ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ގެދޮރުވެރިޔާ ސްކީމް: ފްލެޓް ނުލިބޭ ފަރާތްތަކުގެ ގުރުއަތު މާދަމާ

ގެދޮރުވެރިޔާ ސްކީމް: ފްލެޓް ނުލިބޭ ފަރާތްތަކުގެ ގުރުއަތު މާދަމާ

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ ފަރާތްތަކަށް ހާއްސަކޮށްގެން ގުރުއަތު ނެގުމެއް މާދަމާ ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓްރީގައި ބާއްވާ ގޮތަށް ވަނީ ހަމަޖައްސާފައެވެ. މި ގުރުއަތު ނެގުން އޮންނާނީ މާދަމާ މެންދުރު ފަހު 3:00 އިން ފެށިގެންނެވެ.

މި ގުރުއަތު ނެގުން ކުރިއަށް ގެންދަނީ 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހު ފްލެޓްތައް ކަނޑައެޅުމަށް ކުރިއަށް ގެންދިޔަ ގުރުއަތު ނެގުމުގައި، ފްލެޓް ލިބޭ ކަމަށް ޝަރުތުހަމަވެ، ނަމަވެސް ގުރުއަތުގައި ބައިވެރިނުވެވުނު ފަރާތްތަކަށެވެ. މީގެ ތެރޭގައި ދެ ކޮޓަރީގެ ފްލެޓަށް ޝަރުތުހަމަވެ 73 އިން މަތިން މާކްސް ލިބުނު ނަމަވެސް ގުރުއަތު ނުނެގުނު ފަރާތްތަކާއި، ތިން ކޮޓަރީގެ ފްލެޓަށް ޝަރުތުހަމަވެ 76 އިން މަތިން މާކްސް ލިބުނު ނަމަވެސް ގުރުއަތު ނުނެގުނު ފަރާތްތައް ހިމެނެއެވެ.

އޭގެ އިތުރުން، ދެމަފިރިންނަށް ވަކިން ފްލެޓް ލިބިފައިވާ ހާލަތްތަކުގައި، ދެމަފިރިންގެ ތެރެއިން އެއް ފަރާތުން ފްލެޓް ދޫކޮށްލުމަށްފަހު، ފްލެޓް ލިބޭ އަދި ގުރުއަތު ނަގާފައިނުވާ ފަރާތްތައް ވެސް މި ގުރުއަތު ނެގުމުގައި ހިމެނޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ތަރައްޤީކޮށްފައިވާ 4000 ފްލެޓް ލިބޭ މީހުންގެ ލިސްޓް އެކުލަވާލައި، އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް ފަހިދިރިއުޅުން ކޯޕަރޭޝަނުން މިހާރު ދަނީ ކުރަމުންނެވެ. އަދި ޑައުންޕޭމަންޓް ދައްކާފައިވާ ބައެއް ފަރާތްތަކަށް މިހާރު ވަނީ ފްލެޓްތައް ހަވާލުކުރަން ފަށާފައެވެ.