ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މުލީ އެއަރޕޯޓު ނިމުމަކާއި ގާތަށް، 1 ޖޫންގައި ޓެސްޓް ފްލައިޓް ޖައްސަނީ

 މ މުލީ ގައި ތަރައްގީ ކުރަމުންދާ އެއަރޕޯޓު
މ މުލީ ގައި ތަރައްގީ ކުރަމުންދާ އެއަރޕޯޓު

މުލަކަތޮޅު މުލީ އެއަރޕޯޓްގެ ޓެސްޓް ފްލައިޓް ޖޫން މަހުގެ ފުރަތަމަ ދުވަހު ބޭއްވުމަށް މަސައްކަތް ކުރަމުންދާކަމަށް ރީޖަނަލް އެއަރޕޯޓްސް ކުންފުނިން ވިދާޅުވެއްޖެއެވެ. މުލީ އެއަރޕޯޓް ތަރައްޤީކުރުމުގެ މުޅި މަޝްރޫޢުގެ %85 ވަނީ ނިމިފައެވެ. މި ޕްރޮޖެކްޓްގެ މަސައްކަތް ކުރިއަށްގެންދަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީއާއި ހަވާލުކޮށްގެންނެވެ.

މ. އަތޮޅުގެ ފުރަތަމަ އެއަރޕޯޓްކަމަށްވާ މުލީ އެއަރޕޯޓް މަޝްރޫޢުގެ މަސައްކަތްތުގެ މަޢުލޫމާތު ޙިއްސާކުރައްވަމުން ރީޖަނަލް އެއަރޕޯޓްސް ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު މުބީން ވިދާޅުވީ، އެ މަޝްރޫޢުގެ ބޮޑެތި މަސައްކަތްތައް މިހާރު ނިމިފައިވާކަމަށެވެ. ނަމަވެސް މަސައްކަތުގައި ބައެއް ލަސްތައް އުޅެނީ، އެއަރޕޯޓަށް ކޮންޓްރެކްޓަރަށް ބޭނުންވާ ބައެއް ވަސީލަތްތައް ރާއްޖެއިން ބޭރުން ގެނައުމުގައި ދަތިތަކެއް ހުރުމުންކަމަށެވެ.

މަޝްރޫޢުގެ މަސައްކަތްތައް އަވަސްކުރުމަށް ކަމާގުޅުންހުރި އިދާރާތަކުގެ މެދުގައި މަޝްވަރާކޮށް، މިހާރު މަސައްކަތް ކުރަނީ ޖޫން މަހުގެ 1 ވަނަ ދުވަހު، މުލީ އެއަރޕޯޓަށް ޓެސްޓް ފްލައިޓް ބޭއްވުމަށްކަމަށް މުބީން ވިދާޅުވިއެވެ.

މަޝްރޫޢުގެ ކޮންޓްރެކްޓަރ އެމްޓީސީސީން އެންމެ ފަހުން ޙިއްސާކުރި މަޢުލޫމާތަށް ބަލާއިރު، މިވަގުތު ކުރަމުންދަނީ ޓަރމިނަލާއި އެހެނިހެން އިމާރާތްތަކުގައި ކުރަންހުރި ފިނިޝިންގެ މަސައްކަތްތަކެވެ. އެއަރޕޯޓުގެ ރަންވޭގެ ހުރިހާ މަސައްކަތްތައްވެސް މިހާރު ވަނީ އެއްކޮށް ނިންމާލާފައެވެ. މީގެއިތުރުން މިވަގުތު އެންމެ މުހިންމު މަސައްކަތެއްގެ ގޮތުން ކުރަމުންދަނީ، ޓަރމިނަލަށް ބޭނުންވާ ސާމާނު ހޯދުމުގެ މަސައްކަތްތައްކަމަށް އެމްޓީސީސީން ވިދާޅުވިއެވެ.

މުލީ އެއަރޕޯޓްގެ މަސައްކަތުގައި ބިން ހިއްކަން ޖެހޭ ސަރަހައްދެއްވެސް ހިމެނެއެވެ. އެމްޓީސީސީން ވިދާޅުވީ ބިން ހިއްކަނީ ރަންވޭގެ ވަށައިގެންވާ ސަރަޙައްދުގެކަމަށެވެ. އެ މަސައްކަތުގައިވެސް އެއަރޕޯޓު ރަންވޭ ވަށައިގެން ހިއްކާ ސަރަޙައްދުގެ ބޮޑު ހިލައިގެ ރިވެންޓްމަންޓްގެ މަސައްކަތް ނިންމާ، ހިއްކަން ޖެހޭ ހިސާބަށް ވެލި އެޅުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. ބިން ހިއްކުމުގެ %90 މަސައްކަތް ވަނީ ނިމިފައެވެ.

ރީޖަނަލް އެއަރޕޯޓްސްއިން ހާމަކުރާ ގޮތުގައި، ކުރިއަށް އޮތް 2 މަސްތެރޭގައި މަސައްކަތްތައް ނިންމާ، ރަންވޭއަށް ޓެސްޓް ފްލައިޓް ބޭއްވުމުގެ މަސައްކަތްތައް ދަނީ ކުރަމުންނެވެ. މުލީ އެއަރޕޯޓް ތަރައްޤީކުރަނީ އެތެރޭގެ އުދުހުންތަކަށް ޚާއްސަ އެއަރޕޯޓެއްގެ ގޮތުގައެވެ. 1200 މީޓަރު ދިގު، 30 މީޓަރު ފުޅާ ރަންވޭއަކާއެކު ތަރައްޤީކުރާ އެއަރޕޯޓުގެ މަޝްރޫޢަށް ސަރުކާރުން 221 މިލިޔަން ރުފިޔާ ޚަރަދުކުރެއެވެ.

މުލަކަތޮޅުގައި މީހުން ދިރިއުޅޭ 8 ރަށް އޮންނައިރު، އަތޮޅުގެ އާބާދީ އުޅެނީ 8000އިން ދަށުގައެވެ.

މުލަކަތޮޅަކީ ރާއްޖޭގައި އެއަރޕޯޓެއް ނެތް މަދު އަތޮޅުތަކުގެ ތެރޭގައި ހިމެނޭ އެއް އަތޮޅެވެ. މ. މުލީގައި އެއަރޕޯޓް ތަރައްޤީކުރުމުގެ މަސައްކަތް ފަށާފަވަނީ 2022 ވަނަ އަހަރުގެ ކުރީކޮޅުއެވެ.