ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މުދައްރިސުންގެ ހިދުމަތަކީ އަގުނުކުރެވޭނެ، ޤަދަރުވެރި ހިދުމަތެއް: ރައީސް

މުދައްރިސުންގެ ހިދުމަތަކީ އަގުނުކުރެވޭނެ، ޤަދަރުވެރި ހިދުމަތެއް: ރައީސް

މުދައްރިސުންގެ ހިދުމަތަކީ އަގުނުކުރެވޭނެ، ޤަދަރުވެރި ހިދުމަތެއް ކަމުގައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވިދާޅުވެއްޖެއެވެ.

މިއަހަރުގެ ޓީޗަރުންގެ ދުވަހާ ގުޅިގެން މުދައްރިސުންގެ ބުރަ މަސައްކަތާއި ހިދުމަތްތައް ފާހަގަކުރައްވައި، އެކަމަށް އޯގާތެރިކަމާއެކު ޝުކުރު އަދާކުރައްވައި ރައީސް މުޢިއްޒު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، މުދައްރިސުންގެ ހިދުމަތަކީ ދުނިޔެއާއި އާޚިރަތުގެ މަންފާ އެކުލެވިފައިވާ، މާއްދީ އެއްވެސް އެއްޗަކުން އަގުނުކުރެވޭނެ، ޤަދަރުވެރި އަދި ފަޚުރުވެރި ހިދުމަތެއް ކަމަށެވެ.

ރައީސް މުޢިއްޒު ވިދާޅުވީ، މި ޤައުމުގެ ދިދަ މާދަމާ އުފުލާނެ ޢަޒުމު ވަރުގަދަ، ހިތްވަރު ހުރި، މޮޅު ކުދީން މިއަދު ތިބީ މަދަރުސާތަކުގައި ކަމަށެވެ. އަދި ދިވެހީން އެދޭފަދަ ހަރުދަނާ ޖީލެއްގެ ގޮތުގައި އެ ކުދީން ތަރުބިއްޔަތުވާނީ މުދައްރިސުން މިއަދު ދިން އިރުޝާދަކާއި ތަޢުލީމަކާއި އޯގާތެރިކަމަކުން ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

ރާއްޖެއަށް އުޖާލާ ކުރިމަގެއް ހޯދައިދިނުމުގެ އެންމެ ބޮޑު ދައުރަކާއި ބާރެއް އޮތީ މުދައްރިސުންގެ އަތްމަތީގައި ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ސަރުކާރުން ދިވެހިރާއްޖޭގެ ތަޢުލީމީ ދާއިރާގައި މަސައްކަތްކުރައްވާ ހުރިހާ އެދުރުންނަށް ކުރިއެރުމާއި ފަހިކަން ހޯދައިދިނުމަށް ޚާއްޞަ ސަމާލުކަމެއް ދޭކަމުގެ ޔަގީންކަން ރައީސް މުޢިއްޒު ވަނީ އަރުވާފައެވެ.

އަދި މި އުފާވެރި ދުވަހުގެ ތަހުނިޔާ މުދައްރިސުންނަށް އަރިސްކުރައްވަމުން، ކޮންމެ އެދުރެއްގެ ޢާއިލާއަށް ދުޅަހެޔޮކަމާއި އުފާފާގަތިކަމަށް އެދި ދުޢާކުރައްވާފައިވެއެވެ.