ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ދިވެހި ސަރުކާރަށް 37 މިލިއަން ރުފިޔާ ދިނުމަށް އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއަށް ދުބާއީ ކޯޓަކުން އަމުރުކޮށްފި!

އެޓާނީޖެނެރަލް އުޝާމް ---
އެޓާނީޖެނެރަލް އުޝާމް ---

ކޮވިޑް-19 ބަލިމަޑުކަމުގެ ތެރޭގައި ދިވެހި ސަރުކާރުން އޯޑަރުކުރި ވެންޓިލޭޓަރުތައް ފޯރުކޮށްނުދިނުމާ ގުޅިގެން، ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން ކުންފުންޏާއި އެ ކުންފުނީގެ ހިއްސާދާރުން ދިވެހި ސަރުކާރަށް 37 މިލިއަން ރުފިޔާ (8.9 މިލިއަން ދިރުހަމް) ދެއްކުމަށް ދުބާއީގެ ކޯޓަކުން އިއްޔެ އަމުރުކޮށްފިއެވެ. މި ފައިސާ ދެއްކުމަށް ހަތް ދުވަހުގެ މުއްދަތެއް ވެސް ވަނީ ދީފައެވެ.







އެޓާނީ ޖެނެރަލް އަހުމަދު އުޝާމް މިއަދު މިކަން ކަށަވަރުކޮށްދެއްވަމުން ވިދާޅުވީ، ދުބާއީގެ ކޯޓުން އިއްޔެ ނެރުނު އަމުރެއްގައި، އިއްޔެއިން ފެށިގެން ކުރިއަށް އޮތް ހަތް ދުވަހުގެ ތެރޭގައި އެގްޒެކިއުޓާސް ކުންފުންޏާއި އެ ކުންފުނީގެ ހިއްސާދާރުން ދިވެހި ސަރުކާރަށް 8.9 މިލިއަން ދިރުހަމް (37 މިލިއަން ރުފިޔާ) ދައްކަން އަންގާފައިވާ ކަމަށެވެ. އަދި މި އަމުރަށް ތަބާނުވެއްޖެނަމަ، ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމަށް ދެން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.


މި މައްސަލަ ދުބާއީގެ ކޯޓަށް ހުށަހެޅީ މިދިޔަ އަހަރުގެ މާޗު މަހުގައެވެ. އެއީ، މޯލްޑިވްސް އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރުން މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އެ ކުންފުނިން ދިވެހި ސަރުކާރަށް 34.5 މިލިއަން ރުފިޔާ ދައްކަން އަމުރުކުރުމުން ވެސް ފައިސާ ނުދެއްކުމުންނެވެ.


އާބިޓްރޭޝަނުން ކުރިން އަންގާފައިވަނީ ބަދަލާ އެކު، އާބިޓްރޭޝަނަށް ދައްކަން ޖެހޭ ފައިސާއާ އެކު 32 މިލިއަން ރުފިޔާ ދޭންޖެހޭނެ ކަމަށެވެ. ނަމަވެސް އެ އެންގުމާ އެއްގޮތަށް އަދިވެސް ފައިސާ ނުދެއްކާތީ ދެވަނަ ފަހަރަށް އަމުރު ނެރުނީ ޖޫރިމަނާ ހިމަނައިގެންނެވެ. އެހެންވެ، ދިވެހި ސަރުކާރަށް ލިބެންޖެހޭ ފައިސާގެ އަދަދު މިހާރު 37 މިލިއަން ރުފިޔާއަށް އަރަ އެވެ.


ކޮވިޑް-19ގެ ނުރައްކާ ރާއްޖެއަށް އެންމެ ބޮޑުވެފައިވަނިކޮށް، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުގައި، 75 ވެންޓިލޭޓަރު ގެނައުމަށް ހެލްތު މިނިސްޓްރީއާއި ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ އެކު އެއްބަސްވުމެއް ހެދީ 2020 ވަނަ އަހަރުގެ އޭޕްރީލް 2 ގައެވެ. މި އެއްބަސްވުމުގެ ދަށުން ބޭންކް ގެރެންޓީއަކާ ނުލައި، ވެންޓިލޭޓަރުތަކަށް ހަރަދު ކުރަން ނިންމި 34 މިލިއަން ރުފިޔާގެ ތެރެއިން 30 މިލިއަން ރުފިޔާ އެޑްވާންސްގެ ގޮތުގައި އެ ކުންފުންޏަށް ދޫކޮށްފައިވެއެވެ.


ނަމަވެސް، އެގްޒެކިއުޓާސް ކުންފުނިން 75 ވެންޓިލޭޓަރު ވިއްކަން އެއްބަސްވެފައިވީނަމަވެސް ފޯރުކޮށްދީފައިވަނީ އެންމެ 10 ވެންޓިލޭޓަރެވެ. އެތަކެތި ވެސް ބޭނުމެއް ނުކުރެވުނެވެ. ބާކީ ވެންޓިލޭޓަރުތައް ހަވާލުނުކުރުމުން، ހެލްތު މިނިސްޓްރީން އެންގީ 31 މިލިއަން ރުފިޔާ އަނބުރާ ރައްދުކޮށްދިނުމަށެވެ. އެކަމަކު އެ ފައިސާ ވެސް އެ ކުންފުނިން ދައްކާފައިނުވެއެވެ.


މި މައްސަލައިގައި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މީގެ ކުރިން ފަސް ފަހަރެއްގެ މަތިން ދައުވާކުރަން ފޮނުވައިފިއެވެ. އެކަމަކު، އުންސުރުތައް ހަމަނުވާ ކަމަށް ބުނެ، ކޮންމެ ފަހަރަކު ވެސް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް (ޕީޖީ) އިން ވަނީ އެ މައްސަލަ އަނބުރާ އަލުން ތަހުގީގުކުރަން ފޮނުވާލައިފައެވެ. ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ހިމެނޭހެން 10 މުވައްޒަފެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ހަތަރު ފަހަރެއްގެ މަތިން ޕީޖީއަށް ފޮނުވުމުން ވެސް ވަނީ ތަހުގީގު ފުރިހަމަނުވާ ކަމަށް ބުނެ އަނބުރާ ފޮނުވާލާފައެވެ. އެހެންވެ، އެ ކޮމިޝަނުން ވަނީ ކުރީގެ މިނިސްޓަރު އަމީން ހިމެނޭހެން އަށް މީހެއްގެ މައްސަލަ ފައިލްކޮށްފައެވެ.


ބަންޑާރަ ނައިބު އުޝާމް ކުރިން ވިދާޅުވެފައިވާ ގޮތުގައި، އާބިޓްރޭޝަން ކުރިއަށް ދިޔައިރު ވެސް އެ ކުންފުނި ވީ ތަން ނޭނގޭއިރު އެއްވެސް ބަޔާނެއް ވެސް ހުށަހަޅާފައި ނުވެއެވެ. އަދި އެ ކުންފުންޏަކީ ދުބާއީގައި ރަޖިސްޓްރީކޮށްފައިވާ ކުންފުންޏެއް ކަމަށް ވާތީ، ދުބާއީގެ ކޯޓުތަކަށް އެ މައްސަލަ ހުށަހެޅީކަމަށް އޭނާ އޭރު ވިދާޅުވިއެވެ. އޮޑިޓް ރިޕޯޓާއި އޭސީސީގެ ތަހުގީގު ރިޕޯޓުން އެނގޭ ގޮތުގައި އެހާ ބޮޑު އަދަދެއް އެއްފަހަރާ ދޫކުރިއިރު، ވެންޓިލޭޓަރު ފޯރުކޮށްދިނުމުގެ ގާބިލްކަން ހުރިތޯ ވެސް ބަލާފައިނުވެ، ކުންފުންޏާ ބެހޭ އެއްވެސް ތަފްސީލެއް ހޯދާފައިނުވެއެވެ.