ކުރީގެ ސަރުކާރުތަކުން 24 އަހަރުވީއިރު 81 ރަށުގައި އޭޓީއެމް ބެހެއްޓުނުއިރު، މި ސަރުކާރުން 8 މަސްތެރޭ 95 ރަށުގައި ބަހައްޓައިފި
ކުރީގެ ސަރުކާރުތަކުން 24 އަހަރު ދުވަހުގެ ތެރޭގައި 81 ރަށުގައި އޭޓީއެމް ޚިދުމަތް ގާއިމުކުރެވިފައިވާއިރު، މި ސަރުކާރުން އެކަނި 8 މަސްދުވަހުގެ ތެރޭގައި 95 ރަށަށް އޭޓީއެމްގެ ޚިދުމަތް ފޯރުކޮށްދީ ރިކޯޑު ކުރިއެރުމެއް ހޯދައިފިއެވެ.
މިކަމުން ދައްކަނީ ރާއްޖޭގެ ރަށްފުށުގެ ރައްޔިތުންނަށް ބޭންކިންގ ޚިދުމަތްތައް ގާތްކުރުމަށް މި ސަރުކާރުން ދޭ ސަމާލުކަމެވެ. ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ "މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް" މަޝްރޫޢުގެ ދަށުން މިހާރު ވަނީ އދ. މަންދޫގައި ސެލްފް-ސަރވިސް ބޭންކިންގ އޭޓީއެމްގެ ޚިދުމަތް ފަށާފައެވެ. މިއާއެކު، އދ. އަތޮޅަކީ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ގާއިމުކުރެވުނު 17 ވަނަ އަތޮޅަށް ވެގެން ގޮސްފިއެވެ. މަންދޫގެ އިތުރުން، މި ހަފްތާގައި ދިއްދޫ، ފެންފުށި އަދި ކުނބުރުދޫގައިވެސް ބީއެމްއެލް އިން ވަނީ އޭޓީއެމް ޚިދުމަތް ގާއިމުކޮށްފައެވެ.
މިދިޔަ 24 އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، 2000 ވަނަ އަހަރުން ފެށިގެން މާލެ ފިޔަވައި އޭޓީއެމް ޚިދުމަތް ގާއިމުކުރެވިފައިވަނީ ޖުމްލަ 81 ރަށުގައެވެ. ނަމަވެސް މި ސަރުކާރުގެ 8 މަސްދުވަހުގެ ތެރޭގައި 95 ރަށަށް މި ޚިދުމަތް ފުޅާކުރެވުމަކީ ބޮޑު ކުރިއެރުމެކެވެ. މިއަދު މަންދޫގައި ގާއިމުކުރެވުނު އޭޓީއެމްއަކީ މި އަހަރުތެރޭ މި ޚިދުމަތް ފެށި 95 ވަނަ ރަށުގެ އޭޓީއެމްގެ އިތުރުން، ބީއެމްއެލްގެ 250 ވަނަ އޭޓީއެމްއެވެ.
Ads by BMLއޭޓީއެމް ޚިދުމަތް ނުލިބޭ މީހުން ދިރިއުޅޭ ރަށްތަކުގެ އަދަދު މިހާރު ހުރީ އެންމެ 10 ރަށުގައެވެ. އެއީ ލ. އަތޮޅުގެ 7 ރަށާއި، ޅ. އަތޮޅުގެ 1 ރަށާއި، އައްޑޫ ސިޓީގެ 2 ރަށެވެ. ބީއެމްއެލްގެ އަމާޒަކީ މި މަހުގެ ތެރޭގައި މި ރަށްރަށުގައިވެސް ޚިދުމަތް ގާއިމުކޮށް، މުޅި ރާއްޖެއަށް އޭޓީއެމްގެ ޚިދުމަތް ފުޅާކުރުމެވެ.
ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ބީއެމްއެލްގެ އޭޓީއެމް ވިއުގައިން މާލޭގައި ދުވާލަކު 14,000 ޓްރާންސެކްޝަން ހަދައި 78 މިލިޔަން ރުފިޔާ ދައުރުކުރެއެވެ. އަދި އަތޮޅުތަކުގައި ދުވާލަކު 9,000 ޓްރާންސެކްޝަން ހަދާއިރު ދައުރުކުރާ ފައިސާގެ އަދަދަކީ 25 މިލިޔަން ރުފިޔާއެވެ.
ރަށްރަށުގައި ބީއެމްއެލްއިން ބަހައްޓާ އޭޓީއެމްތަކަކީ ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން އަސާސީ ބޭންކިންގ ޚިދުމަތްތައް ލިބޭ އޭޓީއެމްތަކަށް ވުމުން، ރާއްޖޭގެ ކޮންމެ ރަށެއްގައި ހުރެގެންވެސް ބޭންކިންގ ޚިދުމަތް ހޯދުމަށް މި މަޝްރޫޢުގެ ސަބަބުން މަގުފަހިވެގެން ދާނެ ކަމަށް ސަރުކާރުން ވިދާޅުވެއެވެ. މީގެ އިތުރުން ފަތުރުވެރިކަން ފުޅާވެފައިވާ ބައެއް ރަށްރަށުގައި ޑޮލަރު އޭޓީއެމް ބެހެއްޓުމުގެ މަސައްކަތްވެސް ގައުމީ ބޭންކުން ދަނީ ކުރަމުންނެވެ.
Ads by MACL
