އެމްއޭސީއެލް އިން އޮމަދޫގައި ހަދާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅައިފި
އެމްއޭސީއެލް އިން އދ. އޮމަދޫގައި ގާއިމްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅައިފިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެއް ކަމުގައިވާ ރާއްޖޭގެ ހުރިހާ ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ގާއިމުކުރުމުގެ މަސައްކަތުގެ ދަށުން، އދ. އޮމަދޫގައި މި ސަރުކާރުން ގާއިމުކުރާ ފިޓްނަސް ސެންޓަރުގެ ބިންގާއެޅީ މިއަދުއެވެ.
މި މަޝްރޫޢުގެ ބިންގާ އަޅުއްވައިދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިއުއެވެ. މި ރަސްމިއްޔާތާއެކު، އޮމަދޫގައި އިމާރާތްކުރާ ފުލުހުންގެ މަރުކަޒާއި ކައުންސިލް އިދާރާގެ އާ އިމާރާތުގެ ބިންގާ ވެސް އަޅާފައިވާއިރު، މިއީ އެރަށުގެ ތަރައްގީއަށް އެޅުނު މުހިންމު ތިން ބިންގަލެކެވެ.
Ads by BMLރައީސް ޑރ. މުހައްމަދު މުއިއްޒު އދ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން އޮމަދޫއަށް ވަޑައިގެން ބޭއްވެވި މި ރަސްމިއްޔާތުގައި، ދަނގެތި ދާއިރާގެ މެންބަރު އަބްދުﷲ ރަޝީދާއި އޮމަދޫ ކައުންސިލްގެ ނައިބު ރައީސް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މި ފިޓްނަސް ސެންޓަރުގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއެވެ. ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅުގައިވާ ގޮތުން، އަންނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ވައުދުފުޅުގެ ދަށުން އޮމަދޫގައި ވެސް ފިޓްނަސް ސެންޓަރެއް ގާއިމުކުރުމުގެ މަސައްކަތް މިހާރު ވަނީ ފެށިފައެވެ. އޮމަދޫ ރައްޔިތުންގެ ފިޒިކަލް ހެލްތާއި ރެކްރިއޭޝަންގެ ކަންތައްތައް ކުރިއެރުވުމަށް މި ސެންޓަރުން ބޮޑު އެހީތެރިކަމެއް ލިބިގެންދާނެއެވެ.
Ads by MACL
