ބިދޭސީންގެ ފީ ދެއްކުމަށް ދީފައިވާ މުއްދަތު އިތުރުކޮށްފި
ދިވެހިރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނާ ގުޅޭ ފީތައް ގަވާއިދުން ދައްކަމުންދާ ވަޒީފާދޭ ފަރާތްތަކަށް ހާއްސަކޮށް، އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ފައިސާ ދެއްކުމަށް ސަރުކާރާއެކު ވެފައިވާ އެއްބަސްވުމުގެ މުއްދަތު އިތުރުކުރުމަށް ހޯމް މިނިސްޓްރީން ނިންމައިފިއެވެ.
މި ނިންމުމަކީ ފީތައް ދެއްކުމުގައި ގިނަ ފަރާތްތަކަށް ދިމާވާ ދަތިތަކަށް ލުއި ދިނުމުގެ ގޮތުން އެޅުނު ފިޔަވަޅެކެވެ.
މިނިސްޓްރީން ހާމަކުރެއްވި ގޮތުގައި، ސެޓްލްމަންޓް އެގްރީމަންޓްގެ ދަށުން ފީތަކާއި ޖޫރިމަނާތައް ދައްކަމުންދާ ގިނަ އަދަދެއްގެ ވަޒީފާދޭ ފަރާތްތަކުން، ކަނޑައެޅިފައިވާ މުއްދަތުގައި ފައިސާ ދެއްކުމަށް ދަތިތަކާ ކުރިމަތިވާ ކަމުގެ ޝަކުވާ މިނިސްޓްރީއަށް ވަނީ ލިބިފައެވެ.
Ads by BMLމިކަމާ ގުޅިގެން، 10 އޮކްޓޯބަރުން ފެށިގެން، ގަވާއިދުން ފީ ދައްކާ ފަރާތްތަކަށް އެކްސްޕެޓް ސިސްޓަމުން ފައިސާ ދެއްކުމަށް ދެވިފައިވާ މުއްދަތު އިތުރުކުރުމަށް ވަނީ ނިންމާފައެވެ.
މި އެއްބަސްވުމަށް ގެނެވޭ އިސްލާހުތަކުގެ ތަފްޞީލު، އެކްސްޕެޓް ސިސްޓަމްގެ ވެބްސައިޓް މެދުވެރިކޮށް އާންމުކުރެވޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ. ނަމަވެސް، މީގެ ކުރިން ސެޓްލްމަންޓް އެގްރީމަންޓްގެ ދަށުން އެއްވެސް ފައިސާއެއް ނުދައްކާ ފަރާތްތަކަށް، އަލުން އެއްބަސްވުމެއްގެ ދަށުން ފައިސާ ދެއްކުމުގެ ފުރުސަތެއް ނުލިބޭނެ ކަމަށް މިނިސްޓްރީން ވަނީ ހާމަކުރައްވާފައެވެ.
Ads by MACL
