ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އަރިއަތޮޅު ދެކުނުބުރީގެ ރަށްރަށަށް ރައީސުލްޖުމްހޫރިއްޔާގެ ދަތުރުފުޅެއް ފަށްޓަވައިފި

އަރިއަތޮޅު ދެކުނުބުރީގެ ރަށްރަށަށް ރައީސުލްޖުމްހޫރިއްޔާގެ ދަތުރުފުޅެއް ފަށްޓަވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އަރިއަތޮޅު ދެކުނުބުރީގެ ރަށްރަށަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ފުރާވަޑައިގެންފިއެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ އެ އަތޮޅުގެ ރަށްރަށަށް ޒިޔާރަތްކުރައްވައި، ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވާނެއެވެ. މި ބައްދަލުވުންތަކުގައި ރަށްރަށުގެ ތަރައްޤީގެ ކަންކަމާއި ރައްޔިތުންގެ އެންމެ މުހިންމު ބޭނުންތަކާ ގުޅޭގޮތުން މަޝްވަރާކުރެވޭނެއެވެ. މީގެއިތުރުން، ރައީސުލްޖުމްހޫރިއްޔާ ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، އެބޭފުޅުންގެ ހާލުއަޙުވާލު ބައްލަވާނެއެވެ.

މި ދަތުރުފުޅުގައި އަރިއަތޮޅު ދެކުނުބުރީގެ 10 ރަށަކަށް އެމަނިކުފާނު ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. އެއީ ދަނގެތި، ދިއްދޫ، އޮމަދޫ، ދިގުރަށް، މާމިގިލި، މަންދޫ، ފެންފުށި، ހަންޏާމީދޫ، މަހިބަދޫ، އަދި ކުނބުރުދޫ އެވެ.

މިއީ ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރައްވައި، އަތޮޅުތަކާއި ރަށްރަށާއި ސިޓީތަކުގެ ކައުންސިލްތަކާ ބައްދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ކުރިއަށްގެންދަވާ ދަތުރުފުޅުތަކުގެ ތެރެއިން އެއް ދަތުރުފުޅެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ވަޒީރުންނާއި ސަރުކާރުގެ އިސްވެރިންގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވާނެއެވެ.