ބީއެމްއެލްގެ އައު ބްރާންޗެއްގެ ބިންގާ މާމިގިލީގައި އަޅައިފި
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އދ. މާމިގިލީގައި ބޭންކިންގ ޚިދުމަތްތައް އިތުރަށް ފުޅާކުރުމަށްޓަކައި، މިއަދު އެރަށުގައި އައު ބްރާންޗެއްގެ ބިންގާ އަޅައިފިއެވެ. މި މަޝްރޫޢުގެ ދަށުން މާމިގިލީގެ ރައްޔިތުންނަށާއި އދ. އަތޮޅުގެ އެހެން ރަށްރަށުގެ ރައްޔިތުންނަށް ވެސް ބޭންކިންގ ޚިދުމަތްތައް ފަސޭހައިން ލިބިގެންދާނެއެވެ.
މާމިގިލީގައި ބޭއްވުނު މި ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި ވަޒީރުންނާއި ބީއެމްއެލްގެ ޗެއަރޕަރސަން އަޙްމަދު ޢަލީ ޙަބީބާއި، ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފްގެ އިތުރުން ބޭންކުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، މާމިގިލީގައި މި ގާއިމުކުރެވޭ ބްރާންޗާއެކު ބޭންކުގެ ޚިދުމަތްތައް އިތުރަށް ފުޅާކުރުމަށް ފަސޭހަވެގެންދާނެ ކަމަށެވެ. "މާމިގިލީގައި މި އަޅާ އައު ބްރާންޗުގެ ބިންގަލާއި، މުޅި އަތޮޅުގައި އޭޓީއެމްގެ ޚިދުމަތް ގާއިމުކުރުމަށް އަޅުގަނޑުމެން މި ކުރަމުންދާ މަސައްކަތަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ޚިދުމަތް ދިނުމުގެ އިތުރުން، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ފާހަގަކޮށްލެވޭ މި ސަރަހައްދަށް ޒިޔާރަތްކުރާ ފަރާތްތަކަށް ވެސް ބޭންކުގެ ޚިދުމަތްތައް އިތުރަށް ފަސޭހަކޮށްދިނުމަށް އަޅުގަނޑުމެން ކުރާ މަސައްކަތެއް،" ޝަރީފް ވިދާޅުވިއެވެ.
Ads by BMLބީއެމްއެލްގެ އަމާޒަކީ މުޅި ރާއްޖެއަށް ފުޅާ ބޭންކިންގ ވިއުގައެއް ގާއިމުކޮށް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ. އެގޮތުން 20 އަތޮޅުގައި 42 ބްރާންޗާއި، 190 ސެލްފްސަރވިސް ބޭންކިންގ ސެންޓަރާއި، 248 އޭޓީއެމްގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތްތައް ބީއެމްއެލް އިން ދަނީ ފޯރުކޮށްދެމުންނެވެ.
މާމިގިލީގައި ބޭންކުގެ ބްރާންޗެއްގެ ބިންގާ މިއަދު އަޅާފައިވާއިރު، މިހާރު ވެސް ބޭންކް އޮފް މޯލްޑިވްސް އިން އަންނަނީ އދ. މަހިބަދޫގައި ގާއިމުކޮށްފައިވާ ބްރާންޗް މެދުވެރިކޮށް އދ. އަތޮޅުގެ ރައްޔިތުންނަށް ޚިދުމަތް ދެމުންނެވެ.
Ads by MACL
