ވޮކޭޝަނަލް ތަޢުލީމަށް 50 އަހަރު: ޕޮލިޓެކްނިކްގެ ފޮޓޯ މައުރަޒު ހުޅުވައިފި
ރާއްޖޭގައި ވޮކޭޝަނަލް ތަޢުލީމު ފެށުނުތާ 50 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން، "ވޮކޭޝަނަލް ޖަރނީ އިން ފްރޭމްސް" ގެ ނަމުގައި ޕޮލިޓެކްނިކުން އިންތިޒާމްކުރި ފޮޓޯ މައުރަޒު ރަސްމީކޮށް ހުޅުވައިފިއެވެ. މި މައުރަޒު ހުޅުވައިދެއްވީ ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަތީފެވެ.
ސިފްކޯ ޕާޓީ ހޯލުގައި ކުރިއަށްދާ މި މައުރަޒުގައި 150 އަށްވުރެ ގިނަ ފޮޓޯ ބައިބަޔަށް ބަހައްޓާފައިވާއިރު، މައުރަޒު ހުޅުވުމުގެ ރަސްމިއްޔާތުގައި 200 ފޮޓޯ ހިމެނޭ ޑިޖިޓަލް ގެލަރީއެއްވެސް ނައިބު ރައީސް ވަނީ ލޯންޗްކޮށްދެއްވާފައެވެ. މި ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ޙައިދަރު އަޙުމަދާއި، ޕޮލިޓެކްނިކްގެ ސީއީއޯ ޒޫޝާން ކަމާލުއްދީންގެ އިތުރުން ގިނަ އަދަދެއްގެ އިސް ބޭފުޅުންނާއި ދަރިވަރުން ބައިވެރިވިއެވެ.
ރާއްޖޭގައި ވޮކޭޝަނަލް ތަޢުލީމުގެ ބިންގާ އެޅުނު އިރު، އެއީ 1975 ވަނަ އަހަރުގެ އޮކްޓޯބަރު 14 ވަނަ ދުވަހު ވޮކޭޝަނަލް ޓްރެއިނިންގ ސެންޓަރެއް ގާއިމްކުރުމާ އެކުގައެވެ. މި މައުރަޒުގައި ވަނީ އެދުވަސްވަރުން ފެށިގެން ޕޮލިޓެކްނިކުން ހިންގާފައިވާ އެކިއެކި ކޯސްތަކާއި ޕްރޮގްރާމްތަކުގެ އިތުރުން، ޚާއްސަ ދުވަސްތަކުގެ ހަނދާނީ ފޮޓޯތައް ހިމަނާފައެވެ. މާލެއާއި އަތޮޅުތަކުގައި ކުރިއަށްގެންގޮސްފައިވާ ޙަރަކާތްތަކުގެ ތަސްވީރުތައްވެސް މި މައުރަޒުން ފެނިގެންދާނެއެވެ.
Ads by BMLޕޮލިޓެކްނިކްގެ 50 އަހަރުގެ ޚާއްސަ ފާހަގަކުރުންތަކުގެ ތެރެއިން، މި މަހުގެ 16 އިން 17 އަށް ކާނިވަލެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ކާނިވަލްގައި ޕޮލިޓެކްނިކާ ގުޅޭ އެކި ހަރަކާތްތަކާއި، ޚިދުމަތްތަކާއި ވޯކްޝޮޕްތައް ހިމެނޭނެއެވެ. މީގެއިތުރުން، މި އުފާވެރި މުނާސަބަތު ފާހަގަކުރުމަށް ޚާއްސަ ރަސްމިއްޔާތެއް ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.
މިހާރު ޕޮލިޓެކްނިކްގެ އެކި ކެމްޕަސްތަކުގައި 25 އަށްވުރެ ގިނަ ކޯސް ހިންގަމުންދާއިރު، 500 އަށްވުރެ ގިނަ ދަރިވަރުން އެކި ދާއިރާތަކުން ތަމްރީނުވަމުން އަންނަކަން ފާހަގަކުރެވެއެވެ. މި ފޮޓޯ މައުރަޒު މިއަދު ރޭގަނޑު 10:00 އާ ހަމައަށް ހުޅުވިފައި ހުންނާނެ ކަމަށް ޕޮލިޓެކްނިކުން ބުނެއެވެ. އަދި މާދަމާ ހެނދުނު 10:00 އިން ހަވީރު 6:00 އަށް މައުރަޒު ކުރިއަށްދާނެއެވެ.
Ads by MACL
