އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް ހަތަރު އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފި
ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް، ބައްސާމް އަދީލް ޖަލީލް، އެސޯސިއޭޝަނުގެ ފައިސާއަށް ޚިޔާނާތްތެރިވި މައްސަލައެއްގައި ހަތަރު އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފިއެވެ.
2018 ވަނަ އަހަރު ފީފާއިން އެފްއޭއެމްއަށް ފޮނުވި ފައިސާގެ ތެރެއިން 10،000 އެމެރިކާ ޑޮލަރު (154،000 ދިވެހި ރުފިޔާ) އޭނާގެ އަމިއްލަ އެކައުންޓަށް ޖަމާކުރި މައްސަލައަކީ މި ހުކުމާ ގުޅިގެން ދައުލަތުން ދައުވާ ކުރި މައްސަލައެވެ. ބޭންކް ޗާޖަށްފަހު، 9،999 ޑޮލަރު ބައްސާމްގެ އެކައުންޓަށް ޖަމާވެފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
ގާޒީ އިސްމާއިލް ޝަފީއު ހުކުމް އިއްވަމުން ވިދާޅުވީ، މި ފައިސާއަކީ އެފްއޭއެމްގެ ރައީސްގެ އެލަވަންސްގެ ގޮތުގައި ލިބުނު ފައިސާއެއް ނޫން ކަމަށާއި، އެއީ އެފްއޭއެމްއަށް ޑޮލަރު ގަތުމުގެ މުއާމަލާތެއްގެ ގޮތުގައި ދައްކާފައިވާ ފައިސާއެއް ކަމަށެވެ. ނަމަވެސް މި ފައިސާއަށްވާ ދިވެހި ރުފިޔާ އެފްއޭއެމްއަށް ލިބިފައިނުވާ ކަމަށާއި، ބައްސާމް މި ފައިސާ އަމިއްލަ ބޭނުންތަކަށް ބޭނުންކޮށްފައިވާކަން ހެކިތަކުން ސާބިތުވެފައިވާ ކަމަށް ގާޒީ ފާހަގަކުރެއްވިއެވެ.
ބައްސާމްގެ މައްޗަށް އެންމެ މަތީ އަދަބު ކަނޑައެޅުއްވީ އޭނާ މި ޢަމަލު ހިންގާފައިވަނީ އެފްއޭއެމްގެ ރައީސްގެ މަޤާމުގައި ހުރެގެން ކަމަށްވާތީއާއި، ފުޓްބޯޅަ ކުރިއެރުވުމަށް ލިބޭ ފައިސާ އަމިއްލަ ބޭނުމަށް ހޭދަކޮށްފައިވާތީއެވެ. މީގެ އިތުރުން މިހާތަނަށްވެސް މި ފައިސާ އަނބުރާ ދައްކާފައިނުވާކަންވެސް ގާޒީގެ ހުކުމުގައި ފާހަގަކުރެވިފައިވެއެވެ.
މި މައްސަލައާ ގުޅިގެން މަނީ ލޯންޑްރިންގެ ދައުވާއެއް ބައްސާމްގެ މައްޗަށް ދައުލަތުން އުފުލާފައިވީނަމަވެސް، އެ ދައުވާއާ ގުޅޭ ހުކުމެއް މިއަދުގެ ވަގުތާ ހަމައަށް އިއްވާފައެއް ނުވެއެވެ. އެފްއޭއެމްގެ ފައިސާއަށް ޚިޔާނާތްތެރިވި މައްސަލައިގައި ބައްސާމްގެ މައްޗަށް އިތުރު ދައުވާތަކެއްވެސް ދައުލަތުން ވަނީ އުފުލާފައެވެ.
Ads by MACL
