މުއިއްޒަކީ މިހާތަނަށް ފެނުނު އެންމެ ތާހިރު ވެރިޔާ: ގާސިމް
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމަށް ތައުރީފު ކުރައްވައި، އެމަނިކުފާނަކީ މިހާތަނަށް ރާއްޖޭގެ ވެރިކަމަށް ވަޑައިގެންނެވި ބޭފުޅުންގެ ތެރެއިން އެންމެ ތާހިރުކޮށް ވެރިކަން ކުރައްވާ ބޭފުޅާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މަޖިލިސް މެންބަރު ގާސިމް އިބްރާހިމް، ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު އދ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މާމިގިލީގައި ބޭއްވެވި ޖަލްސާގައި ވާހަކަ ދައްކަވަމުން ގާސިމް ވަނީ، ގައުމުގެ ހައްގުގައި ރައީސް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް ސެލިއުޓް ކުރައްވާ ކަމަށްވެސް ވިދާޅުވެފައެވެ.
ގާސިމްގެ ވާހަކަފުޅުގައި ރައީސް މުއިއްޒުގެ އިހްލާސްތެރިކަމާއި ކެތްތެރިކަމަށް ތައުރީފު ކުރައްވަމުން ވިދާޅުވީ، އެމަނިކުފާނާ އެކުގައި މަސައްކަތް ކުރުމުން ރައީސްގެ ހިތްވަރާއި ހީވާގިކަން ރަނގަޅަށް ދެނެގަނެވޭ ކަމަށެވެ. އަދި ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދަތުރުކުރައްވައި، ގައުމަށް އެހީ ހޯއްދެވުމަށް ކުރައްވާ ބުރަ މަސައްކަތްޕުޅު ފެނިފައި އަޖައިބުވާ ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.
Ads by BML"އެއް ދުވަހު، ދުނިޔޭގެ އެއް ރަށަށް، އަނެއް ދުވަހު ދުނިޔޭގެ އަނެއް ރަށަށް ގޮސްގެން، އާދޭސްކޮށްގެން ލާރި ފޮއްޗެއް ލިބޭތޯ، ގޮތެއް ހޯދޭތޯ ބައްލަވަމުން ތި ކުރައްވާ ބުރަ މަސައްކަތްޕުޅުތަކަށް އަޅުގަނޑު އައްސަރިބަހާއި ސާބަސް ދަންނަވަމުން ސެލިއުޓް ނަގަމުން،" ގާސިމް ވިދާޅުވިއެވެ.
އަދި ކުރީގެ ރައީސް ޔާމީނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ގާސިމް ވިދާޅުވީ، ވެރިކަމަކުން ވެރިކަމަކަށް ދައުލަތް ދިޔައީ ދަރަނިވެރިވަމުން ކަމަށާއި، ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތް އިރު ދައުލަތުގެ ދަރަނި 132 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށެވެ. މިއީ ރައީސް މުއިއްޒު ކުރެއްވި ކަމެއް ނޫން ކަމަށާއި، ޔާމީންގެ ވެރިކަމުގައި ނަގާފައިވާ ބޮންޑާއި ލޯނުތަކުގެ ސަބަބުން ދަރަނި ބޮޑުވެފައިވާ ކަމަށް ގާސިމް ވިދާޅުވިއެވެ.
ގާސިމްގެ ވާހަކަފުޅުގައި ޕީއެންއެފްގެ ވެރިންނަށްވެސް ފާޑުވިދާޅުވެ، ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު، ޔާމީނަށް ނުކިޔާ އެއްޗެއް ނޯންނާނެ ކަމަށް ވިދާޅުވިއެވެ. އަދި ޔާމީނަކީ ކުރެވޭ ކަމަކާއި ދެއްކޭ ވާހަކައެއްވެސް ނޭނގޭ ބޭފުޅެއް ކަމަށް ގާސިމް ސިފަކުރެއްވިއެވެ.
ޔާމީންގެ ވެރިކަމުގެ ބަދުނާމު ކަންތައްތަކަށް އިޝާރާތް ކުރައްވައި ގާސިމް ވިދާޅުވީ، ވަގަށް ނެގި ފައިސާ އެކައުންޓްގައި ހުރި ކަމަށް ޔާމީން އަމިއްލައަށް ވިދާޅުވެފައިވާ ކަމަށެވެ. އަދި ފޮށިގަނޑުގަނޑުގައި ގެއަށް ވަންނަމުންދިޔަ ފައިސާއަކީ ހާލާލު ފައިސާ ނޫންކަން ރިޕޯޓް ކުރެވުނުތޯ ގާސިމް ސުވާލު އުފެއްދެވިއެވެ.
ޑިމޮކްރަސީ ހަޔާތެއް ގާއިމު ކުރުމަށް ގާސިމް ކުރެއްވި މަސައްކަތްތަކަށް އަލިއަޅުވާލައްވަމުން ވިދާޅުވީ، މިކަމުގެ އިސްނެގި ފަރާތްތަކުގެ ތެރޭގައި އެމަނިކުފާނު ހިމެނިވަޑައިގަންނަވާ ކަމަށާއި، ބިނާކުރަނިވި ގޮތެއްގައި މަސައްކަތް ކުރައްވައި، ދިވެހި ރައްޔިތުންނަށް ލާބަ އާއި މަންފާ ލިބޭނެ ގޮތަކަށް ކަންކަން ނިންމެވި ކަމަށެވެ.
Ads by MACL
