ޕެޕަރ ސްޕްރޭގެ ސަބަބުން ހާޓްއެޓޭކް ޖެހޭކަމަށް ސައިންޓިފިކް ހެއްކެއް ނެތް: އައިޖީއެމްއެޗް
ޕެޕަރ ސްޕްރޭގެ ސަބަބުން ހާޓްއެޓޭކް ޖެހޭކަމަށް ސައިންޓިފިކް ހެއްކެއް ނެތް ކަމަށް އައިޖީއެމްއެޗް އިން ބުނެފިއެވެ.
އައިޖީއެމްއެޗުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ (އޮކްޓޯބަރު 3، 2025) މާލޭގައި ކުރިއަށްދިޔަ އެމްޑީޕީގެ މުޒާހަރާއެއްގެ ތެރެއިން ހާޓްއެޓޭކެއް ޖެހިގެން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އަށް ގެންދިޔަ މީހަކަށް ފަރުވާދެމުންދާ ކަމަށެވެ.
އައިޖީއެމްއެޗުން ބުނީ، އެމީހާގެ ހާލު މިހާރު ރަނގަޅުވެ، ސީސީޔޫގައި ފަރުވާދެމުންދަނީ ހަމަޖެހޭ ހާލަތެއްގައި ކަމަށެވެ.
Ads by BMLއައިޖީއެމްއެޗްގެ ނޫސްބަޔާނުގައި ބުނެފައިވަނީ، މުޒާހަރާގައި ބައިވެރިވަމުންދަނިކޮށް މޭގައި ރިއްސައިގެން ހޮސްޕިޓަލަށް ގެނައި މީހަކަށް ހާޓްއެޓޭކެއް ޖެހިފައިވާ ކަމަށް ދެނެގަނެވިފައިވާ ކަމަށެވެ.
ހާޓްއެޓޭކަކީ ހިތުގެ މަސްގަނޑަށް ލޭގެންގޮސްދޭ ނާރުތައް ބެދި، ހިތުގެ ބަޔަކަށް ލޭ ނުލިބި ހިތުގެ މަސްގަނޑަށް ގެއްލުންވުން ކަމަށްވެސް އެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ. މިއީ އާންމުކޮށް ހިތުގެ ބަލިތަކާއި އެހެނިހެން ނުރައްކާތެރި ކަންތައްތައް ހުންނަ މީހުންނަށް ދިމާވާ ކަމެއް ކަމަށްވެސް ހޮސްޕިޓަލުން ބުނެއެވެ.
މުޒާހަރާގެ ތެރެއިން ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ވާޖިބަށް ހުރަސްއެޅި، ބައެއް މީހުންވަނީ ހައްޔަރު ކޮށްފައެވެ.
ޕެޕަރ ސްޕްރޭގެ ސަބަބުން ވަގުތީގޮތުން ނޭވާލާ ނިޒާމަށް އުނދަގޫވެ، ކެއްސުންފަދަ ކަންތައްތައް ދިމާވެދާނެ ކަމަށާއި، ހާސްކަމާއި ބިރުވެރިކަން ފަދަ ކަންތައްތަކަކީ ހިތުގެ ބަލިތައް ހުންނަ މީހުންނަށް ހާޓްއެޓޭކެއް ޖެހުމަށް މަގުފަހިކޮށްފާނެ ކަމެއް ކަމަށްވެސް އެ ބަޔާނުގައި ވަނީ ބުނެފައެވެ.
އައިޖީއެމްއެޗުން ބުނެފައިވަނީ، އެ ހޮސްޕިޓަލުގެ މެޑިކަލް ޓީމުން ވަނީ ބަލިމީހާއަށް ބޭނުންވާ ހުރިހާ ފަރުވާއެއް ދީފައިވާ ކަމަށާއި، އެ ހޮސްޕިޓަލުން ދެމުންދާ ހިދުމަތްތަކަކީ އަބަދުވެސް އިންސާފުވެރިކަމާއި، ހެކިތަކުގެ މައްޗަށް ބިނާވެފައިވާ، އަދި އޯގާތެރި ހިދުމަތްތަކެއް ކަމަށެވެ.
މި މުޒާހަރާ އަކީ އެމްޑީޕީން ސަރުކާރަށް ފާޑުކިޔުމަށް ބޭއްވި މުޒާހަރާއެކެވެ. މުޒާހަރާގެ ތެރެއިން ހަމަނުޖެހުން ހިނގައި، ފުލުހުންނާއި މުޒާހަރާގެ ބައިވެރިންނާ ދެމެދު ކުރިމަތިލުންތައް ހިނގާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
މިފަދަ ހާދިސާތަކުގައި ސިއްހީ މައްސަލަތައް ދިމާވުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.
Ads by MACL
