އެމްޑީޕީގެ މުޒާހަރާއިން ހައްޔަރުކުރި މީހުން ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ފަށައިފި
މިދިޔަ ހުކުރު ދުވަހު އިދިކޮޅު އެމްޑީޕީން މާލޭގައި ބޭއްވި މުޒާހަރާއަކާ ގުޅިގެން ހައްޔަރުކޮށް ބަންދުކުރި ފަރާތްތަކުން، ފުލުހުންގެ ބަންދުގައި ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ފަށާފައިވާކަމަށް މައުލޫމާތު ލިބިއްޖެއެވެ. މިކަން ފުލުހުން ވެސް ވަނީ ކަށަވަރުކޮށްދީފައެވެ.
ފުލުހުން ބުނި ގޮތުގައި، ބަންދުގައި ތިބި ބަޔަކު މިފަދަ ހަޅުތާލެއް ކުރަމުންދާތީ، ޕްރޮފެޝަނަލް ސްޓޭންޑާރޑްސް ކޮމާންޑުން ދަނީ މިކަން ގާތުން ބަލަމުންނެވެ. އަދި މިކަމުގެ މައުލޫމާތު ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނާއި ހިއުމަން ރައިޓްސް ކޮމިޝަނާ ވެސް ހިއްސާކޮށްފައިވާނެ ކަމަށް ފުލުހުން އިތުރަށް ހާމަކުރިއެވެ.
"ލޫޓުވައިފި" މި ނަމުގައި އެމްޑީޕީން މިދިޔަ ހުކުރު ދުވަހު ބޭއްވި މުޒާހަރާގައި ހައްޔަރުކުރެވުނު 8 މީހުންގެ ތެރެއިން 7 މީހަކު ވަނީ 15 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައެވެ.
Ads by BMLމި މީހުންގެ ތެރޭގައި ކުޅުދުއްފުށީ އުތުރު ދާއިރާގެ ކުރީގެ މެމްބަރު ޔާސިރު އަބްދުއްލަތީފް، މާފުށީ ކައުންސިލްގެ ރައީސް ހަސަން ސޮލާހް، އަދި އައްޑޫ ސިޓީ ކައުންސިލްގެ މެމްބަރު ހުސައިން ޒަރީރު ހިމެނެއެވެ.
މީގެ އިތުރުން ދާންދޫ ދާއިރާގެ ކުރީގެ މެމްބަރު ޔައުގޫބު އަބްދުﷲ އާއި ހ. ލެވެންޑްލީއާގެ، ހުސެއިން ޝާކިރު އާއި ހއ. ބާރަށު، ކުއްޅަވައްގެ، އަލީ ޖުމާން އާއި ނ. ވެލިދޫ، ޖަވާހިރުމާގެ، މުހައްމަދު ހަލަފް އިބްރާހިމް އަދި ބ. ކެންދޫ، ނޫހިރި، އާޒިމް އަލީ ވެސް ހިމެނެއެވެ.
Ads by MACL
