ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

16 އަހަރަށް ފަހު ރައީސަކު ކުނބުރުދޫއަށް ވަޑައިގަތުން، ދޭހަވަނީ ކުރީގެ ރައީސުން ރައްޔިތުންނަށް އަޅާނުލާކަން!

ރައީސް ޑރ. މުއިއްޒު އދ. ކުނބުރުދޫގައި. --- ފޮޓޯ: ރައީސް އޮފީސް
ރައީސް ޑރ. މުއިއްޒު އދ. ކުނބުރުދޫގައި. --- ފޮޓޯ: ރައީސް އޮފީސް

އދ. ކުނބުރުދޫގެ ތަރައްގީއަށް އާ އުއްމީދުތަކެއް ގެނެސްދެމުން، ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އެރަށަށް ޒިޔާރަތްކުރައްވައިފިއެވެ. ރާއްޖޭގެ ރައީސަކު މި ރަށަށް ވަޑައިނުގަންނަވާތާ 16 އަހަރު ފަހުން ކުރެވުނު މި ދަތުރުފުޅަކީ، ކުނބުރުދޫގެ 600 އެއްހާ ރައްޔިތުންނަށް ދިގު އިންތިޒާރެއްގެ ފަހަތުން ލިބިގެންދިޔަ ބޮޑު އުފަލެކެވެ. ރައީސް މުއިއްޒުގެ މި ދަތުރުފުޅާއެކު ގިނަ ތަރައްގީގެ މަޝްރޫއުތަކެއް ވަނީ ފަށައި، ރަށުގެ މުސްތަގުބަލަށް އުޖާލާ ބަދަލުތަކެއް ގެނެސްދީފައެވެ.

އެންމެ ފަހުން ކުނބުރުދޫއަށް ރައީސަކު ވަޑައިގަތީ 2009 ވަނަ އަހަރު އޭރުގެ ރައީސް މުހައްމަދު ނަޝީދެވެ. އޭގެފަހުން، ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާއި، އަބްދުﷲ ޔާމީން އަދި އިބްރާހިމް މުހައްމަދު ސޯލިހު ވެސް ހިމެނިވަޑައިގަންނަވާ އެއްވެސް ރައީސަކު މި ރަށަށް ޒިޔާރަތްކުރައްވާފައެއް ނުވެއެވެ.

ރައީސް ޑރ. މުއިއްޒުގެ މި ދަތުރުފުޅުގައި ކުނބުރުދޫގެ ތަރައްގީއަށް ގިނަގުނަ މަޝްރޫއުތަކެއް ފަށާފައިވެއެވެ. މިގޮތުން، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ހިދުމަތް އެރަށުގައި ވަނީ ރަސްމީކޮށް ފަށާފައެވެ. އަދި 10 އަހަރު ދުވަހު ކުނބުރުދޫގެ ޒުވާނުން އިންތިޒާރު ކުރި ފުޓްބޯޅަ ދަނޑު ރައީސް މުއިއްޒު ވަނީ ރަސްމީކޮށް ހުޅުއްވައިދެއްވާފައެވެ. މި ދަނޑު ހުޅުވުމަކީ ރަށުގެ ކުޅިވަރަށް ލިބިގެންދިޔަ ބޮޑު ކުރިއެރުމެއް ކަމަށް ރަށު ރައްޔިތުން ފާހަގަކުރެއެވެ.

މީގެ އިތުރުން، ރައީސްގެ ދަތުރުފުޅުގައި ކުނބުރުދޫގައި އަލަށް ގާއިމުކުރުމަށް ހަމަޖެހިފައިވާ ސިއްހީ މަރުކަޒަށް އިތުރުކުރެވޭ އިމާރާތުގެ ބިންގާ ވަނީ އަޅައިފައެވެ. އަދި ފުލުހުންގެ މަރުކަޒާއި ފިޓްނެސް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތް ވެސް ވަނީ ފަށާފައެވެ. ރަށުގެ ބިން ހިއްކުމާއި، ގޮނޑުދޮށް ހިމާޔަތް ކުރުމާއި، ބަނދަރުގެ މަސައްކަތް ކުރުމަށް އެމްޓީސީސީއާ ވަނީ ހަވާލުކޮށްފައެވެ.

ރައީސްގެ މި ދަތުރުފުޅާއެކު ކުނބުރުދޫގެ ރައްޔިތުން ވަރަށް ބޮޑަށް އުފާކޮށްފައިވާއިރު، މި ދަތުރުފުޅުގައި ލިބުނު އެންމެ ބޮޑު އެއް ހަދިޔާއަކީ، ކުނބުރުދޫ ކައިރީގައި އޮންނަ ފޮފަޅަގައު ރަސްމީކޮށް ކުނބުރުދޫއަށް ދެއްވުމުގެ ލިޔުން ހަވާލުކުރެއްވުމެވެ.