ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ދެމަސް ތެރޭގައި ލިކުއިޑް ނައިޓްރޮޖެން ތިލަފުށިން ބާޒާރަށް ނެރޭނަން: އެމްޑީ އަބްދުﷲ މުޙައްމަދު

މޯލްޑިވް ގޭސްގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މުހައްމަދު: ފޮޓޯ: މޯލްޑިވް ގޭސް
މޯލްޑިވް ގޭސްގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މުހައްމަދު: ފޮޓޯ: މޯލްޑިވް ގޭސް

މޯލްޑިވް ގޭހުން ތިލަފުށީގައި ލިކުއިޑް ނައިޓްރޮޖެން އުފައްދައި، ދެމަހެއްހާ ދުވަހުގެ ތެރޭގައި ބާޒާރަށް ނެރެން ތައްޔާރުވަމުންދާ ކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އަބްދުﷲ މުހައްމަދު ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ގޭހުގެ 26 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް މުވައްޒަފުންނާއެކު ބޭއްވި ހަފްލާގައި އަބްދުﷲ ވިދާޅުވީ، ކުންފުނީގެ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމަށް ގިނަ މަސައްކަތްތަކެއް ރާވާފައިވާ ކަމަށެވެ. އެގޮތުން ހިދުމަތްތައް ފުޅާކޮށް، ކަސްޓަމަރުންނަށް ފަސޭހަ ގޮތްތައް ހޯދައިދިނުމަށް، އޮފީސް އިމާރާތެއް އެޅުމާއި ގޭހާއި ގުޅުން ހުރި އެކި ވަސީލަތްތައް ވިއްކާނެ ފިހާރައެއް ހުޅުވުން ހިމެނެއެވެ.

"ކުރިއަށްއޮތް ދެމަހެއްހާ ދުވަހުގެ ތެރޭގައި މޯލްޑިވް ގޭހުގެ ފަރާތުން ތިލަފުށީގައި ލިކުއިޑް ނައިޓްރޮޖެން އުފައްދައި، ބާޒާރަށް ނެރުމުގެ މަސައްކަތް ދަނީ ކުރެވެމުން،". އެމްޑީ ވިދާޅުވިއެެވެ.

ލިކުއިޑް ނައިޓްރޮޖެންއަކީ ކެއްކުމުގެ ދާއިރާގައި މަޝްހޫރު ޝެފުންގެ މެދުގައިވެސް މަގުބޫލު އުފެއްދުމެކެވެ.

މިއަދު ހެނދުނު ކުންފުނީގެ މާލޭ ޔުނިޓްގައި ހެނދުނުގެ ނާސްތާއާއެކު ބޭއްވި މިހަފްލާގައި، ކުންފުނީގެ އިސްވެރިންނާއި މުވައްޒަފުން ބައިވެރިވެފައިވެއެވެ. އަދި ކުންފުނީގެ އަހަރީ ކޭކު ފެޅުމުގެ ރަސްމިއްޔާތެއްވެސް ކުރިއަށް ގެންގޮސްފައިވެއެވެ.

މޯލްޑިވްސް ގޭހަކީ ރާއްޖޭގައި ގޭހުގެ ބާޒާރުގައި އެންމެ ބޮޑު ހިއްސާއެއް އޮންނަ، ގިނަ ދުވަސްވީ ކުންފުންޏެކެވެ. 26 އަހަރު ދުވަހުގެ ދިގު ތާރީޚެއްގައި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ސަލާމަތްތެރިކަމާއެކު ގޭހުގެ ޚިދުމަތް ފޯރުކޮށްދިނުމުގައި އެކުންފުނިން އަދާކުރާ ދައުރަކީ ފާހަގަކޮށްލެވޭ ދައުރެކެވެ.