ސިއްހީ މަރުކަޒުތަކަށް ސީދާ މިނިސްޓްރީތަކާ މުއާމަލާތްކުރެވޭނެ ގޮތް ހަމަޖައްސައިދޭނަން: ރައީސް
ސިއްހީ މަރުކަޒުތަކަށް ސީދާ މިނިސްޓްރީތަކާ މުއާމަލާތްކުރެވޭނެ ގޮތް ހަމަޖައްސައިދެއްވާނެ ކަމަށް ރައީސް ޑރ. މުޢިއްޒު ވިދާޅުވެއްޖެއެވެ.
އދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މާމިގިލީގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާނު ކުރެއްވީ އަންނަ އަހަރުން ފެށިގެން ސިއްހީ މަރުކަޒުތަކަށް ސީދާ މިނިސްޓްރީތަކާ މުއާމަލާތްކުރުމުގެ ނިޒާމެއް ގާއިމުކުރައްވާނެ ކަމަށެވެ.
މިހާރު ސިއްހީ މަރުކަޒުތަކުން މިނިސްޓްރީތަކާ މުއާމަލާތްކުރަނީ ހޮސްޕިޓަލްތައް މެދުވެރިކޮށެވެ. އދ. އަތޮޅަށް ކުރައްވާ ދަތުރުފުޅެއްގައި މާމިގިލީގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، މި ބަދަލާއެކު ބޭހާއި މުވައްޒަފުން ހޯދުމުގައި ސިއްހީ މަރުކަޒުތަކަށް ހުރި ދަތިތައް ހައްލުވެ، ގިނަ ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.
Ads by BMLސިއްހީ މަރުކަޒުތަކަށް ހެލްތު މިނިސްޓްރީއާއި ފިނޭންސް މިނިސްޓްރީއާ ސީދާ މުއާމަލާތްކުރެވޭނެ އިންތިޒާމު ހަމަޖައްސަވާނެ ކަމަށާއި، މިކަން ޖެނުއަރީ 2024 އިން ފެށިގެން ތަންފީޒުކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މި ބަދަލާއެކު ބޭސް ލިބުމުގައި ރަށްތަކަށް ކުރިމަތިވެފައިވާ ދަތިކަން ހައްލުވެގެންދާނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް މުއިއްޒު އިތުރަށް ވިދާޅުވީ، ހެލްތު މިނިސްޓްރީއާއި ފިނޭންސް މިނިސްޓްރީގެ އިތުރުން އެސްޓީއޯއާ ވެސް ސިއްހީ މަރުކަޒުތަކަށް ސީދާ މުއާމަލާތްކުރެވޭނެ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. މީހުން ތަމްރީނުކުރުމުގެ ކަންކަން ވެސް މިހާރު ހަމަޖައްސަމުންދާ ކަމަށާއި، މިކަމާއެކު ރާއްޖޭގެ ހުރިހާ ސިއްހީ މަރުކަޒުތައް ވަކިވަކި މުއައްސަސާތަކުގެ ގޮތުގައި މިނިސްޓްރީތަކާ ސީދާ މުއާމަލާތްކުރެވޭނެ އިންތިޒާމު އަންނަ އަހަރުގެ ޖެނުއަރީން ފެށިގެން ހަމަޖެހިގެންދާނެ ކަމަށެވެ.
މި ނިންމުމުގެ ސަބަބުން ކުރިން ޚިދުމަތް ހޯދުމުގައި ހުރި ފަށަލަތައް ނެތި، އެތައް ކަމެއްގައި ފަސޭހަވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.
ބޭސް ލިބުމުގައި ހުރި ދަތިތަކަކީ ގިނަ ބަޔަކު ޝަކުވާކުރަމުން އަންނަ މައްސަލައެކެވެ. ސަރުކާރުން ވަނީ މި މައްސަލަ ހައްލުކުރުމަށް އެކި ތާރީޚުތައް ދީފައި ނަމަވެސް އަދިވެސް އެކަށީގެންވާ ހައްލެއް ލިބިފައެއް ނުވެއެވެ. ބޭސް އެތެރެކުރުމަށް ޚާއްސަ ކުންފުންޏެއް ވެސް ސަރުކާރުން ވަނީ އުފައްދާފައެވެ.
Ads by MACL
