ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

"މާލެ ޓެކްސީ"ގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަނެއްކާވެސް އިއުލާންކޮށްފި

"މާލެ ޓެކްސީ"ގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަނެއްކާވެސް އިއުލާންކޮށްފި

މާލެ ސަރަހައްދުގައި ދިމާވާ ޓެކްސީގެ ދަތިތަކަށް ހައްލެއް ހޯދުމަށް ސަރުކާރުން ތައާރަފްކުރަން ނިންމާފައިވާ "މާލެ ޓެކްސީ"ގެ ބްރޭންޑިން މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އެމްޓީސީސީން އަނެއްކާވެސް އިއުލާންކޮށްފިއެވެ. މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ ޓްރާންސްޕޯޓް މިނިސްޓްރީންނެވެ. މީގެ ކުރިން ބޭއްވި ބައްދަލުވުމަކަށް އެއްވެސް ފަރާތެއް ހާޒިރުވެފައި ނުވާތީ، މިއީ އެ ކުންފުނިން މިކަމަށް ކުރާ ދެވަނަ އިއުލާނެވެ.

ޢާންމުންގެ ގިނަ ކަންބޮޑުވުންތަކަކަށް ހައްލެއް ހޯދުމުގެ ގޮތުން ސަރުކާރުން މި ޓެކްސީ ލައިން ތައާރަފްކުރަން ނިންމީ މާލޭގައި މިހާރު ހަރަކާތްތެރިވާ ޓެކްސީތަކުން ދަތުރު ނުނެގުމާއި، އަގަށްވުރެ ބޮޑު އަގެއް ނެގުން ފަދަ މައްސަލަތައް ގިނަވުމާ ގުޅިގެންނެވެ. ނަމަވެސް، މި ނިންމުމަށް ޓެކްސީ ޑްރައިވަރުންނާއި ޓެކްސީ އެސޯސިއޭޝަނުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގައި މި އަހަރުގެ ތެރޭގައި މާލެ، ހުޅުމާލެ އަދި ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގައި "މާލެ ޓެކްސީ"ގެ ޚިދުމަތް ފެށުމަށް ވަނީ ހަމަޖެހިފައެވެ. ދެވަނަ ފިޔަވަހީގައި 2026 އަދި 2027 ވަނަ އަހަރު ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށީގައި ޚިދުމަތް ފުޅާކުރެވޭނެއެވެ. މީގެ އިތުރުން، 2028 އަދި 2029 ވަނަ އަހަރު ރަސްމާލެ، ގިރާވަރު، އައްޑޫ، ފުވައްމުލައް އަދި ކުޅުދުއްފުށީގައިވެސް މި ޚިދުމަތް ފެށުމަށް ރޭވިފައިވާ ކަމަށް އެމްޓީސީސީން ބުނެއެވެ.

މާލެ ޓެކްސީގެ ޚިދުމަތް ފަރުމާކޮށްފައިވަނީ ގެއްލުން ނުލިބޭނެ، ދެމެހެއްޓެނިވި ނިޒާމެއްގެ ގޮތުގައެވެ. މިގޮތުން، ދައުލަތުގެ ބަޖެޓުން ސަބްސިޑީއެއް ދޭން ނުޖެހި، މަހުން މަހަށް ނުވަތަ އަހަރުން އަހަރަށްވެސް މި ޚިދުމަތް ކުރިއަށް ގެންދެވޭނެ ކަމަށް އެމްޓީސީސީން ޔަގީންކަން ދެއެވެ.

މި ޓެކްސީތަކުގައި ސީސީޓީވީ ކެމެރާ އާއި ޑޭޝްކެމް ހަރުކުރެވިފައި ހުންނާނެއެވެ. މީގެ ސަބަބުން ޓެކްސީގެ ސްޕީޑާއި، ދަތުރަށް ހޭދަވި ވަގުތު އަދި އެހެނިހެން ކަންކަމަށް ހޭދަވި ވަގުތު މޮނިޓަރ ކުރެވޭނެއެވެ. މި ޚިދުމަތް 24 ގަޑިއިރު ލިބިގެންދާނެއެވެ.