ގައުމީ ޓީމުގެ 4 ކުޅުންތެރިންނާއެކު ނިއުރޭޑިއަންޓުން ވިމެންސް ޗެމްޕިއަންޝިޕްގައި ވާދަކުރަނީ
މި ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ އަންހެން ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގައި، ދިވެހިރާއްޖޭގެ އެންމެ ކާމިޔާބު ފުޓުބޯޅަ ކުލަބުތަކުގެ ތެރޭގައި ހިމެނޭ ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުން ގައުމީ ޓީމުގެ ހަތަރު ކުޅުންތެރިއަކާއެކު ވާދަކުރާނެކަން ހާމަކޮށްފިއެވެ.
ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އަންހެން ފުޓުބޯޅަ ކުރިއެރުވުމަށް ބާއްވާ މި މުބާރާތަކީ، ކުލަބުތަކަށް އަންހެން ޓީމުތައް އުފައްދައި، ވާދަކުރުމަށް ލިބޭ ރަނގަޅު ފުރުސަތެކެވެ.
ނިއުރޭޑިއަންޓްގެ ޗެއާމަން އަހުމަދު މުބީން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ޓީމު އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި، ގައުމީ ޓީމުގެ ހަތަރު ކުޅުންތެރިއަކާ އެކު އެއްބަސްވުންތައް ހެދިފައިވާ ކަމަށެވެ. މުބީން އިތުރަށް ވިދާޅުވީ، ކުޅުންތެރިންނާ އެކު އެގްރީމެންޓްތައް ހަދައި، ޓީމު ވަރަށް އަވަހަށް އިއުލާން ކުރާނެ ކަމަށެވެ. މިއީ ނިއުރޭޑިއަންޓް ފަދަ ބޮޑު ކުލަބަކުން އަންހެން ފުޓުބޯޅައަށް ދޭ ސަމާލުކަން އިތުރުވެގެންދާނެ ކަމެކެވެ.
Ads by BMLއެފްއޭއެމްގެ ފުޓުބޯޅަ ކަލަންޑަރުގައި ހިމެނޭ މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިމަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. މި މުބާރާތް ކުޅުމަށް ހަމަޖެހިފައިވަނީ 11 އަސައިޑް މުބާރާތެއްގެ ގޮތުގައެވެ. މުބާރާތުގެ ގަވާއިދުގައިވާ ގޮތުން، ކޮންމެ ޓީމެއްގައިވެސް ގައުމީ އަންހެން ޓީމުގެ ގިނަވެގެން ހަތަރު ކުޅުންތެރިން ހިމެނިދާނެއެވެ.
ރާއްޖޭގައި އެންމެ ގިނަ ސަޕޯޓަރުން ތިބި ކުލަބުތަކުގެ ތެރޭގައި ހިމެނޭ ނިއުރޭޑިއަންޓުން ހަމައެކަނި ފިރިހެނުންގެ ފުޓުބޯޅައިގައި ނޫނި ބައިވެރިވަނީ. މީގެ ކުރިން ބާއްވާފައިވާ އެކިއެކި މުބާރާތްތަކުގައި ނިއުގެ އަންހެން ފުޓުބޯޅަ ޓީމުން ވެސް ވަނީ ވާދަކޮށްފައެވެ. އަދި އެހެނިހެން ކުޅިވަރުތަކުގައި ވެސް ވާދަކޮށް ރަން ވަނަތަކެއް ހޯދާފައިވެއެވެ.
Ads by MACL
