އަންނަ ދިރާސީ އަހަރު ފެށޭނީ ހުރިހާ ސްކޫލެއްގެ ކްލާސްރޫމްތައް އޭސީކޮށްގެން: ރައީސް
އަންނަ ދިރާސީ އަހަރު ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ދަރިވަރުން ކިޔަވުން ފަށާނީ އެއަރކޮންޑިޝަން ކުރެވިފައިވާ (އޭސީ) ކްލާސްރޫމްތަކުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، "ކޫލް ސްކޫލް" ޕްރޮޖެކްޓްގެ ދަށުން ކުރިއަށްދާ މަސައްކަތްތަކާ ގުޅޭގޮތުން އދ. މަހިބަދޫގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ދުވަސްވަރު ދަރިވަރުންގެ އެންމެ ބޮޑު އެއް އެދުމަކީ ކްލާސްރޫމްތަކުގެ ހޫނުކަމަށް ހައްލެއް ހޯދައިދިނުންކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، އެކަމަށް ޚާއްސަ ސަމާލުކަމެއް ދެއްވައިގެން މިހާރު ކުރިއަށްދާ މަސައްކަތް މި އަހަރު ނިމުމުގެ ކުރިން ނިންމާލެވޭނެ ކަމަށެވެ.
"މިއަހަރު ނިމެންވާއިރަށް ހުރިހާ ރަށެއްގެ ހުރިހާ ކްލާސްރޫމްތަކެއް އޭސީ ކުރާނެ. އެކަން ވަރަށް ރަނގަޅަށް އެޑިއުކޭޝަން މިނިސްޓްރީން އެބަ ގެންދަވާ. އިރާދަކުރެއްވިއްޔާ މި އަންނަ ދިރާސީ އަހަރަށް ކުދީން ރާއްޖޭގެ ހުރިހާ ސުކޫލަކަށް ނިކުންނާނީ އޭސީ ކުރެވިފައި ހުރި ކުލާސްރޫމްތަކަށް ކިޔަވަން،" ރައީސް ވިދާޅުވި އެވެ.
މި ސަރުކާރުން ތަޢުލީމީ ދާއިރާއަށް ދޭ އިސްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ކުދިންގެ ކިޔެވުމުގެ މާހައުލު ރަނގަޅުކުރުމަކީ އެންމެ އިސްކަންދެއްވި އެއްކަންތައް ކަމަށާއި، ހުއްޓިފައިވާ އަދި އަލަށް ފަށާ އެތައް މަޝްރޫޢުއެއް ރާއްޖޭގެ އެކި ރަށްރަށުގައި އެއްފަހަރާ ކުރިއަށްދާ ކަމަށެވެ.
މީގެ އިތުރުން، "ކޫލް ސްކޫލް" ޕްރޮޖެކްޓްގެ ދެވަނަ ފިޔަވައްސެއްވެސް އޮތްކަން ރައީސް ހާމަކުރެއްވިއެވެ. އެ ފިޔަވަހީގެ ދަށުން ސްކޫލްތަކުގެ މައި ހޯލްތަކާއި މަލްޓިޕާޕަސް ހޯލްތައް އޭސީކޮށް، ދަރިވަރުންނަށް އިތުރު ފަސޭހަތަކެއް ޤާއިމުކޮށްދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
Ads by MACL
