ޕާސްޕޯޓު ޚިދުމަތް، ތުލުސްދޫގައި ރަސްމީކޮށް ފަށައިފި
ޕާސްޕޯޓު ޚިދުމަތް ރާއްޖޭގެ ހުރިހާ އަތޮޅަކަށްފުޅާ ކުރުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، ތުލުސްދޫގައި އެ ޚިދުމަތް ރަސްމީކޮށް ފަށައިފިއެވެ.
ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ މުހިންމު ވައުދުފުޅެއް ކަމަށްވާ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާއި ޕާސްޕޯޓުގެ ޚިދުމަތް ރައްޔިތުންނާ ގާތުން އަވަހަށް ފޯރުކޮށްދިނުމުގެ މަޝްރޫޢުގެ ދަށުން، ކ. ތުލުސްދޫގައި ޕާސްޕޯޓު ދޫކުރުމުގެ ޚިދުމަތް ރަސްމީކޮށް ފަށައިފައިވާއިރު، މި މަޝްރޫޢު މިދިޔަ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހު އިފްތިތާޙްކުރެވުނުއިރު، ރާއްޖޭގެ ހުރިހާ އަތޮޅަކަށް މި ޚިދުމަތް ފުޅާކުރުމުގެ މަސައްކަތް ދަނީ ބާރަށް ކުރިއަށެވެ.
މޯލްޑިވްސް އިމިގްރޭޝަނުން މައުލޫމާތު ދީފައިވާ ގޮތުގައި، މިހާރު މި ޚިދުމަތް ނުފެށި އޮތީ ހަމައެކަނި އދ. އަތޮޅުގައެވެ. އދ. އަތޮޅުގައި ޕާސްޕޯޓުގެ ޚިދުމަތް ޤާއިމްކުރެވޭނީ މަހިބަދޫގައި ކަމަށް އިމިގްރޭޝަނުން ވަނީ ހާމަކޮށްފައެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ މި މަހުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޕާސްޕޯޓުގެ ޚިދުމަތް ފެށި، ރައްޔިތުންނަށް އިތުރަށް ފަސޭހަވާނެ ކަމަށެވެ.
Ads by MACL
