ބްރޯޑްކާސްޓިންގ ކޮމިޝަނަށް 4 މެންބަރުން އިންތިޚާބަކާ ނުލާ ހޮވިއްޖެ
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ އިންތިޚާބު އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު، ބްރޯޑްކާސްޓަރުންނާއި އެހެނިހެން މީޑިއާތައް ތަމްސީލުކުރާ 4 މެންބަރުން އިންތިޚާބަކާނުލާ ހޮވިއްޖެއެވެ. މި ކޮމިޝަނުގައި ތިއްބަވާ 7 މެންބަރުންގެ ތެރެއިން 4 މެންބަރުން އިންތިޚާބުކުރުމަށް ކޮމިޝަނުން ކުރި އިޢުލާނާ ގުޅިގެން ހުޅުވާލި ފުރުޞަތުގައި، ކަނޑައެޅިފައިވާ އަދަދަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުން ކުރިމަތިލުމާއެކު، އިންތިޚާބަކާ ނުލައި މި ފަރާތްތައް ވަނީ ހޮވިފައެވެ.
ބްރޯޑްކާސްޓަރުން ތަމްސީލުކުރާ މެންބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތުގައި ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން އެއް ކެންޑިޑޭޓަކު އޭނާގެ ނަން އަނބުރާ ގެންދިޔުމާ ގުޅިގެން، އިންތިޚާބު ކުރަންޖެހޭ ދެ މެންބަރުންގެ މަޤާމަށް ދެ ކެންޑިޑޭޓުންނަށް ޝަރުޠު ހަމަވިއެވެ. މި މަޤާމުތަކަށް ހޮވުނު ފަރާތްތަކަކީ، ށ. ފޭދޫ، މޫނިމާގެ، ޢަބްދުލްޢަޒީޒް އިބްރާހީމް އާއި ގދ. ތިނަދޫ، މަލަ، ޒަމްޢަތު އަޙްމަދު ވަޙީދުއެވެ.
އަދި އެހެން މީޑިއާތައް ތަމްސީލުކުރާ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުޞަތު ހަމަވިއިރު، އިންތިޚާބު ކުރަންޖެހޭ އަދަދަށް، އެބަހީ ދެ ކެންޑިޑޭޓުންނަށް ޝަރުޠު ހަމަވިއެވެ. އެހެން މީޑިއާތައް ތަމްސީލުކުރާ މެންބަރުކަމަށް ހޮވުނު ފަރާތްތަކަކީ، ގދ. ރަތަފަންދޫ، ވެލީގެ، ސިމާޙާ ނަސީމް އާއި ހދ. ވައިކަރަދޫ، ހިސާން، ޙުސައިން ޘަޤީފް އެވެ.
Ads by BMLމި ފަރާތްތައް ވަނީ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ޤާނޫނުގައި ބަޔާންކޮށްފައިވާ އުޞޫލުން އިންތިޚާބަކާނުލާ ކޮމިޝަނުގެ މެންބަރުކަމަށް ހޮވިފައިވާކަން މިހާރު އިޢުލާންކޮށްފައެވެ.
Ads by MACL
