ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ބިދޭސީންނަށް ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރިވެސް ރާއްޖޭގައި ކުރުން މަނާކޮށްފި

އިމިގްރޭޝަނުން ޗެކްކުރި ފިހާރައެއްގައި ބިދޭސީ ސޭޓަކު --- ފޮޓޯ: އިމިގްރޭޝަން
އިމިގްރޭޝަނުން ޗެކްކުރި ފިހާރައެއްގައި ބިދޭސީ ސޭޓަކު --- ފޮޓޯ: އިމިގްރޭޝަން

ދިވެހިރާއްޖޭގައި ބޭރުގެ އިންވެސްޓަރުންނަށް ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރިކުރުން މަނާކޮށް، ފޮރިން އިންވެސްޓްމަންޓް ޤާނޫނަށް (ނަންބަރު 11/2024) ގެނެވުނު މުހިންމު އިސްލާހުތައް މިއަދު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު 3 ސެޕްޓެންބަރު 2024 ގައި ތަސްދީޤުކުރެއްވި މި ޤާނޫނުގެ 11 ވަނަ މާއްދާގެ ދަށުން ގެނެވުނު މި ބަދަލުތަކުގެ މައިގަނޑު މަޤްސަދަކީ، ދިވެހި ވިޔަފާރިވެރިން ވާދަވެރިކަމާއެކު ހަރަކާތްތެރިވަމުން އަންނަ އިޤްތިޞާދީ ސިނާޢަތްތައް ދިވެހި ވިޔަފާރިވެރިންނަށް ޚާއްސަކޮށް، އަދި ބޭރުގެ އިންވެސްޓަރުންގެ ތަޖުރިބާއާއި އިންވެސްޓްމަންޓް ބޭނުންވާ ދާއިރާތަކަށް އެފަރާތްތަކަށް ފުރުސަތު ފަހިކޮށްދިނުމެވެ.

އައު އިސްލާހުތަކުގެ ދަށުން އިންވެސްޓްމަންޓް ދާއިރާތައް ވަނީ ތިން ބަޔަކަށް ބަހާލާފައެވެ. އެއީ:

  1. ބޭރުގެ އިންވެސްޓްމަންޓްތަކަށް އެއްކޮށް ހުޅުވާލެވިފައިވާ ދާއިރާތައް.

  2. ޖޮއިންޓް ވެންޗަރ އުސޫލުން ބޭރުގެ އިންވެސްޓްމަންޓްތަކަށް ހުޅުވާލެވިފައިވާ ދާއިރާތައް.

  3. ބޭރުގެ ފަރާތްތަކުން އިންވެސްޓްކުރުން މަނާ ދާއިރާތައް.

މި އިސްލާހުތައް އެކުލަވާލުމުގައި ޤައުމީ ސަލާމަތަށް ކޮށްފާނެ އަސަރާއި، ޑޮމެސްޓިކް މާކެޓްގެ ވާދަވެރިކަމަށް ކޮށްފާނެ އަސަރު، އަދި އެ ދާއިރާއެއްގައި ދިވެހި ވިޔަފާރިވެރިން ހަރަކާތްތެރިވާ މިންވަރަށް ވަނީ ރިޢާޔަތްކުރެވިފައެވެ. މީގެއިތުރުން، އިންސާނީ ވަސީލަތް ތަރައްޤީވެފައިވާ މިންވަރާއި، ވަޒީފާގެ ފުރުސަތުތައް އުފެދޭނެ މިންވަރަށްވެސް ވަނީ ބެލިފައެވެ. މި އިސްލާހުތަކަކީ ވަޒީރުންގެ މަޖިލީހުން ފާސްކޮށްފައިވާ އިސްލާހުތަކެކެވެ.

އައު އުސޫލުތަކުގެ ދަށުން ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރިއާއި، ލޮޖިސްޓިކްސްގެ ހިދުމަތާއި، އާންމު ކަނޑު ދަތުރުފަތުރުގެ ހިދުމަތާއި، ބަންކަރިންގެ ހިދުމަތުގެ އިތުރުން 15 މިލިއަން ޑޮލަރުން ދަށުގެ ކޮންސްޓްރަކްޝަން މަޝްރޫއުތައް ވަނީ ދިވެހީންނަށް ޚާއްސަކުރެވިފައެވެ.

އިގްތިސާދީ ވުޒާރާގެ އިސް އޮފިޝަލަކު މީޑިއާއަކަށް ވިދާޅުވީ، 2020 ވަނަ އަހަރުން ފެށިގެން ރީޓެއިލް ވިޔަފާރީގައި ބޭރު މީހުން އުޅުން މަނާ ކުރެވިފައިވީ ނަމަވެސް، އޭގެ ކުރިން ހިންގަމުން ދިޔަ ބައެއް ވިޔަފާރިތަކަށް އެފަދަ ވިޔަފާރި ކުރުމުގެ ފުރުސަތު ދެވިފައިވާ ކަމަށެވެ. ނަމަވެސް، އާ ގަވާއިދުގެ ދަށުން މި ވިޔަފާރިތައް "ޓްރާންސިޝަން އައުޓް" ވާންޖެހޭނެއެވެ. މި ޓްރާންސިޝަން މުއްދަތުތައް ކަނޑައަޅާނީ އެ ވުޒާރާގައި ގާއިމުކުރާ ފޮރިން އިންވެސްޓްމަންޓް ޓްރާންސިޝަން ކޮމިޓީއަކުންނެވެ. އަދި ކުރިން ދޫކޮށްފައިވާ ހުއްދަތަކުގެ ދަށުން ހިންގަމުންދާ ވިޔަފާރިތަކަށް އައު އެންޓްރީ ރިކުއަމަންޓްސްއާ އެއްގޮތަށް ބަދަލުވުމަށް ވަކި އުސޫލުތަކެއް ކަނޑައެޅޭނެއެވެ.