ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ހަންޏާމީދޫގައި ގެސްޓްހައުސް ހިންގާ ފަރާތްތަކާ ރައީސް ބައްދަލުކުރައްވައިފި

ހަންޏާމީދޫގައި ގެސްޓްހައުސް ހިންގާ ފަރާތްތަކާ ރައީސް ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އ.ދ. ހަންޏާމީދޫގައި ގެސްޓްހައުސް ހިންގާ ފަރާތްތަކާ ބައްދަލުކުރައްވައި، އެފަރާތްތަކުގެ ވިޔަފާރިއަށް ހުރި ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން ބޭއްވުނީ މިއަދު ރައީސުލްޖުމްހޫރިއްޔާ ހުޅުއްވައިދެއްވި އ.ދ. ހަންޏާމީދޫ ކައުންސިލް އިދާރާގައެވެ.

ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ގެސްޓްހައުސް ވިޔަފާރިތައް ކުރިއެރުވުމަށް ބާރުއަޅުއްވައި، އެފަރާތްތަކަށް ދިމާވާ ދަތިތައް އޮޅުންފިލުއްވާފައެވެ.

ގެސްޓްހައުސް ހިންގާ ފަރާތަކުން ފާހަގަކުރެއްވި ގޮތުގައި، ހަންޏާމީދޫގައި މިހާރު ވެސް 15 އަށް ވުރެ ގިނަ ގެސްޓްހައުސް ހުރިއިރު، އިތުރު 5 ނުވަތަ 6 ގެސްޓްހައުސް މިހާރު ވެސް ދަނީ ތަރައްޤީ ކުރަމުންނެވެ. އެފަރާތްތަކުން ވަނީ ފަތުރުވެރިންނާއި ރަށު ރައްޔިތުންނަށް ޕިކްނިކް ދިއުމަށް ބޮޑުކާށިހުރާ ލިބެން ނެތް ނަމަ، އަތަފަރު ކަނޑައަޅައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހުން އެދިވަޑައިގެންފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ގެސްޓްހައުސް ހިންގާ ފަރާތްތަކުން އެދިވަޑައިގެންނެވި ކަންކަމުގައި ސަރުކާރުގެ ފަރާތުން އެއްބާރުލުން ދެއްވާނެ ކަމަށާއި، ހަންޏާމީދޫ ރައްޔިތުންނަށް ޕިކްނިކް ދިއުމަށް ރަނގަޅު އިންތިޒާމެއް ހަމަޖައްސަވައިދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.