ދިގުރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ މަސައްކަތް ރައީސްގެ ދަތުރުފުޅާ އެކު ފަށައިފި
އއ. އަތޮޅު ދިގުރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމަށް ރާވާފައިވާ ބޮޑު މަޝްރޫޢުގެ ޢަމަލީ މަސައްކަތް މިއަދު ރަސްމީކޮށް ފަށައިފިއެވެ.
މި މަސައްކަތް ފެށުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ދިގުރަށަށް މިއަދު ވަޑައިގެންނެވުމާ ގުޅިގެންނެވެ. ދިގުރަށުގެ ގުދުރަތީ ރީތިކަން ދެމެހެއްޓުމަށްޓަކައި މުހިންމު މި މަޝްރޫޢުގެ ފެށުން ފާހަގަކުރުމަށް ބޭއްވި މި ރަސްމިއްޔާތުގައި، މަޝްރޫޢުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އަބްދުﷲ މުއްތަލިބުއެވެ.
މި މަޝްރޫޢަކީ ދިގުރަށުގެ ގޮނޑުދޮށަށް ކުރިމަތިވެފައިވާ ގިރުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ ގޮތުން ކުރިއަށްގެންދާ މަސައްކަތެކެވެ. މަޝްރޫޢުގެ ދަށުން، 420 މީޓަރުގެ ޖިއޯބޭގް ރިވެޓްމެންޓް ޖެހުމާއި، 127 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމުގެ އިތުރުން 15 މީޓަރުގެ ގްރޮއިން ޖެހުމުގެ މަސައްކަތްވެސް ކުރެވޭނެއެވެ. 12.86 މިލިއަން ރުފިޔާގެ މި މަޝްރޫޢު، 150 ދުވަސްތެރޭ ނިންމާލުމަށް ވަނީ ރާވާފައެވެ. މި މަސައްކަތް ހިންގުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާއިރު، އެ ކުންފުނިން އަންނަނީ މިފަދަ ގިނަ މަޝްރޫޢުތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް ގެންދަމުންނެވެ.
Ads by BMLމިނިސްޓަރުގެ އަރިހުގައި ދަނގެތީ ދާއިރާގެ މެންބަރު އަބްދުﷲ ރަޝީދާއި، ދިގުރަށު ކައުންސިލްގެ ރައީސް އިބްރާހިމް އުސްމާނާއި، އެމްޓީސީސީގެ އެމްޑީ ސީޕީ ރިޓަޔާޑް އަހުމަދު ސައުދީވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ. މި މަޝްރޫޢު ނިމުމުން ދިގުރަށުގެ ގޮނޑުދޮށް ހިމާޔަތްކުރެވި، ރަށުގެ ރައްޔިތުންނަށް ދިރިއުޅުމުގެ ފެންވަރު ރަނގަޅުވެ، ފަތުރުވެރިކަމަށްވެސް ހެޔޮ ބަދަލުތަކެއް އަންނާނެކަމަށް ބެލެވެއެވެ.
Ads by MACL
