމް "ކަނބުލޮ" ގެ މެއިން ކެރެކްޓަރ އައްޒަ ---

ދިވެހި ފިލްމު "ކަނބުލޮ" އަށް ލިބެމުންދާ ބޮޑު ތަރުހީބާ އެކު، އޮލިމްޕަސް ސިނަމާގައި ކޮންމެ ރެއަކުވެސް ހައުސްފުލް ޝޯތައް ދައްކާފައިވާއިރު، މިހާރު ހުޅުމާލެ ޝުވެކް ސިނަމާގައި ވެސް ޝޯތައް ދެއްކުމަށް ވަނީ ހަމަޖެހިފައެވެ.

މިދިޔަ އޯގަސްޓް 31 ވަނަ ދުވަހު ޕްރިމިއަރ ކުރި މި ފިލްމަށް ބެލުންތެރިންގެ ތަރުހީބު ބޮޑުވުމުގެ ސަބަބުން، މެންދުރުފަހުގެ ޝޯތައް ވެސް އަޅުވާފައެވެ.

އޮލިމްޕަހުގައި ރޭގަނޑު އަދި ދަންވަރު ހައުސްފުލް ޝޯތަކެއް ދައްކައިފައިވާ "ކަނބުލޮ" ފިލްމް ޕްރިމިއަރ ކުރިފަހުން ކޮންމެ ރެއަކުވެސް ރާއްޖޭގެ އެކި ރަށްތަކުގައި ޝޯތައް އަޅުވަމުން ގޮސްފައިވެއެވެ. މި ހައުސްފުލު ޝޯވ ތަކާއެކު ކަނބުލޮ ފިލްމްވަނީ ރެކޯޑް ހަދާފައެވެ. 

ފިލްމު އުފެއްދި ސެޓާން ސްޓޫޑިއޯއިން ބުނެފައިވާ ގޮތުގައި، އޮލިމްޕަހުގައި ގިނަ ޝޯތަކެއް އެޅުވުމަށް ފަހުވެސް ފިލްމްގެ ޑިމާންޑް ބޮޑުވެ އަނެއްކާ މިވަނީ ހުޅުމާލޭގައިވެސް ޝޯވ ތަކެއް ދޭންޖެހިފައެވެ.

މި ފިލްމަކީ މުޖުތަމަޢުގައި ޖިންސީ އަނިޔާގެ މައްސަލަތަކަށް ހޭލުންތެރިކުރުވައި، އަންހެނުންނާމެދު ކުރެވޭ ބޭއިންސާފާ ދެކޮޅަށް ނުކުތުމަށް ހިތްވަރު ދޭ މެސެޖުތަކެއް ހިމަނާފައިވާ ފިލްމެކެވެ. ފިލްމު ބެލި ގިނަ ބަޔަކު ވަނީ މީސްމީޑިއާގައި މި ފިލްމަށް ތައުރީފުކޮށް، މިއީ ނުބަލާ ދޫކޮށްލެވޭ ވަރުގެ ފިލްމެއް ނޫން ކަމަށާއި، ރާއްޖޭގެ ހާލަތާއި ގުޅޭ އަދި މުޖުތަމަޢު އަށް ރަނގަޅު މެސެޖެއް ދޭ ފިލްމެއް ކަމަށް ފާހަގަކޮށްފައެވެ. މީގެ އިތުރުން، ފިލްމީ ދާއިރާގެ ބައެއް ފަރާތްތަކުން ވެސް ވަނީ ފިލްމުގެ ތަރިންގެ މޮޅު ހުނަރާއި، ޕްރޮޑަކްޝަން ޓީމުގެ ބުރަ މަސައްކަތަށް ތައުރީފުކޮށްފައެވެ.

"ކަނބުލޮ" އަކީ ދިވެހިބަހާއި ތާރީހަށް ހިދުމަތްކުރާ ގައުމީ މަރުކަޒުން 2009 ވަނަ އަހަރު ބޭއްވި ދިގު ވާހަކަލިޔުމުގެ ގައުމީ މުބާރާތުގެ އެންމެ މޮޅު ވާހަކައަކަށް ހޮވުނު "ޔުކްތާ" ވާހަކައިގެ މައްޗަށް، ސެޓާން ސްޓޫޑިއޯ އާއި ކިޑް ޕްރޮޑަކްޝަން އިން ގުޅިގެން ތައްޔާރުކޮށްފައިވާ ފިލްމެކެވެ.

ފިލްމުގެ ކާސްޓުންގެ ގޮތުގައި އިސްމާއީލް ރަޝީދު (ކޮޕީ އިއްސެ)، މަރިޔަމް އައްޒަ، އަހުމަދު ނިމާލް، ޝީލާ ނަޖީބު، އަހުމަދު އީސާ، ވާޝިއާ މުހައްމަދު އަދި މަރިޔަމް ޝަކީލާ ފެނިގެންދެއެވެ.

މަހުދީ އަހުމަދު ސްކްރީން ޕްލޭ ލިޔެފައިވާ މި ފިލްމުގެ ޑައިރެކްޓަރަކީ ހުސެން މުނައްވަރު އެވެ. މިއީ މަހުދީގެ ސްކްރީން ޕްލޭގެ މައްޗަށް މުނައްވަރު ޑައިރެކްޓްކުރާ ހަތަރުވަނަ ފިލްމެވެ. ކަނބުލޮ ފިލްމުގެ ޕްރޮޑިއުސަރަކީ އަލީ ޝާނިޒް މުހައްމަދު އެވެ.