އޮމަދޫ އިޚްތިޞާޞްގެ ދަށަށް 3 ފަޅެއް ރައީސް އިތުރުކޮށްދެއްވައިފި
އޮމަދޫގެ އިޤްތިޞާދީ ތަރައްޤީއަށް ޓަކައި، އެރަށުގެ އިޚްތިޞާޞްގެ ދަށަށް 3 ފަޅުރަށެއް ރައީސް އިތުރުކޮށްދެއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދަކާ އެއްގޮތަށް، އދ. އޮމަދޫގެ ފަތުރުވެރިކަމާއި އިޤްތިޞާދީ ތަރައްޤީ އިތުރުކުރުމަށްޓަކައި މުހިންމު ފިޔަވަޅެއް މިއަދު އަޅުއްވާފައިވާއިރު، މިގޮތުން، ތިން ފަޅެއް ކަމަށްވާ އދ. ކުޑަދޫފަޅާއި، ކޯޑު ނަންބަރު RF1329 ފަޅާއި، ކޯޑު ނަންބަރު RF1330 ފަޅަކީ އދ. އޮމަދޫގެ ބައެއް ކަމުގައި ކަނޑައަޅާފައިވާކަން ރައީސްގެ ޤަރާރަކުން ވަނީ ހާމަވެފައެވެ.
މި ޤަރާރު މިއަދު މެންދުރުފަހުގެ ވަގުތެއްގައި ސަރުކާރުގެ ގެޒެޓުގައި ވަނީ ޝާއިޢުކޮށްފައެވެ. މިއީ އޮމަދޫގެ ރައްޔިތުންނަށް ދިގު މުއްދަތެއްގައި ފައިދާ ކުރާނެ، ފަތުރުވެރިކަމުގެ ދާއިރާއިންނާއި އެހެނިހެން އިޤްތިޞާދީ މަސައްކަތްތަކުން ތަރައްޤީ ގެނުވުމަށް އެޅުނު ފިޔަވަޅެކެވެ.
Ads by BMLމި ޤަރާރު ނެރުއްވީ ރައީސް މުޢިއްޒު އދ. އަތޮޅުގެ ރަށްތަކަށް ފެއްޓެވި ދަތުރުފުޅާ ދިމާކޮށެވެ. މި ދަތުރުފުޅުގައި އެމަނިކުފާނު އޮމަދޫއަށް ވެސް ވަޑައިގަންނަވާނެއެވެ. އެހެންކަމުން، މި ދަތުރުފުޅަކީ އޮމަދޫގެ ރައްޔިތުންނަށް އުފާވެރި ޚަބަރެއް ގެނެސްދިން ދަތުރުފުޅެއް ކަމަށް ބެލެވެއެވެ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން، 2025 ފެބުރުވަރީ 5 ގައި ޝާއިޢުކުރައްވާފައިވާ ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުމުގެ ޤަރާރަށް ވެސް ވަނީ އިޞްލާޙު ގެނެސް، އެ ޤަރާރުގެ ޖަދުވަލުގައި ހިމަނާފައިވާ ރަށްތަކުގެ ލިސްޓު މިހާރު ވަނީ އަދާހަމަ ކޮށްފައެވެ.
މި ނިންމުމާއެކު އޮމަދޫގެ ބޮޑު މިނާއި، އިޤްތިޞާދީ ހަރަކާތްތައް ފުޅާކުރުމުގެ ފުރުސަތު އިތުރުވެގެންދާނެ ކަމަށް ވަނީ ލަފާކުރެވިފައެވެ.
Ads by MACL
