ޝައްމު ކިޔާލި ހިންދީ ލަވަޔާއިއެކު، ބިދަބިންއިން އިންޑިޔާ ގުގުމާލައިފި
އިންޑިއާގައި މިހާރު ކުރިއަށްދާ 9 ވަނަ އިންޓަރނޭޝަނަލް އިންޑިއަން ފޯކް ފެސްޓިވަލްގައި، ދިވެހިރާއްޖޭގެ މަޝްހޫރު ބިދަބިން ގްރޫޕުން ހުށަހެޅި ހުށަހެޅުންތަކާއެކު، އިންޑިއާ ގުގުމާލައިފިއެވެ. 12 ޤައުމު ބައިވެރިވި މި ފެސްޓިވަލްގެ އެންމެ ފޭވަރިޓް ގްރޫޕަކަށް ވެގެންދިޔައީ ރާއްޖޭގެ ބިދަބިން ކަމަށް ރިޕޯޓްތައް ބުނެއެވެ.
ފެސްޓިވަލްގައި، ރާއްޖޭގެ ދިދަ އެތައް ޤައުމެއްގެ ކުރިމަތީގައި ނަގައި، ބިދަބިން ގްރޫޕުން ދިވެހި ބޮޑުބެރުގެ ހުށަހެޅުންތައް ފޯރިއާއެކު ހުށަހަޅާފައިވެއެވެ.
މީގެ އިތުރުން ބިދަބިންގެ ލީޑް ވޮކަލިސްޓް ޝައްމު ކިޔާލި ހިންދީ ލަވައެއް ވަނީ އޯޑިއަންސްގެ ޚާއްސަ އެދުމަކަށް ވެގެން ގޮސްފައެވެ. މި ލަވަޔާއެކު، އިންޑިއާގެ އެތައް ބަޔެއްގެ ހިތްތަކުގައި ބިދަބިން ވަނީ ޖާގަ ހޯދާފައެވެ.
Ads by BMLމި ހުށަހެޅުންތައް ކުރިއަށްދިޔައިރު، މުޅި އޯޑިއަންސުން "މޯލްޑިވްސް، މޯލްޑިވްސް" މިހެން ގޮވާ އަޑު އިވިގެންދިޔައީ ބިދަބިން އަކީ އަބަދުވެސް ތަފާތު ބައެއްކަން ދައްކުވައިދޭ ހެއްކެއްގެ ގޮތުގައެވެ.
އޮކްޓޯބަރު 5 އިން 10 އަށް ކުރިއަށްދާ މި ބޮޑު ފެސްޓިވަލަކީ އިންޑިއާގެ މުއްސަނދި އަދި ދިގު ތާރީޚީ ސަގާފަތް ދައްކުވައިދިނުމަށް ބާއްވާ ބޮޑު އިވެންޓެކެވެ. އިންޓަރނޭޝަނަލް އިންޑިއަން ފޯކް ފެސްޓިވަލްގެ މައިގަނޑު މަޤްޞަދުތަކަކީ އިންޑިއާއާއި އެހެން ޤައުމުތަކުގެ ދެމެދުގައި ސަގާފީ ގުޅުން ބަދަހިކުރުމާއި، އަވަށްޓެރި ޤައުމުތަކުގެ ސަގާފަތަށް އިޙްތިރާމްކޮށް އެ ސަގާފަތްތައް ދިރުވައި އާލާކުރުމަށް އެހީތެރިވުމެވެ.
މީގެ އިތުރުން، ސަގާފީ ފަންނާނުންނަށް އެބައިމީހުންގެ ހުނަރުތައް ދައްކުވައިލުމުގެ ބައިނަލްއަޤްވާމީ މަންސައެއް ހޯދައިދީ، މުޅި ދުނިޔޭގައި ހިމެނޭ ތަފާތު ސަގާފަތްތަކުގެ ރީތިކަމާއި މުއްސަނދިކަން ދައްކުވައިދިނުމަކީވެސް މި ފެސްޓިވަލްގެ މުހިންމު މަޤްޞަދުތަކެކެވެ.
އިންޑިއާގެ އެކި ސްޓޭޓްތަކުގެ އިތުރުން ބައިނަލްއަޤްވާމީ ފަންނާނުންނާއި ސަގާފީ ގްރޫޕްތައް އެއްތަނަކުން ބައްދަލުކޮށް، އެބައިމީހުންގެ ސަގާފީ ހުނަރުތައް ދައްކުވައިލުމުގެ ފުރުސަތު މި ފެސްޓިވަލުން ލިބިގެންދެއެވެ.
މި ފެސްޓިވަލްގައި ދިވެހި ސަގާފީ ކުޅަދާނަ ހުނަރުތައް ދައްކައިލުމުގެ ފުރުސަތު ލިބުނުކަމަށްޓަކައި ބިދަބިންއިން ވަނީ އިންޑިއާ ސަރުކާރަށާއި، އިންޑިއަން ހައިކޮމިޝަނަރ ޖީ. ސުބްރަމާނިއަން އަދި އިންޑިއަން ކަލްޗަރަލް ސެންޓަރުގެ ޑިރެކްޓަރ މަންޖިސްތާ މުކަރުޖީއަށް ޝުކުރު އަދާކޮށްފައެވެ.
ބިދަބިން އިވެންޓްސްގެ އޯނަރ އާއްކޮ ބުނި ގޮތުން ބިދަބިންއަށާއި އަދި ލޯކަލް ފަންނާނުންނަށް އިންޑިއާ ސަރުކާރުން ދޭ އެހީތެރިކަމަށް އިޚްލާސްތެރިކަމާއެކު ޝުކުރު އަދާކުރައްވައެވެ. ޚާއްސަކޮށް އިންޑިއަން އެމްބެސެޑަރ އަދި އައި.ސީ.ސީ (އިންޑިއަން ކަލްޗަރަލް ސެންޓަރ) ގެ ޑިރެކްޓަރ ވެދެއްވާ އެހީތެރިކަމާއި، ހޯދައިދެއްވާ ފުރުޞަތުތަކަކީ ދިވެހި ފަންނުވެރިން އުފަލާއެކު ބަލައިގަންނަ ކަމެއްކަމަށް އާއްކޮ ފާހަގަކުރިއެވެ.
ބިދަބިންއަކީ ފާއިތުވި 17 އަހަރު ދުވަހުގެ ތެރޭގައި ދިވެހި ސަގާފަތް ދިރުވައި އާލާކުރުމަށް ގިނަ ޚިދުމަތްތަކެއް ކޮށްފައިވާ ގްރޫޕެކެވެ. މީގެ ކުރިންވެސް ބިދަބިންއިން ވަނީ ބޭރުގެ އެކި ޤައުމުތަކުގައި ދިވެހި ސަގާފީ އެކި ހުށަހެޅުންތައް ހުށަހަޅާފައެވެ.
ބިދަބިން އިވެންޓްސްގެ މެނޭޖިންގ ޑިރެކްޓަރ އާއްކޮގެ ދުރުވިސްނޭ ޚިޔާލުތަކާއެކު ބިދަބިން ދަނީ ރާއްޖޭގައި އެކި ގޮތްގޮތުން ކާމިޔާބީތައް ހޯދަމުންނެވެ. ޚާއްސަގޮތެއްގައި އިވެންޓް މެނޭޖްމަންޓް ދާއިރާ އާއި މުނިފޫހިފިލުވުމުގެ ދާއިރާއިން ގިނަ ކުރިއެރުންތަކެއް ވަނީ ހޯދާފައެވެ.
Ads by MACL
