ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އަރިއަތޮޅު ދެކުނުބުރިއަށް ކުރެއްވި ތާރީޚީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް މުޢިއްޒު މިއަދު މާލެ ވަޑައިގެންފި

އަރިއަތޮޅު ދެކުނު ބުރީ މީހުންދިރިއުޅޭ ހުރިހާ ރަށަކުން ވެސް ރައީސަށް ދެންނެވީ ވަރަށް ހޫނު މަރުޙަބާއެއް --- ފޮޓޯ: ރައީސް އޮފީސް
އަރިއަތޮޅު ދެކުނު ބުރީ މީހުންދިރިއުޅޭ ހުރިހާ ރަށަކުން ވެސް ރައީސަށް ދެންނެވީ ވަރަށް ހޫނު މަރުޙަބާއެއް --- ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އަރިއަތޮޅު ދެކުނުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރެއްވި ތާރީޚީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު މާލެއަށް ވަޑައިގެންފިއެވެ. މި ދަތުރުފުޅަކީ އަތޮޅުގެ 10 ރަށަކަށް ޒިޔާރަތްކުރައްވައި، ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި، ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ފައްޓަވައިދެއްވި ކާމިޔާބު ދަތުރުފުޅެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި ދަނގެތި، ދިއްދޫ، އޮމަދޫ، ދިގުރަށް، މާމިގިލި، މަންދޫ، ފެންފުށި، ހަންޏާމީދޫ، މަހިބަދޫ، އަދި، ކުނބުރުދޫއަށް ވަޑައިގެންނެވިއެވެ. ކޮންމެ ރަށެއްގައި ވެސް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި ރައްޔިތުންނާ ބައްދަލުކުރައްވައި، އެރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި، ރަށާއި ރައްޔިތުންގެ ހާލަތާ ގުޅޭގޮތުން ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާފައެވެ. ސަރުކާރުގެ ބައެއް ވަޒީރުންނާއި ކުންފުނިތަކުގެ ވެރިން ހިމެނޭ ވަފުދެއް ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގެންނެވިއެވެ. އެ ވަފުދުން ވަނީ ކޮންމެ ރަށެއްގައި މިހާރު ފަށާފައިވާ އަދި ފެށުމަށް ހަމަޖެހިފައިވާ މަސައްކަތްތަކާ ގުޅޭގޮތުން އަދާހަމަ މަޢުލޫމާތު ފޯރުކޮށްދެއްވާފައެވެ.

މި ދަތުރުފުޅުގެ އެންމެ މުހިންމު އެއް ކަމަކީ، އަތޮޅުގެ އެކި ރަށްރަށަށް އަމާޒުކުރައްވައިގެން ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ފައްޓަވައި، އެއްބަސްވުންތަކުގައި ސޮއިކުރެއްވުމެވެ. ބައެއް ރަށްރަށުގައި ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމްގެ ޚިދުމަތް ފަށްޓަވައިދެއްވީ ވެސް މި ދަތުރުފުޅުގެ ތެރެއިންނެވެ. މީގެ އިތުރުން ސަރުކާރުގެ އެއްފަސްކުރުމުގެ ސިޔާސަތާއި ގުޅޭ ބައެއް މަޝްރޫޢުތަކާއި، ގެދޮރުވެރިކަމާއި ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކާއި، ތަޢުލީމާއި، ސިއްޙަތާއި، ހަށިހެޔޮކަމާއި ގުޅުންހުރި ބައެއް މަސައްކަތްތައް ވެސް ވަނީ ފައްޓަވާފައެވެ. މި ހުރިހާ ދާއިރާއަކުން ވެސް ރަށްރަށަށް ބޭނުންވާ ތަރައްޤީ ކަށަވަރުކޮށްދެއްވުމަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަޤީންކަން ރައީސް ވަނީ ރައްޔިތުންނަށް ދެއްވާފައެވެ.

ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޕާސްޕޯޓުގެ ޚިދުމަތް ޤާއިމުކުރުމުގެ ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅު ފުއްދެވީ ވެސް މި ދަތުރުފުޅުގެ ތެރެއިންނެވެ. އޮކްޓޫބަރު 7 ވަނަ ދުވަހުގެ ރޭ މަހިބަދޫގައި ޕާސްޕޯޓް ދޫކުރުމުގެ ޚިދުމަތް ފަށްޓަވައިދެއްވުމާއެކު، ރާއްޖޭގެ ހުރިހާ އަތޮޅެއްގައި މި ޚިދުމަތް ފެށިގެން ދިޔައީއެވެ.

ލާމަރުކަޒީ އުސޫލުން، ރައްޔިތުންނާ ގާތަށް ޚިދުމަތްތައް ގެނެސްދެއްވުމަކީ މި ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވާ މުހިންމު ސިޔާސަތެކެވެ. ރައްޔިތުންގެ އަސާސީ މުހުތާދުތައް ރަށުގައި ތިބެގެން ފުއްދޭނެ އިންތިޒާމު ހަމަޖައްސަވައި، ބޮޑު ޚަރަދުކޮށް މާލެ އައިސް ކޮންމެ ކަމެއް ކުރަން ރައްޔިތުން އުފުލާ ބުރަ ނިމުމަކަށް ގެނެސްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާގެ އަމާޒުފުޅެކެވެ. ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއައްސަވައި، ހާލުއަހުވާލު ބައްލަވައި، ރައްޔިތުންނާ ގާތުން މަސައްކަތްކުރެއްވުމަކީ ވެސް މި ސަރުކާރުން އަހަންމިއްޔަތުކަންދޭ ސިޔާސަތެކެވެ.

މުޅި ރާއްޖެއަށް އަމާޒުކުރައްވައިގެން ކުރިއަށްގެންދަވާ މަޝްރޫޢުތަކާއި، ނިންމަވަން ގަސްތުކުރައްވާ ބައެއް ކަންކަމުގެ ތަފްސީލުތައް ވެސް ރައީސް ވަނީ މި ދަތުރުފުޅުގެ ތެރެއިން ރައްޔިތުންނާ ހިއްސާކުރައްވާފައެވެ. ރާއްޖޭގައި ހުރި އެކި މައްސަލަތައް ހައްލުކުރުމަށް ޤާނޫނީ ގޮތުން ގެންނަންޖެހޭ ބަދަލުތައް ގެނައުމަށްޓަކައި، މި އޮކްޓޫބަރު މަހު ފެށުނު މަޖިލީހުގެ ދައުރަށް 27 ބިލެއް ހުށަހެޅުއްވުމުގެ މަސައްކަތް ކުރައްވަމުން އަންނަކަން ރައީސް ވަނީ އިޢުލާންކުރައްވާފައެވެ. އަދި ދިވެހީންގެ ތެރޭގައި އިހުއޮތް އެކަކުއަނެކަކަށް އިޙްތިރާމްކުރުމުގެ އާދަކާދަ ދިރުވުމަށްޓަކައި "އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު" އެއް ފައްޓަވަން އެދިވަޑައިގަންނަވާކަމަށާއި، މިކަމުގައި ހުރިހާ ފަރާތްތަކުން ވެސް ޝާމިލުވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ގޮވާލައްވާފައެވެ.