ދިވެހިންގެ މެދުގައި ކުރިންއޮތް އިޙްތިރާމުގެ އާދަ ދިރުވަން ޤައުމީ މަޝްރޫޢެއް ފަށަނީ
ދިވެހިންގެ މެދުގައި އިހުޒަމާނުއްސުރެ އޮތް އެއްބައިވަންތަކަމާއި، އެކަކު އަނެކަކަށް އިޙްތިރާމް ކުރުމުގެ ރީތި އާދަތައް އަލުން ދިރުވުމުގެ މަޤްޞަދުގައި "އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢެއް" 2026 ވަނަ އަހަރު ފައްޓަވާނެކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިއުލާން ކުރައްވައިފިއެވެ.
މިކަން ހާމަކުރެއްވީ، އަރިއަތޮޅު ދެކުނުބުރީގެ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، މަހިބަދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ތަރައްޤީއަކީ ހަމައެކަނި އުމްރާނީ ގޮތުން އަންނަ ބަދަލުތަކެއް ނޫންކަމަށާއި، އޭގެ އިތުރުން، މީހުންގެ ވިސްނުމާއި، އުޅުމާއި ގުޅުންތައްވެސް ތަރައްޤީވާންޖެހޭކަން ފާހަގަކުރެއްވިއެވެ. މީގެ އަހަރުތަކެއް ކުރިން ރާއްޖެއަށް ވަދެގެން އައި ސިޔާސީ އޮއިވަރުގެ ސަބަބުން، ދިވެހިންގެ މެދުގައި އޮތް ލޯތްބާއި، ކުލުނާއި، އެކަކު އަނެކަކަށް އިޙްތިރާމް ކުރުމުގެ ރީތި ސިފަތައް ވަރަށް ބޮޑަށް ނެތި ގޮސްފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މިކަން ބަދަލުކޮށް، އިހު އޮތް ރިވެތި އާދަތައް އަނބުރާ ގެނައުމަށް ބޭނުންފުޅުވާކަމަށް ވިދާޅުވެ، ރައީސުލްޖުމްހޫރިއްޔާ ވަނީ މި މަޝްރޫޢުގައި ހުރިހާ ރައްޔިތުންނާއި، ސިޔާސީ ޕާޓީތަކާއި، ކަމާބެހޭ ހުރިހާ ފަރާތްތަކުން ބައިވެރިވުމަށް ގޮވާލައްވާފައެވެ. "މިކަމުގެ ޙަޤީޤީ ނަތީޖާ ފެންނާނީ، އެންމެންގެ ބައިވެރިވުން ލިބިގެން،"ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ، ޙަޤީޤީ މާނާގައި ދިވެހިރާއްޖެ ތަރައްޤީވެގެންދާނީ، މިފަދަ ވަށާޖެހޭ ގޮތެއްގައި ތަރައްޤީ ޙާޞިލުކުރެވިގެން ކަމަށެވެ. އަދި މި ޤައުމީ މަސައްކަތަށް ދިވެހި ހުރިހާ ރައްޔިތުންގެ އެއްބާރުލުން ލިބި، ކާމިޔާބު ހޯއްދެވޭނެކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތްކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
Ads by MACL
