ހުޅުމާލޭ ކޯސްޓަލް ކްލީނަޕް: 2.1 ޓަނަށް ވުރެ ގިނަ ކުނި ނަގައިފި
ހުޅުމާލެ ސާފު ކުރުމުގެ ޕްރޮގްރާމެއްގެ ދަށުން 2,122.7 ކިލޯގެ ކުނި ނަގައިފިއެވެ.
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިސްނަގައިގެން ހުޅުމާލެ ސާފު ކުރުމަށް ހިންގި މި ހަރަކާތަކީ ހުޅުމާލެއަކީ އިތުރަށް ސާފުތާހިރު ތަނަކަށް ހެދުމަށް ކުރިއަށްގެންދިޔަ މަސައްކަތެކެވެ.
މި އަހަރުގެ ފަތުރުވެރިކަމުގެ ދުވަހާ ގުޅުވައިގެން، ފަތުރުވެރިކަމާބެހޭ ވުޒާރާއާ ގުޅިގެން މިދިޔަ ހުކުރު ދުވަހު ކުރިއަށްގެންދިޔަ "ކޯސްޓަލް ކްލީނަޕް" ޕްރޮގްރާމަށް ބޮޑު ތަރުހީބެއް ލިބިފައިވެއެވެ.
Ads by BMLއެޗްޑީސީން ހާމަކުރި ގޮތުގައި، ނެގުނު ކުނީގެ ތެރޭގައި 252.7 ކިލޯގެ ރީސައިކަލް ކުރެވޭ ޕްލާސްޓިކާއި، 115 ކިލޯގެ އެހެނިހެން ޕްލާސްޓިކް ހިމެނެއެވެ. މީގެ އިތުރުން 63 ކިލޯގެ ދަގަނޑާއި، 52 ކިލޯގެ ފުޅިތޮށްޓާއި، 1,640.2 ކިލޯގެ އެހެނިހެން ބާވަތްތަކުގެ ކުނި ވެސް ނެގިފައިވެއެވެ. ޖުމްލަ 2122.7 ކިލޯގެ ކުނި ނެގިފައިވާކަން އެނގިފައިވެއެވެ.
މި ސާފުކުރުމުގެ ހަރަކާތް ކުރިއަށްގެންދިޔައީ ހުޅުމާލޭގެ ފޭސް 1 އާއި ފޭސް 2 ގުޅާލާފައިވާ ބްރިޖު ސަރަހައްދުގައެވެ. މި ހަރަކާތުގެ ދަށުން ހުޅުމާލޭގެ ގޮނޑުދޮށާއި، ހޭޅިފަށުގެ އިތުރުން މޫދުވެސް ވަނީ ސާފުކުރެވިފައެވެ.
މިފަދަ ހަރަކާތްތަކަކީ ރާއްޖޭގެ ތިމާވެށި ހިމާޔަތްކޮށް، ރަށްރަށުގެ ސާފުތާހިރުކަން ދެމެހެއްޓުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.
Ads by MACL
