ހުއްޓިފައިވާ ނަރުދަމާ މަޝްރޫޢުތައް މިސަރުކާރުން ކުރިއަށް ގެންދާނެކަމުގެ ޔަޤީންކަން ރައީސް ދެއްވައިފި
ގިނަ ރަށްރަށުގައި ހުއްޓިފައިވާ ނަރުދަމާގެ މަޝްރޫޢުތައް އަލުން ފަށައި މިސަރުކާރުން ކުރިއަށް ގެންދަވާނެކަމުގެ ޔަޤީންކަން ރައީސް ދެއްވައިފިއެވެ.
އެމަނިކުފާނު މިޔަޤީންކަން ރައްޔިތުނަށް ދެއްވީ، އަރިއަތޮޅު ދެކުނުބުރީގެ ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެ އަތޮޅު ފެންފުށީ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ، ހުއްޓުމަކަށް އައިސްފައިވާ ފެންފުށީގެ ނަރުދަމާގެ މަޝްރޫޢަށް ވެސް ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށެވެ.
Ads by BMLފެންފުށީގެ ނަރުދަމާގެ މަޝްރޫޢު ހުއްޓިފައިވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، މިއީ ގިނަ ރަށްތަކަކަށް ކުރިމަތިވެފައިވާ މައްސަލައެއް ކަމަށެވެ. އަމިއްލަ ކުންފުންޏަކާ ހަވާލުކުރެވިފައިވާ މި މަސައްކަތްތައް، މި ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކުން ބާރު އަޅުއްވައިގެން ވެސް އަލުން ފަށާފައިނުވާތީ، ސަރުކާރުން މިހާރު ނިންމަވާފައިވަނީ އެއްބަސްވުން ނިމުމަކަށް ގެނެސް، އެހެން ގޮތަކުން މަޝްރޫޢުތައް ކުރިއަށްގެންދެވުން ކަމަށެވެ. އަދި ފެންފުށީގެ ނަރުދަމާގެ މައްސަލައަށް ހައްލު ގެނެސްދެއްވާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.
ނަރުދަމާގެ މަޝްރޫޢުގެ އިތުރުން، މަޑުޖެހިފައިވާ ފެންފުށީ ސްކޫލްގެ މަސައްކަތް ވެސް އަލުން ފައްޓަވައި، އަންނަ ދިރާސީ އަހަރަށް އެ އިމާރާތް ބޭނުންކުރެވޭނެ ގޮތަށް ނިންމަވާނެކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.
މި ދަތުރުފުޅާ ގުޅިގެން ފެންފުށީގެ ތަރައްޤީއަށް ގިނަ މަޝްރޫޢުތަކެއް ވަނީ ފަށާފައެވެ. އޭގެ ތެރޭގައި ފެންފުށީ ދޯނި އެހެލާ ސަރަޙައްދު ތަރައްޤީކުރުމުގެ މަޝްރޫޢާއި، 300 މީހުންގެ ޖާގައިގެ މިސްކިތެއް ބިނާކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރުން ހިމެނެއެވެ. މީގެ އިތުރުން، ފެންފުށީގެ ސިއްޙީ މަރުކަޒުގެ އައު އިމާރާތުގެ ޢަމަލީ މަސައްކަތް، ފެންފުށީ ފުލުހުންގެ މަރުކަޒު އިމާރާތްކުރުމުގެ ޢަމަލީ މަސައްކަތް، ކުންޏާއި ވަސީލަތް މެނޭޖްކުރާ މަރުކަޒުގެ ޢަމަލީ މަސައްކަތް، ފުޓުބޯޅަ ދަނޑުގެ ވަށައިގެން ޓްރެކެއް ހެދުމުގެ ޢަމަލީ މަސައްކަތް، އަދި ވޮލީކޯޓު މަޝްރޫޢުގެ ޢަމަލީ މަސައްކަތް ވަނީ ފައްޓަވައިދެއްވާފައެވެ.
މި މަޝްރޫޢުތަކާ ގުޅޭގޮތުން ރައީސް ވިދާޅުވީ، ފެންފުށީގައި އެއްގަމުތޮށީގެ މަސައްކަތް ވެސް ކުރިއަށްގެންދަވާނެ ކަމަށާއި، މިސްކިތް ބިނާކުރުމުގެ މަޝްރޫޢު ކުރިއަށްގެންދަވާނީ ހިނަވާގެ ވެސް ހިމެނޭ ގޮތަށް ކަމަށެވެ. އަދި ސިއްޙީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް ކުރިއަށްގެންދަވާނީ، މިހާރު ހުރި މަރުކަޒުގެ ޚިދުމަތްތައް ވެސް އައު އިމާރާތަށް ބަދަލުކުރެވޭނެ ގޮތަށް، މަސައްކަތުގެ ސްކޯޕަށް ބަދަލުގެނެސްގެން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި ހުރިހާ މަސައްކަތްތަކެއް ވެސް ސަރުކާރުން ފެއްޓެވީ، އިސްކަންދެއްވައިގެން، ބާރު ދުވެލީގައި، މަސައްކަތް ނިންމެވުމުގެ ޢަޒުމުގައިކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ފެންފުށީގައި ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމް ޚިދުމަތް ވެސް ވަނީ މިއަދު އިފުތިތާޙުކޮށްދެއްވާފައެވެ.
Ads by MACL
