ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ގިނަ ދަރިން ހޯދަން ބާރުއަޅަން ސަރުކާރުން އިނާޔަތެއް ދޭން ޖެހޭ: މެންބަރު ހުސައިން ހަމީދު

ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ މެންބަރު ހުސައިން ހަމީދު، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ. ފޮޓޯ: ރައްޔިތުންގެ މަޖިލީހުގެ އިދާރާ
ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ މެންބަރު ހުސައިން ހަމީދު، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ. ފޮޓޯ: ރައްޔިތުންގެ މަޖިލީހުގެ އިދާރާ

ރާއްޖޭގެ އާބާދީ އިތުރުވާ މިންވަރު ދަށްވަމުންދާ ކަމީ ކަންބޮޑުވުމެއް ކަމަށާއި ގިނަ ދަރިން ހޯދަން ބާރުއަޅަން ސަރުކާރުން އިނާޔަތެއް ދޭން ޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ ޕީއެންސީ މެންބަރު ހުސައިން ހަމީދު މިއަދު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު ވިދާޅުވީ، ދަރިން ގިނަ ކުރުމަށް ސަރުކާރުން ޚާއްސަ އިނާޔަތްތަކެއް ދިނުމަކީ އާބާދީ ދަށްވުން ހުއްޓުވުމަށް ސަރުކާރުން ވިސްނަންޖެހޭނެ ކަމެއް ކަމަށެވެ. މީގެ 40 ނުވަތަ 50 އަހަރު ފަހުން ރާއްޖޭގެ އާބާދީ އިތުރުވުން މައިނަސް ފިގާއަކަށް އަންނާނެ ކަމަށް ސާވޭތަކުން ދައްކާ ކަން ފާހަގަކުރައްވައި، ހަމީދު ވިދާޅުވީ މިއީ ވަގުތުން ފިޔަވަޅު އަޅަންޖެހިފައިވާ ކަމެއް ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު ކުރިއަށްދިޔަ، އުމުރުން 65 އަހަރުވުމުން ވަޒީފާއިން ރިޓަޔާކުރާ މީހުންނަށް އަލުން ވަޒީފާ ހަމަޖައްސައިދޭން މަގުފަހިކުރަން ހުށަހަޅާފައިވާ ރީއެމްޕްލޯއިމެންޓް ބިލުގެ ބަހުސްގައި ވާހަކަ ދައްކަވަމުން ހުސައިން ހަމީދު ވިދާޅުވީ، އެއް ކުއްޖާ ނުވަތަ ދެ ކުދިންނަށް ވުރެ އިތުރަށް ދަރިން ނުހޯދުމަކީ މިހާރު "ފެޝަނަކަށް ވެފައިވާ" ކަމެއް ކަމަށެވެ. އެކަން ބަދަލުކުރުމަށް ސަރުކާރުން އިސްނަގައިގެން މަސައްކަތް ކުރުން މުހިންމު ކަމަށް ވެސް ހަމީދު ވިދާޅުވި އެވެ.

"ސަރުކާރުން އިސްނަގައިގެން ވެސް ދިވެހިރާއްޖޭގެ އާބާދީ އިތުރުކުރުމަށް ދެ ކުދިންނަށް ވުރެ ގިނައިން ނޫނީ ތި ންކުދިންނަށް ވުރެ ގިނައިން ކުދިން ހޯދާ ބޭފުޅުންނަށް ޚާއްސަ އިނާޔަތެއް ދީގެން ނަމަވެސް، [އާބާދީ އިތުރުކުރަން ބާރު އެޅުމަކީ] މިއަދު އަޅުގަނޑުމެންގެ ސަރުކާރުން ކުރަން މަޖުބޫރުވެފައިވާ ކަމެއްގެ ގޮތުގައި އަޅުގނޑު ފާހަގަކުރަން،" ހަމީދު ވިދާޅުވި އެވެ.

ނެޝަނަލް ސްޓެޓިސްޓިކްސް ބިއުރޯއިން ނެރުނު ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ރާއްޖޭގައި ވިހާ ރޭޓް މަތި ނުވެއްޖެނަމަ، މީގެ ގާތްގަނޑަކަށް 50 އަހަރު ފަހުން އޮންނާނީ މުސްކުޅި އާބާދީއެކެވެ. ނުވަދިހައިގެ އަހަރުތަކުގައި ދަރިމައިވުމުގެ ރޭޓް ރާއްޖޭގައި ހުރީ 7.4 ގައި ކަމަށް ވާއިރު، 2022 ގައި ހެދި ބޯހިމެނުމުގެ ނަތީޖާ އިން ދައްކަނީ އެ ރޭޓް 1.7 އަށް ދަށްވެފައިވާ ކަމަށެވެ. މާނައަކީ، މިހާރު ރާއްޖޭގައި އެވްރެޖުކޮށް ދެ ކުދިންނަށް ވުރެ މަދުން ދަރިން ހޯދަނީއެވެ.

ހަމީދު ވިދާޅުވީ، ރިއެމްޕްލޯއިމެންޓް ބިލަށް ވާހަކަ ދައްކާ އިރު، ރާއްޖޭގެ އާބާދީގެ މައްސަލަ ސަމާލުކަމަށް ގެނައުމަކީ މުހިންމު ކަމެއް ކަމަށެވެ. "އަޅުގަނޑު ހަމަ ދިވެހި ސަރުކާރަށާއި ދިވެހިރާއްޖޭގެ ކަމާ ބެހޭ ހުރިހާ މުއައްސަސާތަކަށް ގޮވާލަން ދިވެހިރާއްޖޭގެ އާބާދީ އިތުރުކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކޮށްދިނުމަށް އަދި އެހީތަކާ އިންސެންޓިވްތަކެއް ދީގެން ނަމަވެސް މިކަން ކުރުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް،" ހަމީދު ވިދާޅުވި އެވެ.

މީގެ އިތުރުން ހަމީދު ވިދާޅުވީ، އުމުރުން 65 އަހަރުވުމުން ރިޓަޔާ ކުރަންޖެހޭ ގޮތަށް ސިވިލް ސާވިސް ގާނޫނުގައި މިހާރު އޮތް ބައި ބަދަލުކޮށް، ރިޓަޔާ ކުރުން މީހުންގެ އިޚުތިޔާރަށް ދޫކޮށްލަންޖެހޭ ކަމަށެވެ.

2018 ވަނަ އަހަރު ކުރެވުނު ސާވޭއަކުން ދައްކާ ގޮތުގައި، 2058 ވަނަ އަހަރު އަންނައިރު ރާއްޖޭގެ އާބާދީގައި ކުޑަކުދިންގެ ނިސްބަތް 28 ޕަސެންޓުން 18 ޕަސެންޓަށް ދަށްވާނެއެވެ. އަދި އުމުރުން ދުވަސްވީ މީހުންގެ އާބާދީ ފަސް ޕަސެންޓުން 40 ޕަސެންޓަށް އިތުރުވާނެއެވެ. މި ބަދަލު އަންނާނީ ދަރިމައިވުމުގެ ރޭޓް ދަށްވުމާ އެކު، ހިޖުރަކުރާ މީހުންގެ އަދަދު އިތުރުވެގެން ކަމަށް ވެސް އެ ސާވޭއިން ދެއްވިކަން ފާހަގަކުރެވެއެވެ.