ރައީސް މުއިއްޒުގެ "ރެސްޕެކްޓް ކެމްޕޭން" އަކީ އިޖްތިމާޢީ ވަބާއަށް ހައްލެއް: ނަރީޝް
ރައީސް މުއިއްޒުގެ "ރެސްޕެކްޓް ކެމްޕޭން" އަކީ އިޖްތިމާޢީ ވަބާއަކަށް އޮތް ހައްލެއް ކަމުގައި މާލޭގެ ކުރީގެ ޑެޕިއުޓީ މޭޔަރު އަދި ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވަޒީރުގެ އެޑްވައިޒަރު އަޙްމަދު ނަރީޝް ވިދާޅުވެއްޖެއެވެ.
ދިވެހި މުޖުތަމަޢުގައި އިޙްތިރާމް ކުރުން ކުޑަވެފައިވާ ކަމަށް ވިދާޅުވެ، ، ރައީސް ޑރ. މުޙައްމަދު މުއިއްޒު ފައްޓަވަން ނިންމަވާފައިވާ "ރެސްޕެކްޓް ކެމްޕޭން" އަށް ވަރަށް ބޮޑަށް ތަޢުރީފު ކުރައްވައި ނަރީޝް މިއަދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، "އަހަރެމެންގެ މުޖުތަމައުގައި އިޙްތިރާމް ނުކުރުމުގެ އިޖްތިމާޢީ ވަބާ މިއަދު މިވަނީ ފެތުރިފައި ކަމުގައެވެ.
އެނާ ފާހަގަކުރެއްވި ގޮތުގައި، ދަރިން މައިންބަފައިންނަށް، މައިންބަފައިން ދަރިންނަށް، ފިރިން އަނބިންނަށް، އަނބިން ފިރިންނަށް، އަވަށްޓެރިން އަވަށްޓެރިންނަށް، ދަރިވަރުން އުސްތާޛުންނަށް، އުސްތާޛުން ދަރިވަރުންނަށް، މުވައްޒަފުން ވެރިންނަށް، ވެރިން މުވައްޒަފުންނަށް އިޙްތިރާމް ކުރުން ކަންބޮޑުވާން ޖެހޭ މިންވަރަކަށް ކުޑަވެފައިވެއެވެ.
"މުޅި ގައުމުގެ އިޖްތިމާޢީ ފޭރާން އެކީ ވީދި ކުދިކުދިވެފައި މި ހާލަތުގައި ގައުމުގެ ވަލިއްޔުލްއަމްރުގެ ހައިސިއްޔަތުން ލޮބުވެތި ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ އިސްނެންގެވުމުގެ ދަށުން ”ރެސްޕެކްޓް ކެމްޕޭން“ އަންނަ އަހަރު ރާއްޖޭގައި ފައްޓަވަން ނިންންމުމަކީ މިގައުމުން ގެއްލި ގޮސްފައިވާ އަދި ގެއްލެމުންދާ އިސްލާމީ ރިވެތި އުސޫލާއި ޒަމާންތަކެއް ވަންދެން ދިވެހީންގެ ތެރޭ އެކަކު އަނެކަކަށް އިޙްތިރާމްކުރުމަށް ގެންގުޅުން ރިވެތި އާދަކާދައާއި ސުލޫކު އަލުން މި މުޖުތަމައުގައި އާލާކޮށް އަށަގެންނެވުމަށް އެމަނިކުފާނުގެ ހިތްޕުޅުގައި އޮތް މަތިވެރި އަޒުމް ހާމަވެގެންދާ ކަމެއް!" ނަރީޝް ލިޔުއްވިއެވެ.
Ads by BMLއަދި އެމަނިކުފާނަށް އިޚްލާސްތެރި ޝުކުރެއް ދަންނަވާ ކަމަށްވެސް ނަރީޝް ވިދާޅުވިއެވެ.
މި ކެމްޕޭންގެ މައިގަނޑު ބޭނުމަކީ، ދިވެހި މުޖުތަމަޢުގައި އިސްލާމީ ރިވެތި އުޞޫލުތަކާއި ދިވެހި އާދަކާދައިގެ ތެރެއިން އޮންނަންޖެހޭ އިޙްތިރާމް އަލުން އާލާކޮށް، ގުޅުންތައް ބަދަހިކުރުމެވެ.
އަޙްމަދު ނަރީޝް އަކީ ސިޔާސީ ގޮތުންނާއި އިޖްތިމާޢީ ގޮތުން ފާހަގަކޮށްލެވޭ ބޭފުޅެކެވެ. މާލޭގެ ޑެޕިއުޓީ މޭޔަރުކަން ކުރައްވާފައިވާ ނަރީޝް، މިހާރު ހުންނެވީ ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވަޒީރުގެ އެޑްވައިޒަރުގެ މަޤާމުގައެވެ. ޒުވާނުންގެ ހައްގުތަކާއި މުޖްތަމަޢުގެ ހަމަޖެހުމަށް މަސައްކަތްކުރައްވާ ބޭފުޅެއްގެ ގޮތުގައި އެނާ މަޝްހޫރެވެ.
މި ކެމްޕޭނަކީ ދިވެހި މުޖްތަމަޢަށް ދިމާވެފައިވާ އިޖްތިމާޢީ މައްސަލަތަކަށް ހައްލެއް ހޯދުމަށް ރައީސް މުއިއްޒުގެ ސަރުކާރުން ކުރައްވާ މުހިންމު މަސައްކަތެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެއެވެ.
Ads by MACL
