ނިމިދިޔަ ދެ ސަރުކާރުގެ ބޮޑު ދަރަނި ދައްކަމުން އެދަނީ ރައީސް މުޢިއްޒުގެ ސަރުކާރުން: މެންބަރު ޠާރިޤު
ރާއްޖޭގެ ދަރަނި ބޮޑުވެ، ބަނގުރޫޓުވުމުގެ ބިރު ހީވެފައިވާކަމަށް ބައެއް ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކާ ގުޅިގެން، މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ޠާރިޤު ރައްދު ދެއްވައިފިއެވެ.
ރައީސް މުޢިއްޒު މަހިބަދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މެންބަރު ޠާރިޤު ވިދާޅުވީ، ކުރީގެ ދެ ރައީސުންގެ ދަރަނި މިހާރު ދައްކަން ޖެހިވަޑައިގަންނަވަނީ ރައީސް މުޢިއްޒުގެ ސަރުކާރަށް ކަމަށެވެ.
މެންބަރު ޠާރިޤު ވަނީ ދަރަނި އުފެދިގެން އައި ގޮތުގެ ތަފްސީލުތަކެއް ދެއްވާފައެވެ. އޭނާ ވިދާޅުވި ގޮތުގައި، ރައީސް ޔާމީންގެ ސަރުކާރުގައި ސަނީ ސައިޑްގެ ނަމުގައި ބޭރުން 250 މިލިއަން ޑޮލަރުގެ ބޮންޑެއް ނެގިއެވެ. އަދި އެމްޑީޕީ ސަރުކާރުން ދަރުމަވަންތަ ހޮސްޕިޓަލާއި އަމިނިއްޔާ ސްކޫލު ރަހުނުކޮށް، އެ ބޮންޑު ދެއްކުމަށާއި އިތުރު ފައިސާ ހޯދުމަށް ކޮވިޑްގެ ތެރެއިން އިތުރު ލޯނެއް ނެގިއެވެ. މީގެއިތުރުން، ސަރުކާރު ހިއްސާވާ ކުންފުނިތައް މެދުވެރިކޮށްވެސް ކުރީގެ ސަރުކާރުތަކުން ލޯނުތައް ނަގާފައިވާކަން ޠާރިޤު ފާހަގަކުރެއްވިއެވެ.
Ads by BMLރާއްޖޭގެ އިޤްތިޞާދަށް ގާތްގަނޑަކަށް 1 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނު ނަމަވެސް، ތެލަށް ކުރާ ޚަރަދަށް ފަހު ލޯނު ދެއްކުމަށް އެކަށީގެންވާ މިންވަރެއް ނުހުންނަކަން މެންބަރު ވިދާޅުވިއެވެ. އެހެންކަމުން، ރައީސް މުޢިއްޒުގެ ސަރުކާރު ވެރިކަމާ ހަވާލުވިއިރު މި ހުރިހާ ދަރަންޏެއް ދައްކާ ހަލާސްކުރަން ޖެހިފައިވާކަމަށް ޠާރިޤު ވިދާޅުވިއެވެ.
މިދިޔަ ސަރުކާރުގައި ލޯނުތައް ދެއްކުމަށްޓަކައި ގާއިމްކުރެވިފައިވާ ސޮވެރިން ޑިވެލޮޕްމެންޓް ފަންޑު، ދިވެހި ފައިސާއަށް ބަދަލުކުރުމުގެ ސަބަބުން މިހާރުގެ ސަރުކާރަށް ލޯނު ދެއްކުމަށް އިތުރު ބުރައެއް އުފުލަން ޖެހުނުކަމަށްވެސް މެންބަރު ފާހަގަކުރެއްވިއެވެ.
"މިދެންނެވި ވާހަކަ ދެއްކެވި ދެ ރައީސުންގެ ދަރަނި މިއަންނަ އަހަރު އަޅުގަނޑުމެން ދައްކަން ޖެހެނީ. އެއީ ރައީސް ޔާމީންގެ ދައުރުގައި ނަގާފައިވާ 250 މިލިއަން ޑޮލަރުގެ ސަނީ ސައިޑް ބޮންޑާއި ރައީސް ޞާލިހުގެ ވެރިކަމުގައި އޭގެ މައްޗަށް ނަގާފައިވާ 250 މިލިއަން ޑޮލަރު އެކުވެގެން ޖުމްލަ 500 މިލިއަން ޑޮލަރުގެ ދަރަނި މިއަންނަ އަހަރު ރައީސް ދައްކަވަން ޖެހިވަޑައިގަންނަވަނީ،" މެންބަރު ޠާރިޤު ވިދާޅުވިއެވެ.
މި ދަރަނިތައް ހިމެނޭހެން އަންނަ އަހަރު ޖުމްލަ 800 މިލިއަން ޑޮލަރު ދައްކަން ޖެހޭކަމަށް ޠާރިޤު ވިދާޅުވިއެވެ.
ދަރަނި ދެއްކުމަށްޓަކައި ސަރުކާރުން ބޭރު ފައިސާގެ ޤާނޫނަށް އިސްލާހު ގެނެސް، ރިޒާވަށް ޑޮލަރު ވަންނަ ގޮތަށް އުސޫލުތައް ބަދަލުކޮށްފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި އިންޑިއާއާއި ޗައިނާއާއެކު ބޭއްވި މަޝްވަރާތަކުން ދަރަނި ދެއްކުމަށް ސަރުކާރުން ލުއިތަކެއް ހޯދާފައިވާކަންވެސް ޠާރިޤު ފާހަގަކުރެއްވިއެވެ.
"މިހާރު އަޅުގަނޑުމެން މިއަންނަ އަހަރު ބޭންކްރަޕްޓް ވެދާނެ ކަމަށް އޮތް ޝައްކުތައް ފިލައިފި. އެ ޝައްކުތައް ފިލުވާލުމަށްޓަކައި އަވަށްޓެރި ޤައުމުތައް، ޙާއްސަކޮށް އިންޑިއާއާއި ޗައިނާއާ މަޝްވަރާކުރުމަށް ފަހު އެ ޤައުމުތަކަށް ދައްކަން ޖެހޭ ލޯނުތަކަށް ލުއިތަކެއް ހޯއްދަވައި ދެއްވާ، މިއަންނަ އަހަރު ދައްކަންޖެހޭ 800 މިލިއަން ޑޮލަރު ސޮވެރިން ޑިވެލޮޕްމެންޓް ފަންޑާއެކު ދެއްކުމަށް ފަހު އަދި ދެން ނުދެއްކެން އިން އަދަދު ކުރިން އެމްޑީޕީން ނަގާފައި އިން ލޯނުގެ ރޭޓަށް ވުރެ ކުޑަ ރޭޓެއްގައި ނަގައިގެން މާﷲ އިރާދަފުޅާއެކު ސަލާމަތް ވާނެ ކަމުގެ ފޮނި އުއްމީދު މިހާރު އަޅުގަނޑުމެންނަށް އެބައޮތް،" މެންބަރު ޠާރިޤު ވިދާޅުވިއެވެ.
މެންބަރު ޠާރިޤު ވަނީ ސަރުކާރުން ގެނައި އިސްލާހުތަކުގެ ހެޔޮ ބަދަލެއް ރައްޔިތުންނަށް ފެންނާނީ އަންނަ އަހަރު ދައްކަން ޖެހޭ ލޯނުތައް ދެއްކިގެންކަން ފާހަގަކުރައްވާފައެވެ. އެގޮތުން ޑޮލަރުގެ އަގު ދަށްކުރެވޭނީ ރިޒާވަށް ވަންނަ ޑޮލަރު ބޭންކުތައް މެދުވެރިކޮށް ދައުރުކުރެވިގެން ކަމަށާއި، މިކަން ކުރުމަށްޓަކައި ލޯނުތައް ދައްކައި ނިންމަން ޖެހޭކަން އޭނާ ފާހަގަކުރެއްވިއެވެ. ޠާރިޤު ވަނީ ރައީސް މުޢިއްޒު އަޅުއްވާފައިވާ މުހިންމު ފިޔަވަޅުތަކަކީ މީގެ ކުރިން އެއްވެސް ވެރިއަކަށް އަޅުއްވަން ކެރިވަޑައިނުގެންނެވި ފިޔަވަޅުތަކެއްކަން ފާހަގަކުރައްވާފައެވެ.
Ads by MACL
