އައިޖީއެމްއެޗުން ފުރަތަމަފަހަރަށް ރެޓީނާ ލޭޒާ ޓްރީޓްމަންޓް ދޭން ފަށައިފި
ރާއްޖޭގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗުގައި ދުވަސްނުފުރާ ވިހާ ތުއްތު ކުދިންގެ ލޮލުގެ ފެނުން ރައްކާތެރިކުރުމަށްޓަކައި އަލަށް "ރެޓިނާ ލޭޒާ ޓްރީޓްމަންޓް" ދޭން ފަށައިފިއެވެ. މިއީ މިފަދަ ނާޒުކު ކުދިންނަށް ރާއްޖެއިން މިފަދަ ޚިދުމަތެއް ލިބެންފެށި ފުރަތަމަ ފަހަރެވެ.
އައިޖީއެމްއެޗުގެ ސީއީއޯ، އިބްރާހިމް އަބްދުއްރައްޒާގު ހަލީމް، ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި މިކަން ހާމަކުރައްވަމުން ވިދާޅުވީ، މިއީ އެންމެ ނާޒުކު ތުއްތު ކުދިންގެ ފެނުމުގެ ބާރު ރައްކާތެރިކުރުމަށް ދެވޭ ޚާއްސަ ފަރުވާ އެއް ކަމަށެވެ. މީގެ ކުރިން މިފަދަ ފަރުވާ ބޭނުންވާ ކުދިންނަށް ރާއްޖެއިން ބޭރުން ފަރުވާ ހޯދަންޖެހުނު ނަމަވެސް، މި ޚިދުމަތް ރާއްޖެއިން ލިބެން ފެށުމާއެކު އެއްވެސް ހުރަހެއް ނެތި ފަރުވާ ލިބޭނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މި ފުރުޞަތުގައި އައިޖީއެމް ހޮސްޕިޓަލުގެ އޮފްތަލްމޮލޮޖީ ޑިޕާޓްމަންޓުގެ ޑޮކްޓަރުންނާއި ނަރުހުންނަށް އޭނާ ވަނީ ޝުކުރު އަދާކުރައްވާފައެވެ.
Ads by BMLތުއްތު ކުދިންނަށް ދެވޭ ރެޓިނާ ލޭޒާ ފަރުވާ ބޭނުންކުރަނީ "ރެޓިނޯޕެތީ އޮފް ޕްރީމެޗުރިޓީ" (ROP) އަށް ފަރުވާ ދިނުމަށެވެ. މި ބައްޔަކީ ދުވަސްނުފުރާ ވިހާ ކުދިންގެ ލޮލުގެ ރެޓިނާގައި އާދަޔާޚިލާފަށް ލޭހޮޅިތައް އުފެދޭ ބައްޔެކެވެ.
މި ޓްރީޓްމަންޓްގައި ޕެރިފެރަލް ރެޓިނާއަށް ލޭޒާ ޖަހައި، އާންމުކޮށް ނުހުންނަ ލޭހޮޅިތައް ކުޑަކޮށް، އިތުރަށް އުފެދުން ހުއްޓުވައެވެ. މީގެ ސަބަބުން ރެޓިނާގައި ސްކާރިން އުފެދުމާއި، ރެޓިނަލް ޑިޓާޗްމަންޓް (ރެޓިނާ ވަކިވުން) ހުއްޓުވުމަށް އެހީތެރިވެދެއެވެ. މިއީ އެންމެ ކުޑަ ވަދެގަތުމެއް ބޭނުންކޮށްގެން ކުރިއަށް ގެންދެވޭ ފަރުވާ އެކެވެ.
Ads by MACL
